ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ބިލުތަކުގެ މަޝްވަރާ ބައްދަލުވުން އަތޮޅުތަކުގައި ބާއްވަނީ

ވަރަށް މުހިއްމު ފަސް ބިލެއްގެ މަސައްކަތް ކުރާ ކަމަށާއި އެ ބިލުތަކުގެ މަޝްވަރާތައް މުޅި ރާއްޖޭގައި ހިންގަން ޖެހޭތީ އަތޮޅުތަކުގައި މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދަން މަސައްކަތް ކުރާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، މަޖިލީހަށް ހުށަހެޅިފައިވާ ބިލުތަކުގެ ތެރެއިން ވަޒީފާގެ ގާނޫނަށް ގެންނަ އިސްލާހުގެ ބިލާއި ފުލުހުންގެ ހިދުމަތުގެ ބިލާއި އިންތިގާލީ އިންސާފުގެ ބިލުގެ އިތުރުން ތައުލީމުގެ ބިލާއި މަތީ ތައުލީމުގެ ބިލަކީ މުޅި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަންޖެހޭ ބިލުތައް ކަމަށެވެ.

އެ ބިލުތަކުގެ މަޝްވަރާ މުޅި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރަން ރަށްރަށުގެ ޓައުން ހޯލުތަކުގައި ނުވަތަ ހުރިހާ އަތޮޅެއްގައި މަޝްވަރާ ބައްދަލުވުންތައް ކުރިއަށްދާނެ ގޮތެއް ހަމަޖައްސަން ޖެހޭ ކަމަށެވެ. އަދި އެ ބައްދަލުވުންތައް ކުރިއަށް ގެންދާނީ މަޖިލީހުގެ އިދާރާއިން ކަމަށާއި އެކަމަށް ބޮޑެތި ހަރަދުތަކެއް ވެސް ނުހިނގާނެ ކަމަށެވެ.

"ރަށްރަށުގެ ޓައުން ހޯލްތަކާއި ފިނިއަށިތަކުގައި މި ކުރެވޭ މަޝްވަރާތައް، ބައްދަލުވުންތައް، ޖަލްސާތައް، ގެންދިއުން. އެ ކަންކަން މަޖިލީހުގެ އިދާރާއިން ބެލެހެއްޓިގެން ހުރިހާ އަތޮޅެއްގަ ވެސް އެ މަޝްވަރާތައް ހިނގާނެ ގޮތެއް [ހަމަޖެއްސުން]،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މާހިރުންގެ ތަގުރީރުތަކެއް ބާއްވަނީ

ފުލުހުންގެ ހިދުމަތުުގެ ބިލަށާއި ތައުލީމީ ދާއިރާގެ ދެ ބިލަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، މިފަދަ ބިލުތަކަކީ އެ ދާއިރާގެ ކަމާބެހޭ މާހިރުންތަކުގެ މަޝްވަރާ އާއި ލަފާ ފުޅާ ދާއިރާއެއްގައި ހޯދަން ޖެހޭ ކަންކަން ކަމަށެވެ. މިހާރު ވެސް ކޮމިޓީ މަރުހަލާގައި ލަފާ ހޯދި ނަމަވެސް އެ މަސައްކަތް ވެސް ފުޅާ ކުރަން ޖެހޭ ކަމަށެވެ.

މި ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކަމާބެހޭ ދާއިރާތަކުގެ މާހިރުން ތަގުރީރު ދެއްވާ ގޮތަށް ބައްދަލުވުންތަކެއް މަޖިލީހުގެ އިދާރާގައި ހިނގަން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އެ ބައްދަލުވުންތައް ރާއްޖޭގެ ރައްޔިތުންނަށް ބެލޭނެ ގޮތަކަށް ބޭއްވުން ވެސް މުހިއްމު ކަމަށެވެ.

"ބިލާ ގުޅުން ހުރި ކަމާ ބެހޭ މާހިރުންގެ ތަގުރީރުތައް ދެއްވުން، އާދެ، ރާއްޖޭގެ ރައްޔިތުންނަށް ވެސް އެ ތަގުރީރުތައް ބެލޭނެ، އެކަމަކު އެއީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ކުރެވިގެން، މާހިރުންގެ ތަގުރީރުތައް ދެއްވާ ބައްދަލުވުންތަކަކަށް މި ވާން ޖެހެނީ،" ރަައީސް ނަޝީދު ވިދާޅުވި އެވެ.

ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތު މެދުވެރިވެ، މުޅި ރާއްޖެ ލޮކްޑައުނަކަށް ދިއުމުގެ ކުރިން މަޖިލީހުގެ އިދާރާގައި މަޝްވަރާ އާންމު ބައްދަލުވުންތައް ބާއްވަން ނިންމި އެވެ. ނަމަވެސް، އެ ގޮތުގެ މަތިން ބާއްވާފައި ވަނީ މިނިމަމް ވޭޖާ ގުޅޭ މަޝްވަރާގެ އާންމު ބައްދަލުވުމެކެވެ. އެ ބައްދަލުވުންތައް ކުރިއަަށް ދާނެ ކަމަށް ވެސް ނަޝީދު މިއަދު ވިދާޅުވި އެވެ.