ވިޔަފާރި

ކަޅުކުލައިގެ ކަންނެލި ހާއްސަވީ ކީއްވެ؟

މުހައްމަދުގެ އަތުގައި އޮތް ނަނަށް ވާން ވެއްޖެ އެވެ. "ކަލޯ މިއޮތީ ބޮޑު ގޮލައެއް" ކަމަށް ދޯނީގައި ތިބި ފަޅުވެރިނަށް ގޮވާލަމުން އޭނާ ބުންޏެވެ. ބަލާކަށް ނުހުރެ އެވެ. އެ ސޮރުގެ ކަރުގައި ދާވަނީގެ ބުޅި އެޅުވުމާއެކު ދަމާކޫތާފައި ދޯންޏަށް ނެގި އެވެ. އެއީ ބޮޑު ކަންނެއްޔެކެވެ. އެކަމަކު ތަފާތެވެ. އާދަޔާ ހިލާފު ގޮތެއް އޭގައި ހުއްޓެވެ.

"ކަންނެލި ބޭނިއިރު ނޭނގެ މިއީ ތަފާތު އެއްޗެއް ކަމެއް. އެކަމަކު ފަހުން ބެލުމުން އެނގުނީ މި ތަފާތުކަން،" ކަންނެލި ބޭނި އއ. ތޮއްޑޫ، "ނަސްރު 2" ދޯނީގައި މަސައްކަތް ކުރާ މުހައްމަދު އާދަމް ބުންޏެވެ.

އޭނާ ބުނި ގޮތުގައި މި ކަންނެލީގެ ކުލަ ތަފާތުކަން އެނގުނީ ދޯނީގައި ބޭއްވި ފަހުންނެވެ. މިއީ އާދައިގެ ކަމެއް ނޫނޭ އޭރުވެސް މުހައްމަދު ބުންޏެވެ.

"ދޯންޏަށް ނެގިތަނާ އެހެން ކުއްޖަކު ބުނީ މި ކަންނެލި ތަފާތޭ. ދެން ބެލިއިރު އެއީ ތެދެއް މީގެ ކުލަވެސް ތަފާތު އާއްމުކޮށް ބޮޑު ކަންނެލި ހުންނަނީ ރީނދޫ ކުލައިގެ އުރަހަ. އެކަމަކު މީގައި ހުރީ ކަޅުކުލަ،" މުހައްމަދު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެމީހުންގެ ގަބޫލު ކުރާ ގޮތުގައި މިއީ "ބްލެކް ފިން ޓޫނާ" އެކެވެ. މިއީ ރާއްޖެއަށް އާއްމުކޮށް ބާނާ ބާވަތުގެ ކަންނެއްޔެއް ނޫނެވެ.

"ކަންނެލި ހިފައިގެން މާލެ އައިސް އަޅުގަނޑުމެން މެރިން ރިސާޗް ސެންޓަރަށް ގުޅީ. ފޮޓޯތައް ނަގާފަ މެރިން ރިސާޗް ސެންޓަރަށް ފޮޓޯތައް ދިނީ،" މުހައްމަދު ބުންޏެވެ.

މި ކަންނެއްޔަށް "ތަފާތު އަގެއް" ހޯދުމަށް މުހައްމަދު މަސައްކަތް ކުރި އެވެ. އެކަމަކު އެ މަސައްކަތް ކާމިޔާބެއް ނުވި އެވެ.

"ކަންނެލި ގަތް މީހުން ކައިރީ ބުނިން ލިބޭ އަގު ތަފާތު ވާނެހޭ. އެކަމަކު ރަނގަޅު އަގެއް ނުލިބުނު. ގަތް މީހުން ބުނީ ތިއީ މައްސަލައެއް ނޫނޭ،" މުހައްމަދު ބުންޏެވެ.

ކަންނެލީގެ ފޮޓޯތައް މެރިން ރިސާޗް ސެންޓަރަށް ލިބުމާއެކު މަސްވެރިކަމުގެ ދިރާސާތައް ކުރާ މި ސެންޓުން ވަނީ މި ކަންނެލީގެ ހަގީގަތް ހޯދާފަ އެވެ. ދުނިޔޭގައި ފާހަގަ ކޮށްލެވޭ މަސްވެރިކަމުގެ ތަޖުރިބާކާރުންގެ ލަފާ ހޯދި އެވެ.

މެރިން ރިސާޗް ސެންޓަރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ކަންނެއްޔަށް ކަޅު ކުލަ އަރާފައިވަނީ ޖެނެޓިކް ގޮތުން އައިސްފައިވާ ބަދަލެއްގެ ސަބަބުންނެވެ.

"މި ބާވަތުގެ ކަންނެލި ބޭނި ކަމަށް ރެކޯޑް ކުރެވިފައިވަނީ ކިޔުބާއަށް. އޭގެ ފަހުން ދުނިޔޭގެ އެއްވެސް ތަނަކުން މީގެ ކަންނެއްޔެއް ބޭނި ކަމެއް ނޭނގެ. އެހެންވެ މިއީ ވަރަށް ހާއްސަ ކަމެއް. ދުނިޔޭގައިވެސް މި ނޫނީ މި ބާވަތުގެ ކަންނެއްޔެއް ބާނާފައެއް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.

ތޮއްޑޫ ދޯނިން ބޭނި ކަންނެލި ވަނީ ހާއްސަ ވެފަ އެވެ. މިކަން މިހާރުވަނީ ދުނިޔޭގެ ފެންވަރުގައ ވެސް ރެކޯޑު ކުރެވިފަ އެވެ.