ފިނިޕޭޖް

ސުޝާންތުގެ މަރުން ބޮލީވުޑްގެ ޑިޕްރެޝަން ހާލަތު ހާމަވޭ

ބޮލީވުޑްގައި އަލަށް ފިޔަޖަހަން ފެށި ތަރިއެއްގެ ކުއްލި މަރުން މުޅި ފިލްމު އިންޑަސްޓްރީ އަށް ވަނީ ޝޮކެއް ލިބިފަ އެވެ. އެއްބަޔަކު މިއީ ހަގީގަތެއްކަން ގަބޫލު ކުރަން ވެސް ބޭނުމެއް ނޫނެވެ. އަނެއް ބަޔަކު ބުނަނީ ދުރާލާ އެހީތެރި ވެވުނުނަމަ މިކަން މިގޮތަށް ނުވީސް ކަމަށެވެ. ކޮންމެއަކަސް ކުރިން އެންމެ 34 އަހަރުގައި ސުޝާންތު ސިންގް ރާޖްޕޫތު ވަނީ މި ދުނިޔެ ދޫކޮށްފަ އެވެ.

ސުޝާންތުގެ މަރާއެކު ބޮލީވުޑްގައި މަސައްކަތްކުރާ މީހުންގެ އޮތް މާޔޫސްކަމާއި ހިތްދަތިކަން އަދި އެމީހުން ޑިޕްރެޝަންގެ ޝިކާރައަކަށް ވެފައިވާ މިންވަރު ވަރަށް ބޮޑަށް ވަނީ ހާމަވެފަ އެވެ. ނަމަވެސް މީގެން ގިނަ މީހުންނަކީ މޮޅެތި އެކްޓަރުންނަށް ވާތީ އެމީހުންގެ އެއްވެސް މައްސަލައެއް ހުރިކަން މީހުންނަށް ނާންގާ ތިބުމުގައި ވެސް ކާމިޔާބު ލިބެނީ އެވެ.

ސުޝާންތަށް ނަފްސާނީ މައްސަލަތަކެއްގެ އުނދަގޫތަކެއް ހުރިކަން ފާހަގަ ކުރެވުނު އެކަކީ ފިލްމު ޕްރޮޑިއުސަރު މުކޭޝް ބަޓް އެވެ. ޓައިމްސް ނައު އަށް ދިން އިންޓަވިއު އެއްގައި މުކޭޝް ބުނީ ސުޝާންތުގެ ކުއްލި މަރުން އޭނާ ހައިރާން ނުވާ ކަމަށާއި މިފަދަ ކަމެއް ހިނގާފާނެކަން އޭނާއަށް މާ ކުރިންސުރެ ވެސް ލަފާ ކުރެވިފައިވާ ކަމަށެވެ.

މުކޭޝް އިތުރަށް ބުނީ އޭނާއަށް ދެ ފަހަރެއްގެ މަތިން ސުޝާންތު އާ ބައްދަލުވެފައިވާ ކަމަށެވެ. ފުރަތަމަ ފަހަރު "އާޝިގީ 2" އަށް ތަރިން ހަމަޖައްސަން އުޅުނު ދުވަސްވަރު އެވެ. އެ ފިލްމަށް ސުޝާންތު ހަމަ ނުޖެހުނީ އޭނާއަށް ތާރީޚުތައް ދެވެން ނެތިގެންނެވެ. ދެ ވަނަ ބައްދަލުވުން އޮތީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން "ސަޅަކް 2" އަށް އެކްޓަރުން ހަމަޖައްސަން އުޅުނުއިރު އެވެ.

އެ ފިލްމުގެ ޑައިރެކްޓަރު މަހޭޝް ބަޓް އާއި ބަތަލާ އާލިއާ ބަޓް އާއެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އެމީހުން ކައިރީ ސުޝާންތު އޮތީ ފާޅުކޮށްފަ އެވެ. އެހެންވެ "ސަޅަކް 2" ގައި ސުޝާންތު ބައިވެރި ކުރަން އާލިއާ އާއި މަހޭޝް ވެސް ޕްރޮޑިއުސަރާ އޮތީ މަޝްވަރާ ކޮށްފަ އެވެ.

މުކޭޝް ބުނި ގޮތުގައި އެ ފިލްމާ ގުޅޭ މަޝްވަރާތަކަށް އޭނާގެ އޮފީހަށް ސުޝާންތު އައި ދުވަހު ވެސް އޭނާގެ ނަފްސާނީ މައްސަލަތަކެއް ހުރި ކަމަށް ވަރަށް ބޮޑަށް ޝައްކުވި އެވެ.

"އޭނާ އިންނަނީ އެހެން ކަމަކާ މުޅީން ގެއްލިފަ އިންނަހެން. ކުރީ ފަހަރުގެ ބައްދަލުވުމުގައި ފެނުނު ޖޯޝުން ފުރިފައިވާ ސުޝާންތު އާ މިފަހަރުގެ ސުޝާންތު ވަރަށް ތަފާތު. ކޮންމެވެސް ފުން ހިޔާލަކަށް ގެއްލިފައި އޭނާ އެ ދުވަހު އިނީ. އޭނާއަށް އަހަރެން ދެއްކި ވާހަކަތައް މާ ބޮޑަށް އެނގުނުހެނެއް ވެސް ހިޔެއް ނުވޭ،" މުކޭޝް ބަޓް ބުންޏެވެ.

