ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތަށް ނުކުންނަވާ ގަޑި ބަލަހައްޓައި މުސާރަ އާއި އިނާޔަތްތައް ދިނުމުގައި މެންބަރު ގަޑިއަށް ހާޒިރުވުމުގެ ރެކޯޑަށް ރިއާޔަތް ކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަދަލު ކުރަން އެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ރަސްމީ ގަޑި ފެށޭ ގަޑިއަކީ ހެނދުނު 8:30 ގައި ކަމަށެވެ. މެންބަރުން މަޖިލީހަށް ވަޑައިގަންނަވާއިރު މެންބަރުން ސޮއި ކުރައްވާ ހާޒިރީގައި ހާޒިރުވެވަޑައިގެންނެވި ގަޑި ޖަހަން ޖެހޭ ގޮތަށް ކޮލަމެއް އިތުރު ކުރަން ޖެހޭ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، މަޖިލީހުގެ ގަވާއިދު އެ ގޮތަށް ބަދަލު ކުރަން މަޖިލީހުގެ އާންމު ކޮމިޓީއަށް އެމަނިކުފާނު ވަނީ ހުށަހަޅުއްވައިފަ އެވެ. އަދި މެންބަރުންގެ މުސާރައާއި އިނާޔަތްތައް ދިނުމުގައި މެންބަރު ހާޒިރުވާ ގަޑިއަށް ރިއާޔަތް ކުރުމަށް ވެސް ހުށަހަޅުއްވާފައިވާނެ އެވެ.
ރައީސް ނަޝީދު މި ގޮތަށް ހުށަހެޅުއްވިއިރު، އާންމު ގޮތެއްގައި މަޖިލީހުގެ ޖަލްސާ ފަށާ ގަޑީގައި ހާޒިރުވެވަޑައިގެން ތިއްބަވަނީ ގާތްގަނޑަކަށް 30 މެންބަރުންނެވެ. ނަމަވެސް ޖަލްސާގެ ވޯޓަށް އަހާ ވަގުތުތަކުގައި 60 އަށް ވުރެ ގިނަ މެންބަރުން ތަޅުމުގައި ތިއްބަވަ އެވެ. މަޖިލީހުގައި ތިއްބަވަނީ ޖުމުލަ 87 މެންބަރުންނެވެ.
މަޖިލީހުގެ މެމްބަރެއްގެ މުސާރައަކީ މަހަކު 42،500 ރުފިޔާ އެވެ. ކޮމިޓީ އެލަވަންސް އަށް 20،000 ރުފިޔާ އަދި ލިވިން އެލަވަންސްއަށް 20،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ. ކޮމިޓީ އެލަވަންސް ލިބިވަޑައިގަންނަވާނީ ކޮމިޓީތަކުގައި ބައިވެރިވެވަޑައިގަންނަވާނަމަ އެވެ. އެ ގޮތުގެ މަތިން މެންބަރަކަށް މަހު 82،500 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.
ނަމަވެސް ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ ރާއްޖޭގެ އިގްތިސާދު ހުއްޓި، ދައުލަތަށް ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން ހަރަދުތައް ކުޑަކުރުމުގެ ގޮތުން މަޖިލީހުގެ މެންބަރުންގެ މުސާރަތައް މި ޖުލައި މަހާ ހަމައަށް ކުޑަކުރި އެވެ. އެހެންކަމުން މިދިޔަ ފަސް މަހުގައި މެންބަރުންނަށް އިނާޔަތްތަކާއެކު ލިބިވަޑައިގަންނަވާނީ މަހަކު 69،750 ރުފިޔާ އެވެ.
އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިސް ފެށުނު ފަހުން އެކުލަވާލި މަޖިލީހުގެ އާ ގަވާއިދުގައި ވަނީ މެންބަރުން ހާޒިރު ނުވާ ޖަލްސާތަކަށް މެންބަރުންގެ މުސާރައިން އުނިވާ ގޮތަށް ހަދައިފަ އެވެ. އެ ގޮތުން 50 ޕަސެންޓް ޖަލްސާއަށް ހާޒިރު ނުވެއްޖެނަމަ މުސާރައިން 50 ޕަސެންޓް އުނިވާނެ އެވެ.