ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުންނަށް މިއަދު މަގުމަތިން މީހަކު ދިމާކޮށް ފުރައްސާރަ ކުރުމާ ގުޅިގެން، އެ މީހާގެ މައްސަލަ ބަލާ ފިޔަވަޅު އަޅަން ޖުމްހޫރީ ޕާޓީން ގޮވާލައިފި އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައީސް ވަހީދުގެ ދެކަނބަލުން މިއަދު ހެނދުނު ކަސްރަތު ކުރައްވަން ނިކުމެވަޑައިގެން އުޅުއްވަނިކޮށް ސިޔާސީ ޕާޓީއެއްގެ އެކްޓިވިސްޓަކު އެ ދެކަނބަލުންނަށް ނިސްބަތްކޮށް ހަޑިހުތުރުބަހުން މުހާތަބުކޮށް ފުރައްސާރަކުރި ކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މިއަދު ފެނިގެންދިޔައީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށާ އެފަދަ އަމަލެއް ކުރީ ކޮންމެ މީހެއްނަމަވެސް ގާނޫނުތަކުގައި ކަނޑައަޅާފައިވާ އަދަބު ދިނުމަށް ޖުމްހޫރީ ޕާޓީން ވަނީ ގޮވާލާފައެވެ.
"..އެފަދަ ގާނޫނީ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ނަގަހައްޓާ ދަމަހައްޓާ އާންމު މަސްލަހަތު ހިމާޔަތްކޮށް އިޖްތިމާއީ ހަމަޖެހުން ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލަން،" ޖޭޕީން ނެރުނު ބަޔާނުގައިވެއެވެ.
ރައީސް ވަހީދަށް ފުރައްސާކުރި މައްސަލަ ކުރީގެ ރައީސް މައުމޫންވެސް ވަނީ ކުށްވެރިކުރައްވާފައެވެ. ރައީސް މައުމޫން ވިދާޅުވީ ރައީސް ވަހީދުގެ ދެކަނބަލުންނަށް އެމްޑީޕީގެ އެކްޓިވިސްޓަކު ފުރައްސާރަކުރި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ރައީސް ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމް ހުސެއިން މިއަދު ހެނދުނު މާލެ އުސްފަސްގަނޑު ސަރަހައްދަށް ވަޑައިގެން އުޅުއްވަނިކޮށް އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ޖޯރޭ އެ މަނިކުފާނަށް ހަމަލާ ދީފައިވާ ކަމަށެވެ.
އަދި އެ މަންޒަރު އެ ތަނުގައި ކަސްރަތު ކުރަން ތިބި މީހުނަށް ފެންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެ މައްސަލައާއި ގުޅިގެން ރައީސް ސޯލިހް ވަނީ ރައީސް ވަހީދަށް ގުޅުއްވާ ހާލު ބައްލަވާފައެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުންވެސް ވަނީ ހާމަކޮށްފައެވެ.