ހަބަރު

ކޮސޯވޯގެ މައްސަލަ މަޖިލީހަށް ބެލެނޭ ކަމަށް ނިންމައިފި

ދިވެހި ސަރުކާރުން ކޮސޯވޯގެ މިނިވަންކަން ބަލައިގަނެ، އެކަން ރަސްމީކޮށް އިއުލާން ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމުމަތު ކުރެވޭ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ބެލޭނެ ކަމަށް ނިންމައިފި އެވެ.

ކޮސޯވޯއަކީ މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖޭން ބަލައިގަތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.

ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި އެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ އަހަރުގެ ނޮވެމްބަރުގަ އެވެ. ނަމަވެސް އެ މައްސަލަ މަޖިލީހަށް ބެލިދާނެ ކަމާމެދު ސުވާލު އުފެދުމުން އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޑުޖައްސާލި އެވެ.

އެ މައްސަލަ މަޖިލީހަށް ބެލިދާނެ ކަމަށް ސުވާލު އުފެއްދެވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ އަލީ އާޒިމެވެ. އާޒިމް ވިދާޅުވި ގޮތުގައި ހާރިޖީ ސިޔާސަތަކީ ރައީސަށް ގާނޫނު އަސާސީން ލިބިދީފައިވާ ބާރަކަށް ވާތީވެ، މަޖިލީހުން އެފަދަ މައްސަލައެއް ބެލުމަކީ އެ ބާރުގެ ތެރެއަށް ވަނުމެވެ.

އާޒިމްގެ ފާހަގަ ކުރެއްވި އެ ނުކުތާއާ ގުޅިގެން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވިދާޅުވެފައި ވަނީ، އެ މައްސަލަ މަޖިލީހަށް ބެލިދާނެ ކަމާ މެދު މަޖިލީހުގެ އަމީންއާންމު ފާތުމަތު ނިއުޝާއާއި، ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ އާއި މައްސަލަ ހުށަހެޅުއްވި މެންބަރާއެކު މަޝްވަރާ ކުރެއްވުމަށް ފަހު ވަކި ގޮތެއް ނިންމަވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވިތާ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ފަހުން، މިއަދުގެ ޖަލްސާގައި އެ ގަރާރު އެޖެންޑާ ކޮށްފައިވެ އެވެ. އަދި މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ އެ ގަރާރުގެ ފުރަތަމަ ކިއުން އިއްވާފަ އެވެ. ގަވާއިދު އޮންނަ ގޮތުން ފުރަތަމަ ކިއުމަށް ފަހު، ތިން ދުވަސް ތެރޭގައި އިބްތިދާއީ ބަހުސް ފެށޭނެ އެވެ.

ކޮސޯވޯއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ދިވެހި ސަރުކާރުން ބަލައިގަތީ ވެސް ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރުގަ އެވެ. އެކަމަކު މަޖިލީހުގެ ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެއީ އެންމެ ބުއްދިވެރި ނިިންމުމެއް ކަމުގައި މިއަދު ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

އެހެން ވިޔަސް މެންބަރު މޮސްޓާގެ ގަރާރުގައިވާ ތުހުމަތުތައް ބަލައިގަނެވެން ނެތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. ބުއްދިވެރި ނިންމުމަކަށް ނުވިޔަސް އެ ނިންމުމެއް ނިންމީ ރާއްޖޭގެ ގާނޫނުތަކާއި ހާރިޖީ ސިޔާސަތުތަކާއި ބައިނަލްއަގްވާމީ އުސޫލުތަކާއި ހިލާފަކަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ގަރާރުގައި ވަނީ ކޮސޯވޯގެ މިނިވަންކަން ރާއްޖޭން ގަބޫލު ކުރީ ރާއްޖޭގެ އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ބޭރުގެ ބައެއް ފަރާތްތަކުގެ އަތުން ރިޝްވަތު ނަގައިގެން ކަމުގެ ތުހުމަތު ކުރެވުނު ކަމަށެވެ. އަދި މާޗް 5، 2009 ގައި ރައީސް ނަޝީދު އެ މައްސަލަ ތަހުގީގު ކޮށްދެއްވުމަށް ފުލުހަށް އެންގެވި ނަމަވެސް އެ މައްސަލައިގެ ތަހުގީގު މުޅީން ފުރިހަމަ ކޮށްފައި ނުވާތީވެ ސަރުކާރަށާއި ރައްޔިތުންގެ ސަމާލު ކަމަށް ގެންނަން ގޮވާލާ ކަމަށެވެ.

ކޮސޯވޯ އަކީ ވަކި ދައުލަތެއްގެ ގޮތުގައި ފެބްރުއަރީ 17، 2008 ގައި އެ ގައުމުން އަމިއްލައަށް އިއުލާން ކުރި ހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް އޭގެ ގާނޫނީ ސައްހަ ކަމާ މެދު ބައިނަލްއަގްވާމީ މުޖުތަމައުގައި ބަހުސް ކުރަމުން އަންނަ މައްސަލައެކެވެ. ރާއްޖޭގެ އެންމެ އަވަށްޓެރި ދެ ގައުމު ކަމުގައިވާ އިންޑިއާ އާއި ސްރީލަންކާގެ އިތުރުން އިގްތޯސާދީ ގޮތުން ރާއްޖޭގެ އެންމެ ގާތް އެކުވެރި ގައުމު ކަމުގައިވާ ޗައިނާއިން ވެސް ކޮސޯވޯގެ މިނިވަންކަން ބަލައިގެންފައެއް ނުވެ އެވެ.