ނިތްކުރިއަށް ގިނަވަމުން ދިޔަ ދާތައް އަތުގެ ނުފުށުން ފޮހެލެވުނެވެ. ލޮލުގެ ފަލަކޮޅަށް ޒާތެއްގެ އުނދަގޫތަކެއް ވަމުން ދިޔަ އެވެ. ނޭނގޭ ދިލައެއްގެ އިހުސާސް ކުރެވެމުން ދިޔަ އެވެ. އޭރު މުޅި މީހާވަނީ ދާ ހިއްލާ ފޯވެފަ އެވެ. ނިތްކުރިން ފައިބަމުން ދިޔަ ދާތަކުގެ ސަބަބުން ލޯ ކަރަމުން ދިޔަ އެވެ. ކަނާއަތު ކޮނޑާއި އުޅަނބޮއްޓާ ދެމެދު މުލައްދަނޑި މައްޗަށް ހިއްލައިލީމެވެ. މަޑުމަޑުން ދެ ލޯ މަރައިލަމުން ބޯ އަރިކޮށްލީމެވެ. މޫނު ޖައްސާލެވުނީ ހިކަނދިމަސްގަނޑުގަ އެވެ. ލައިގެން ހުރި ޓީޝާޓުގެ އަތް، ރަވަތަކުގައި ޖެހުނެވެ. މަޑުމަޑުން މޫނު ދެ ފަރާތަށް ހަރަކާތްކޮށްލީމެވެ. ހިކަނދިމަސްގަނޑުގައި މޫނު ޖައްސާލަމުންނެވެ.
ކުއްލިއަކަށް މޫނަށް އެއްޗެއް އެޅުނުހެން ހީވި އެވެ. އަވަސް އަވަހަށް މައްޗަށް ބަލައިލެވުނެވެ. އަހަންނަށް ފެނުނީ ހުދުކުލައިގެ ކުނޑިތަކެކެވެ. އެއީ، އަތްތިލައިގައި ހުރި ގޮނދަން ފުށެވެ. ފާޑަކަށް ހިނި ވެސް އާދެވުނެވެ. ވާނީ ވެސް އެހެންތާއެވެ. ހުރިހާ ސަކަރާތެއް މި ޖެހެނީ ފުށްމޮޑެން ހުރެގެންނެވެ.
"ޝަރީފޫ. ޝަރީފޫ." ނިޔާޒާގެ އަޑު ކަންފަތުގައި ޖެހުނެވެ.
އެއަޑާއެކު ވިންދު އަވަސްވިއެވެ. ޒިންކާ ދިމާއަށް ދުއްވައިގަނެވުނެވެ. އަވަސް އަވަހަށް ދެއަތް ދޮވެލެވުނެވެ. އަތުގައި ހުރި ފެންތައް ޓީޝާޓުގެ ފަސްބައިގެ ބަތާނައިން ފޮހެލެވުނެވެ. އެއަށްފަހު މޫނުގައި އަތް ހިންގައިލެވުނެވެ. މޫނު ފޮހެލެވުނެވެ. މޭޒުމަތީގައި ހުރި ކޮފީތައްޓާއި ބިސްގަނޑު އޮތް، ވަތުތަށި ތަބަކަށް ލައިގެން ހިނގައިގަތީމެވެ.
"ހާދަ ލަސްވެއްޖޭ. މިހާރު ކިހާއިރެއް؟ އަހަރެން ބަނޑުހައިވެގެން ހާންތިވަނީއޭ." ކޮޓަރީގެ ދޮރުހުޅުވާލި އިރަށް ނިޔާޒާ ޝަކުވާތައް ކަންފަތަށް ވަދެގަތެވެ.
"ފުށް މޮޑެން ހުރީމަ. ކޮފީތަށި ކުޑަކޮށް ހޫނުވީމަ މަޑުކޮށްލީ. ފުށްމޮޑެލައިފަ އަންނަން." އެނދު ކައިރީގައި ހުރި މޭޒުމަތީގައި ތަބަށް ބަހައްޓައިލަމުން އަހަރެން ބަލައިލީމެވެ.