ޕްރޮޑިއުސަރު ބުނި ގޮތުގައި އެ ދުވަހު ސުޝާންތު ފެނިފައި އޭނާގެ ހިތަށް އައީ ކުރީގެ މަޝްހޫރު ބަތަލާ ޕަރްވީން ބާބީގެ ހަޔާތުގެ ފަހުކޮޅު އޭނާ އުޅުނު ގޮތެވެ. ޕަރްވީން ވެސް މި ދުނިޔެ ދޫކުރީ ޑިޕްރެޝަންގެ ޝިކާރައަކަށްވެ އެކަމުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެފަ އެވެ. ސުޝާންތުގެ ކިބައިން ވެސް މުކޭޝް އަށް އެ ދުވަހު ފެނުނީ ޕަރްވީންގެ ކިބައިން އޭނާއަށް ފެނުނު ކަހަލަ ކަންތައްތަކެއް ކަމަށް މުކޭޝް ބުންޏެވެ.

އެހެންކަމުން ލަފާ ކުރެވެނީ އެހާ ކުރިއްސުރެ ފެށިގެން ވެސް ސުޝާންތު އަށް ޑިޕްރެޝަންގެ މައްސަލަތައް ކުރިމަތިވެފައިވާ ކަން ކަމަށާއި އޭނާގެ ހާލަތު ރަނގަޅުތޯ އެއްވެސް މައްސަލައެއް އުޅޭތޯ އެ ދުވަހު ވެސް ސުޝާންތު އާ ވަރަށް ސުވާލު ކުރި ކަމަށް ވެސް މުކޭޝް ބުންޏެވެ.

"އޭނަ ބުނި އެއްވެސް މައްސަލައެއް ނެތޭ. ހުރިހާ ކަމެއް ވެސް ރަނގަޅޭ،" ޕްރޮޑިއުސަރުގެ އިންޓަވިއުގައި ބުންޏެވެ.

ސުޝާންތުގެ މަރާ ގުޅިގެން ފިލްމީ ބަތަލާ ދީޕިކާ ޕަދުކޯން ވެސް ވަނީ ފިލްމު އިންޑަސްޓްރީގެ މީހުންނަށް ދިމާވާ ޑިޕްރެޝަންގެ މައްސަލަތަކާ މެދު މިހާރަށް ވުރެ ބޮޑަށް ސަމާލުވާން އެދިފަ އެވެ. އެއްވެސް މީހެއްގެ ނަފްސާނީ މައްސަލައެއް ނުވަތަ ޑިޕްރެޝަންގެ މައްސަލައެއް އުޅޭކަމަށް ކިރިޔާ ވެސް ޝައްކު ވާނަމަ އެމީހަކާ ވާހަކަ ދައްކައި އެ މީހަކަށް އެހީތެރިވުމަށް ކޮންމެ މީހަކުވެސް އިސް ނެގުމަކީ މުހިއްމު ކަމެއް ކަމަށް ދީޕިކާ ބުންޏެވެ.

"ނަފްސާނީ މައްސަލަތަކާއި ޑިޕްރެޝަންގެ މައްސަލަތަކެއް ތަހައްމަލުކުރި މީހެއްގެ ހައިސިއްޔަތުން އަހަރެން ބުނާނީ އެފަދަ މީހުންނާ ވާހަކަ ދައްކާ އޭނާ އެކަނި ނޫންކަމާއި އެހެން މީހުންވެސް އޭނާއާ އެކުގައި ވާކަން ހާމަ ކުރުމަކީ ވަރަށް މުހިއްމު ކަމެކޭ. އަދި އެންމެ މުހިއްމު ކަމަކީ ދިރިއުޅުމުގެ އުންމީދު އާކޮށްދިނުން،" ދީޕިކާގެ މެސެޖުގައި ލިޔެފައި ވެއެވެ.

ސުޝާންތު މަރުވުމުގެ ދެތިން ދުވަސް ކުރިން އޭނާގެ ކުރީގެ މެނޭޖަރު ދިޝާ ސާލިއާން ވެސް ވަނީ އޭނާ ދިރިއުޅުނު އުސް އިމާރާތުގެ މަތިން ފުންމާލައިގެން އަމިއްލައަށް މަރުވެފަ އެވެ. ދިޝާގެ މަރާ ގުޅިގެން ސުޝާންތުގެ ނަފްސާނީ މައްސަލަތައް އިތުރަށް ގޯސްވީކަން އޭނާގެ އެންމެ ފަހުގެ އިންސްޓަގްރާމް މެސެޖުން ހާމަވެ އެވެ.
އަދި އިންޑިޔާ ލޮކްޑައުން އަށް ދިޔަ ފަހުން ބައެއް ޓީވީ ތަރިން ވެސް މިފަދަ ގޮތްގޮތަށް މަރުވެފައި ވެއެވެ.