ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ މައްޗަށް ދޮގު ބަޔާނެއް ދިނުމުގެ ދައުވާ އުފުލައިފި

ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމުން ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒު މައްޗަށް ދޮގު ބަޔާނެއް ދިނުމުގެ ދައުވާ އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ޖޫން 25، 20019 ގައި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ (ނޫމަޑި) ނަމަކަށް ކިޔާ ކުންފުންޏަކުން ދިވެހި ސަރުކާރާ ދެކޮޅަށް، ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށައަޅާފައިވާ މައްސަލާގައި ކުންފުނީގެ ހެކިވެރިއަކަށްވެ، ހައުސިން ޔުނިޓް މަޝްރޫއާއި ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުންދިޔަ ކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާނެ ކަމަށް ބުނެ ދޮގު ބަޔާނެއްދީފައިވާތީ މާފަންނު، ދިމްޔާތު ޑރ މުހައްމަދު މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ އުފުލާ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

ނޫމަޑިއަށް ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން 848 މިލިއަން ރުފިޔާ ދޭން ޖެހުމާ ގުޅިގެން މުއިއްޒުގެ މައްސަލަ ފުލުހަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެފައި ވަނީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ވެސް ދިޔައީ ބަލަމުންނެވެ. އަދި މަޖިލީހަށް ވެސް މުއިއްޒު ހާޒިރުކޮށް ސުވާލު ކުރި އެވެ. އަދި ކޮމިޓީއަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލައެއް ވެސް ފުލުހަށް ހުށަހަޅަން މަޖިލީހުން ނިންމި އެވެ.

އަދި އެ މައްސަލައާއި ގުޅިގެން ދެ ފަހަރެއްގެ މަތިން މުއިއްޒު ވަނީ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ. އެންމެ ފަހުން މުއިއްޒު ހާޒިރުކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

މުއިއްްޒު އެ ރޭ ވިދާޅުވީ ދައުލަތާއި ރައްޔިތުންނަށް ގެއްލުންވާނެ ގޮތަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާ އޭނާ ހުންނެވީ ސާބިތުކަމާއެކު ކަމަށެވެ. އަދި ކިތަންމެ ގިނަ ތުހުމަތުތަކެއްކޮށް ބިރު ދައްކަން މަސައްކަތް ކުރި ނަމަވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް އިތުބާރާއި އިހުތިރާމު އެބައޮތް ކަމަށާ މިހާރު ހިނގަމުންދާ ކަންތައްތަަކަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކުރަމުންދާ ކަންތައްތަކެއްގެ ގޮތުގައި ވެސް ސިފަ ކުރެއްވިއެވެ.

"އިރާދަކުރެއްވިއްޔާ ބިރު ދެއްކުމަކުން ފަހަތަށް ނުޖެހޭނަން. ހައްގުގެ މަގުގައި ސާބިތުވެ ހުންނާނަން. ބިރު ދައްކައިގެން އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން އަދި ނުވެސް ޖެއްސޭނެ. އެކަން ކުރެވޭނެ ކަމަށް ހީކުރާނަމަ އެއީ ބޮޑު ކުށްހީއެއް."