ނިޔާޒާ އެނދުގައި ހަމަޖެހިލި އެވެ. ގައި މަތީގައި އޮތް ރަނޖާގަނޑު ނަގައި ކަކުލާ ހަމައަށް ޖައްސާލި އެވެ. ރޭގަނޑެއް ފަދަ ކަޅު އިސްތަށިގަނޑު ނަގައި ކޮނޑުގެ ދެފަރާތަށް ވައްޓައިލި އެވެ.
"އެކަމަކު މިހާރު ކިހާއިރެއް؟ ނުވައެއް ޖަހަނީއޭ. ހައެއް ޖެހީއިރު ބުއި ބުއްތަށީގެ ވަރެއް މިހާއިރު ވާއިރު ނުހުންނާނެ ކަން ޝަރީފަށް ވެސް އެގެންވާނެ." ނިޔާޒާ ހިތްހަމަ ނުޖެހުނެވެ.
"އެހެންވީމަތާ ގަޑިން ގަޑިއަށް، ތަރުތީބުން ކަންކަން ކުރެވޭތޯ މި ބަލަނީ." އަހަންނަށް ބަލައިލެވުނީ ނިޔާޒާގެ މޫނަށެވެ.
ނިޔާޒާ ވެސް ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. ނިޔާޒާގެ މޫނުމަތީގެ ކުލަވަރު ބަދަލުވި އެވެ. މޫނުމަތިން ފެންނަމުން ދިޔަ ނުރުހުމުގެ އަސަރުތައް ކެހި، ލުއި ހިނިތުންވުމެއް ތުންފަތުގައި ދުވެލި އެވެ. އޭނާ އަނގަމަތީގައި އަތް އެޅިއެވެ. ބާރުބާރަށް ހޭން ވެސް ފެށި އެވެ. އަހަންނަށް ބަލަން ހުރެވުނީ އެވެ.
"ކިހިނެއްވީ؟" ނިޔާޒާގެ ގާތުގައި އިށީންނަމުން އަހަރެން ބުނެލީމެވެ.
"މޫނު.. މޫނު." ނިޔާޒާ އަނގަމަތީގައި އަތް އަޅައިގެން އިނދެ ހެމުން ދިޔަ އެވެ.
އަހަންނަށް މޫނުގައި އަތް ޖައްސާލެވުނެވެ.
"މޫނަށް ކިހިނެއްވީތަ؟" ދެއަތުން މޫނުގެ އެތަން މިތަން ފޮހެލީމެވެ.
"ހުސް ހުދު.. ހުސް ފުށް،" ނިޔާޒާ ހިނިގަނޑު މައިތިރި ކުރެވޭތޯ ބެލި އެވެ. "ނިތްކުރީ ވެސް، ބޮލުގަ ވެސް."
އަހަންނަށް ބަލަން އިނދެވުނީއެވެ. ނިޔާޒާގެ ހިނިތުންވުމަށެވެ. އެ ފަރި ދެ ލޮލަށެވެ. އެ މޫނުގެ އުޖާލާ ކަމަށެވެ.
"ކީއްވެ ތިބަލަނީ؟" ނިޔާޒާ ލަދުގަންނަ ގޮތްވާން ފެށި އެވެ.
"މަނާ ކަމެއްތަ؟ ޔަގީންނުން ވެސް ހިލޭ މީހަކަށް ނުބަލަން. ބެލުންތައް ތިރިކުރަންޖެހޭ ވަރު ކަމެއް ނުކުރަން." އަހަރެން ބޭނުންވީ ނިޔާޒާއާ ސަމާސާ ކޮށްލާށެވެ.
