ބޮލީވުޑް

ސުޝާންތުގެ ފަހު ފިލްމު "ދިލް ބޭޗާރާ" އޮންލައިން ރިލީޒްއަކަށް

ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާއެކު ފިލްމު އިންޑަސްޓްރީގެ އެންމެން ކަހަލަ ގޮތަކަށް ވަނީ ހައިރާންވެ ހިތާމައިން ހިތް ހަލާކުވެފަ އެވެ. ސޯޝަލް މީޑިއާގައި ފިލްމީ ތަރިންނާއި ފަންނާނުން ޝެއާ ކުރަމުންދާ ޕޯސްޓްތަކުން މިކަން ވަރަށް ރަނގަޅަށް ހާމަވެ އެވެ.

ބޮލީވުޑްގައި ފިޔަ ޖަހަމުން ދިޔަ މި ތަރި ފުރަތަމަ އިންޑަސްޓްރީގައި މަސައްކަތް ކުރަން ފެށީ ބެކްގްރައުންޑް ޑާންސާއެއްގެ ގޮތުގަ އެވެ. ނަމަވެސް ފަހުން ޓީވީ ޑްރާމާ "ޕަވިތުރަ ރިޝްތާ" އާއި އެނޫން ވެސް ބައެއް ސިލްސިލާތައް ކުޅެގެން ގިނަ ބަޔަކަށް އޭނާގެ ރީތިކަމާއި ހުނަރު ފާހަގަ ކުރެވި ހިންދީ ފިލްމުތަކުން ޖާގަ ލިބި ބޮލީވުޑްގައި ކާމިޔާބު ކެރިއަރެއް ބިނާ ކުރެވުނީ އެވެ.

އެގޮތުން ފުރަތަމަ ފިލްމު "ކައި ޕޯ ޗޭ" އިން ވެސް ސުޝާންތުގެ ކުޅަދާނަކަން އޭނާ ދައްކާލި އެވެ. ދެން ރިލީޒްވީ "އެމް.އެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" އެވެ. މި ފިލްމުގައި އޭނާ ދޯނީގެ ރޯލު އަދާ ކޮށްލާފައިވާލެއް މޮޅުކަމުން އެތަކެއް އެވޯޑު އޭނާއަށް ލިބުނެވެ. އޭގެ ފަހުން ރިލީޒްކުރި "ކޭދާރުނާތު" ގައި ވެސް އޭނާގެ ރޯލަށް ވަރަށް މޮޅަށް ސުޝާންތު ވަނީ އިންސާފު ކޮށްދީފަ އެވެ. އަދި އެންމެ ފަހުން ރިލީޒްކުރި އޭނާގެ ފިލްމު "ޗިޗޯރޭ" ގައި ވެސް ސުޝާންތުގެ ރޯލު ހަމަ އެހާ މޮޅެވެ.

ސުޝާންތު އެންމެ ފަހުން ކުޅެފައިވާ "ދިލް ބޭޗާރާ" އަސްލު ރިލީޒް ކުރަން އޮތީ މިދިޔަ މޭ މަހުގެ އަށް ވަނަ ދުވަހު އެވެ. ނަމަވެސް ލޮކްޑައުންގެ ސަބަބުން ސިނަމާތައް ބަންދުކުރުމުން ފިލްމު ރިލީޒްކުރުން ފަސްކުރަން ޖެހުނީ އެވެ.

"ދިލް ބޭޗާރާ" އަކީ ހޮލީވުޑް ފިލްމު "ދަ ފޯލްޓް އިން އަވާ ސްޓާޒް" ގެ ހިންދީ ރިމޭކެކެވެ. ސިނަމާގައި ފިލްމު ރިލީޒް ކުރެވޭނެ ދުވަހެއް ނޭނގޭތީ ވަރަށް އަވަހަށް މިފިލްމު އޮންލައިންކޮށް ރިލީޒްކުރަން ހަމަޖެހިފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ. ފިލްމު ރިލީޒްކުރާނީ ޑިޒްނީ-ހޮޓްސްޓާ ގައެވެ.

މި ފިލްމުގައި ދައްކަނީ ލޯބިވެރިޔާއަށް ފުރާނައަށް ނުރައްކާ ބައްޔެއް ޖެހުމުން އޭނާއަށް ހިތްވަރުދީ ރަނގަޅުކުރަން ފިރިހެންކުއްޖެއް ކުރާ މަސައްކަތެވެ.

އަދި ސުޝާންތުގެ އެންމެ ފަހުގެ ރިލީޒް "ޗިޗޯރޭ" ގައި ވެސް އޭނާގެ ދަރިފުޅަށް އޭނާ ބުނެދެނީ އަމިއްލައަށް މަރުވުމަކީ އެއްވެސް މައްސަލައަކަށް އޮތް ހައްލެއް ނޫން ކަމެވެ. ނަމަވެސް ސުޝާންތު ފިލްމުގައި ކިޔައިދިން ގޮތަށް އޭނާގެ ހަގީގީ ހަޔާތުގައި އޭނާއަކަށް އަމަލެއް ނުކުރެވުނެވެ. މިއީ އޭނާގެ އެތައް މިލިއަން ފޭނުން މިއަދު އެންމެ ހިތާމަކުރާ އެއް ކަމެވެ.