ލައިފްސްޓައިލް

ވަޒީފާ ގެއްލުނު ޓީޗަރަކު ދޮންކެޔޮ ވިއްކަން މަގުމައްޗަށް

މީގެ ދުވަސްކޮޅެއް ކުރިން ޕީ ވެންކާޓާ ސުއްބަޔާ އަކީ އިންޑިޔާގެ އަންދްރަޕްރަދޭޝްގެ ނެއްލޯރު ޓައުނުގެ ވަރަށް ނަން މަޝްހޫރު ސްކޫލެއްގެ ޓީޗަރެކެވެ. ނަމަވެސް ވަޒީފާ ގެއްލި އާމްދަނީ ލިބޭނެ މަގު ބަންދުވުމުން ގާޑިޔެއްގައި ދޮންކެޔޮ ވިއްކުމުގެ މަސައްކަތް ކުރުމަށް މަގުމައްޗަށް ނުކުންނަން މަޖްބޫރުވި އެވެ.

ކޮރޯނާވައިރަހުގެ ބިރުން އިންޑިޔާ ލޮކްޑައުން ކުރިތާ ތިން މަސް ވީއިރު މުޅި ދިރިއުޅުން ބަދަލުވީ ގިނަ ބައެއްގެ ތެރޭގައި 43 އަހަރުގެ މި ޓީޗަރު ވެސް ހިމެނުނީ އެވެ.

ވެންކާޓާ އަކީ ތައުލީމީ ރޮނގުން އަރާހުރި ޓީޗަރެކެވެ. އޭނާގެ އަތުގައި ތައުލީމީ ރޮނގުން ބެޗްލާޒް ޑިގްރީއެއް އޮވެ އެވެ. ޕަބްލިކް އެޑްމިނިސްޓްރޭޝަން އާއި ތެލުގޫ އިން ދެ މާސްޓާޒް ޑިގްރީ އެބައޮތެވެ.

އޭނާ ކިޔަވައިދިން ސްކޫލުން އޭނާއަށް އެންގީ ސްކޫލްގެ އާ އަހަރެއްގެ ކިޔެވުން ފެށޭއިރު މަދުވެގެން ހައެއް ނުވަތަ ހަތް ކުދިން އަލަށް ސްކޫލަށް ވަންނަން ހޯދައި ދިނުމަށެވެ. އޭނާއަށް ވަޒީފާ އަނބުރާ ލިބޭނީ އަދި މުސާރަ ލިބޭނީ މިކަން ކުރެވިގެނެވެ.

"މިވަގުތު ގައުމުގެ ހާލަތު އޮތް ގޮތުން އަގު ބޮޑު ސްކޫލްތަކަށް ވަންނާނެ ދަރިވަރުން ހޯދާނީ ކިހިނެއް؟ ކޮން ބަޔަކު އެމީހުންގެ ދަރިން މިވަގުތު ސްކޫލަށް ވައްދަން އުޅޭނީ؟ ކޮރޯނާވައިރަހަށް ބިރުން މައިންބަފައިން އެމީހުންގެ ގޭގެއަށް ވެސް އަހަރެން ވަންނަން ހުއްދައެއް ނުދޭ،" ވެންކާޓާ ބުންޏެވެ.

ވަޒީފާ ގެއްލި ފައިސާ ލިބޭނެ މަގު ބަންދުވުމުން މާސްކެއް އަޅައިގެން ދޮންކެޔޮ ވިއްކުމަށް މަސައްކަތަށް ވެންކާޓާ ނުކުތީ މަޖްބޫރީ ހާލަތުގަ އެވެ. އޭނާގެ އަވަށުގެ ކާރޫބާރޫ ބޮޑު މަގުތަކުގައި ގާޑިޔާގަނޑު ދަމަމުން ވެންކާޓާ ބުނި ގޮތުގައި އާއިލާގެ ޚަރަދުބަރަދު ބެލެހެއްޓުމަށް މި ނޫން ގޮތެއް މިވަގުތު އޭނާއަށް ނެތެވެ.

ނަމަވެސް ދުވާލު ހަތަރުދަމުގެ ބުރަ މަސައްކަތުން ވެސް ވެންކާޓާ އަށް ލިބެނީ އެވްރެޖްކޮށް ދުވާލަކު 200 ރުޕީސް އެވެ. ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރި އިރު 16،000 ރުޕީސް މަހަކު އޭނާއަށް ލިބެ އެވެ. އެއިން އެއްބައި ދަރިފުޅެއް ބަލިވެގެން ނެގި ލޯނަކަށް އޭނާ ދައްކަމުން ދެއެވެ.

ކިޔަވައި ދިނުމުގެ 15 އަހަރުގެ ތަޖުރިބާހުރި މި ޓީޗަރަކީ ހަކުރުބައްޔާއި ކިޑްނީގެ މައްސަލަތަކަކަށް ދާއިމީ ފަރުވާ ކުރަން ޖެހިފައިވާ މީހެއްކަމަށް ވެސް އޭނާ ބުންޏެވެ.

ޓީޗަރު އުޅޭ ދަތި ހާލު ފެނިފައި އޭނާ ކިޔައިވައިދިން ބައެއް ކުދިން އޭނާއަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. ނަމަވެސް ވެންކާޓާގެ އުންމީދަކީ ވީހާވެސް އަވަހަށް ކިޔަވައިދިނުމުގެ ވަޒީފާއަށް އެނބުރި ދިއުމެވެ.