"އެހެންތަ؟ އެކަމަކު ތިގޮތަށް ބެލީމަ ވަރަށް އުނދަގޫވޭ. ފާޑެއްގެ ގޮތެއް އިހުސާސް ކުރެވޭ." ނިޔާޒާގެ ހިމަހިމަ އިނގިލިތަކުން މޫނު ނިވާކޮށްލި އެވެ.
"މޫނު ނިވާ، ނުކުރާށެ މަގޭ ރީތިވި ރާނީ، ތިހާ ދެން އުޖާލާ ކަމެއް ވޭހޭ؟" ރާގު އަޅުވާލަމުން އަހަރެން ނިޔާޒާގެ އަތުގައި ހިފައިލީމެވެ.
"އެ ކީއްވެހޭ ނިވާވަމުން އެ ހަނދުފިލީ؟" ނިޔާޒާ ވެސް ރާގުގައި ބުނެލި އެވެ.
"ރީތި ސާފު މޫނަކާ ސުވާލު ކުރޭ." އަހަރެން ޖަވާބު ދިނީ ނިޔާޒާގެ ސުވާލަށެވެ.
"ރީތީ ހީލީމާ. ރީތީ ހީލީމާ." އަނެއްކާ ވެސް ނިޔާޒާ ސުވާލު ކޮށްލި އެވެ.
"ލޯބި. އިޝްގު. ޖަޒުބާތު. މި އިހުސާސްތައް. އެ ހިތްހަމަޖެހުން. މިއީ ދުލަކުން ގަލަމަކުން ބުނެދޭން ނޭނގޭ އިހުސާސެއް. އަހަންނަށް ކަލާ އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން ވެސް މިއަދާ ހަމައަށް ވެސް މި ކުރެވެނީ އެއް އިހުސާސެއް. އެއީ ލޯބި. އިޝްގު. ނިޔާ އަހަންނަށް އާއެކޭ ބުނި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ބޭނުންވަނީ ނިޔާ އުފަލުގައި ގެންގުޅެން." ނިޔާޒާގެ ހިމަހިމަ އިނގިލިތަކުގައި ހިފައިގެން އިނދެ ވައި އަޑުން އަހަރެން ކިޔައިދެމުން ދިޔައީމެވެ.
"އަހަންކަށް ނޭނގެ ޝަރީ އަހަރެން ދެކެ ތި ވަރަށް ލޯބިވާން ޖެހޭ ސަބަބެއް. އަހަންނަކަށް ނުވިސްނޭ ޝަރީ އަހަންނަށް ޓަކައި ތިވަރު ގުރުބާނެއް ވާން ޖެހޭ ސަބަބެއް ވެސް." ނިޔާޒާގެ އަޑުގައި ރިހުން އެކުލެވެމުން ދިޔައެވެ.
"ތެދުވެރި ލޯތްބަކީ ކޮންމެ ހާލަކަށް ތިމާ ވެއްޓުނަސް ބަދަލުވާނެ އެއްޗެއް ނޫން،" ނިޔާޒާގެ ކަނާއަތް ނަގައި އަހަރެންގެ މޭމަތީގައި ޖައްސައިލީމެވެ. "މިތަނުގައި އޮންނަނީ އެންމެ ހިތެއް. ވިންދު ޖަހަނީ ހަމައެކަނި އެ ހިތުން. މި ހިތުގައި ޖަހާ ކޮންމެ ވިންދެއް ގޮވަނީ ނިޔާއަށް. އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް."
"އަހަރެން ގަބޫލުކުރަން. ޝަރީގެ ލޯތްބާ މެދު ޝައްކެއް ނުކުރަން. އަބަދުވެސް ހެޔޮ ހިތުން، ހިތުން ރުހުމުން ގަބޫލުކުރަން." ނިޔާޒާ ފެންކަޅިވިއެވެ.
"އުފާވެރި މޫނަށް ކަޅުފުސް ވިލާތައް އަރުވަން ޖެހޭ ސަބަބެއް ނުވިސްނޭ. އަބަދުވެސް ހިނިތުންވެ، އުފަލުގައި އުޅެން އަހަރެން ބޭނުންވަނީ،" ނިޔާޒާގެ ދަތްދޮޅީގައި ހިފާ މައްޗަށް ހިއްލައިލީމެވެ. "އަހަރެންގެ މުޅި ހަޔާތް، އަހަރެންގެ ހުރިހާ ވަގުތެއް، ހުރިހާ ވިސްނުމެއްގެ މިލްކުވެރިއަކީ ތީ. ތިޔަ މޫނަށް ހިނިތުންވުން ގެނައުމަކީ އަހަރެންގެ އުއްމީދު. އެކަމަށް ނޫނެކޭ ނުބުނޭ. ދެލޮލަށް ކަރުނަ ގިނަ ނުކުރޭ. ތުންފަތަށް މޯޅިވެރިކަބް ނުގެނެސް ފަރިވެ ފޮޅިލަން ފުރުސަތުދީ."
މޭޒުމަތީގައި ހުރި ކޮފީތަށި ނަގައި ނިޔާޒާއާ ދިމާއަށް ދިއްކޮށްލީމެވެ. ނިޔާޒާ ލުއި ގޮތަކަށް ހިނިތުންވެލި އެވެ. އޭނާ ދެ ތުންފަތަށް ބާރު ކޮށްލި އެވެ. އޭނާގެ ތުނބުގައި ކޮފީތަށި ޖައްސާދިނީމެވެ. ނިޔާޒާ މަޑުމަޑުން ހިންދިރުވާލި އެވެ. އަހަންނަށް ބެލުނީ އޭނާގެ ކަރާ ދިމާއަށެވެ. ލަނގޮނޑި ވަޅަށެވެ. އެ އަރުގެ ތެރެއިން އެތެރެއަށްދާ ކޮފީތައް ވެސް އަހަންނަށް ފެންނަ ފަދައެވެ. އެ ހިމަ ކަރުގެ ހަރަކާތްތަކަށް ބަލަން އަހަންނަށް އިނދެވުނީއެވެ.
ނިޔާޒާ ހަރަކާތެއް ކޮށްލިއެވެ. އަހަންނަށް މާނަ ކުރެވުނީ ރަނގަޅަށެވެ. އޭނާ އެދުނީ ބިސްގަނޑަށެވެ. ކޮފީތަށި މޭޒުމަތީގައި ބެހެއްޓީމެވެ. މަޑުމަޑުން ވަތުތަށި ނަގައި، ސަމުސަލުން ބިސްގަނޑުން އެތިކޮޅެއް ނައްޓައިލުމަށް ފަހު ދިއްކޮށްލީމެވެ. ނިޔާޒާ އަނގަ ހުޅުވާލި އެވެ. އަހަރެން ހިނިތުންވެލީމެވެ. އޭނާގެ ރީތި ހުދުކަން ގަދަ ކުދިކުދި ދަތްތަކަށް ބަލަން އިނދެވުނީ އެވެ. ނިޔާޒާ ސަމުސަލުގައި ދަތް ޖައްސާލި އެވެ.
ސިހިފައި އަހަރެން ފަހަތަށް އަތްދަމައިގަތީމެވެ. ނިޔާޒާ ފާޑަށް ބަލައިލިއެވެ. ބުމަ އާއި މޫނަށް ރޫތަކެއް އަރުވާލަމުންނެވެ.
"ކިހިނެއްވީ؟" އަނގަ ހަރަކާތްކޮށްލަމުން ނިޔާޒާ ބުނެލި އެވެ.
"ކަމެއް ނުވޭ." އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.
"ނުވާނެ. ޝަރީ އަކަށް ދޮގު ހަދާކަށް ވެސް ނޭނގޭނެ." ނިޔާޒާ އަހަރެންގެ ލޮލަށް ބަލައިލި އެވެ.
"ރަނގަޅަށް މި ބުނީ. އެއްވެސް ކަމެއް ނުވޭ." ބިސްގަނޑުން އިތުރު އެތިކޮޅެއް ނައްޓައިލަމުން ސަމުސާ ނިޔާޒާއަށް ދިއްކޮށްލީމެވެ.
"ގަޑި ޖެހެނީދޯ؟" ނިޔާޒާ ބަލައިލީ ފާރުގައި ހުރި ގަޑިއަށެވެ.
"އާން! މިހާރު އިންޓަވަލް ގަޑި ޖެހެނީ." އަހަރެން ވެސް ބަލައިލީ ގަޑިއަށެވެ.
"ރޮށި ފިހުނީމަ ނިމުނީ. ކުޅިމަސް ވެސް ހުންނާނީ ތައްޔާރުކޮށްފަ." ކޮފީތަށި ނަގައި ނިޔާޒާގެ ތުނބުގައި ޖައްސާލީމެވެ.
"ދެންމެ ސުކޫލުން ވެސް ގުޅި. ސިނާނު ކޮންމެ ވެސް ކުއްޖަކާ ތޮޅިގެން ބައްދަލުކޮށްލަން ބޭނުންވެގެންނޯ،" ނިޔާޒާގެ މޫނުމަތީގެ ކުލަވަރު ބަދަލު ކޮށްލި އެވެ. "އަހަރެން ބުނެފިން ބަލިވެގެންނޭ މިއުޅެނީ. ނުދެވޭނޭ. އޭނާ ބައްޕައަކަށް ވެސް ނުދެވޭނޭ."
"އެކަމަކު ކީއްވެ އެހެން ބުނީ؟" އަހަރެން ހިތްހަމަ ނުޖެހުނެވެ. "ސިނާނުގެ ކަމެއް ވެއްޖެ ނަމަ އަހަރުމެން ފަރުވާ ކުޑަ ކުރާކަށް ނުވާނެއްނު. އެއީ އަހަރުމެންގެ ހުރި ހަމައެކަނި ދަރިއެއްނު. އޭނާއަށް ރަނގަޅު ތަރުބިއްޔަތެއްދީ، ރަނގަޅަށް ބަލައި ބޮޑު ކުރުމީ އަހަރުމެންގެ ވާޖިބެއްނު."
"ތި އެއްކަލަ ވާޖިބުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތާ ހަނދާންކޮށްދޭން ފެށީއޭ. ދެން އިހުސާސްތެރިކަމާ، ވަފާތެރިކަމާ، ކިޔަމަންތެރިކަމާ، ނިޔަނެތިކަމުގެ ފަތިވަރު އަމުނަން ފަށަންވީ. ޝަރީއަށް ކީއްވެތަ ނުވިސްނެނީ؟" ނިޔާޒާ ހިތްހަމަ ނުޖެހުނުވެ.
"އަހަރެން." އަހަރެން ބުނަން އުޅުނުވާހަކަ ބޭރު ނުކޮށް ހުއްޓައިލީމެވެ.
"މަ އެންމެ ފޫހިވާ ކަމަކީ އެއީ، ޒިންމާއާއި ވާޖިބުތައް އަމުނައިގެން އެއް ވާހަކައެއް އަބަދާއަބަދު ހަނދާންކޮށްދޭތީ. ހިތަށްއަރާ މިކަމުން ސަލާމަތްވާނީ ކޮން ދުވަހަކުން ބާއޭ. މި މުސީބާތުން މަށަށް މިންޖު ވެވޭނީ ކިހިނެއް ކަންތައް ކޮށްގެން ބާއޭ؟" ނިޔާޒާ ރުޅި ގަދަވިއެވެ. "މަށަށް މި އާފާތުގެ ތެރެއިން ނުކުމެ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވޭނީ ކިހިނެއްބާއޭ އަބަދާއަބަދު ވެސް ސުވާލުކުރެވޭ. މި ދެން ކިހާ ބޮޑު ވެއްޖެ ކަމެއް." (ނުނިމޭ)