ވަރުން ދަވަން

"ކޫލީ ނަންބަރު 1"ގެ ޕޯސްޓަރު ވަރުން މާސްކް އަޅައިގެން

މާސްކް އެޅުމާއި އެކަކު އަނެކަކަށް ދުރުދުރުގައި ތިބުން އަދި ގޭގައި ތިބުމަކީ މިހާރު ލޮކްޑައުނަށް ލުއި ދޭ ގައުމުތަކުގެ މީހުން އެންމެ ގިނައިން ތަޖުރިބާ ކުރާނެ ކަންތައް ތަކެވެ. މި ކަންތައްތައް މިހާރު ފިލްމުތަކުން ވެސް ފެންނަން ފަށައިފި އެވެ.

ދާދިފަހުން ވަރުން ދަވަން ޝެއާ ކުރި އޭނާގެ އަލަށް ރިލީޒްވާން ތައްޔާރުވަމުންދާ "ކޫލީ ނަންބަރު 1" ގެ ޕޯސްޓަރުގައިވާ ފޮޓޯގައި ވަރުން ވެސް ފެންނަނީ މޫނުގައި މާސްކެއް އަޅާފައި ހުއްޓަ އެވެ.

"އެންމެން ހެއްވާލަން އަހަރެމެން އަންނަން ވައުދުވަން،" ޕޯސްޓަރު ޝެއާ ކުރަމުން ވަރުން ލިޔެފައި ވެއެވެ.

ސިނަމާތައް ބަންދު ކޮށްފައި އޮންނަތާ ތިން މަސް ދުވަސް ވެފައި ވާތީ ރިލީޒް ކުރަން ތައްޔާރު ކޮށްފައިވާ ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ވެސް ހުރީ ރިލީޒް ކުރެވޭނެ ތާރީޚެއް ހަމަނުޖެހި އެވެ. "ކޫލީ ނަންބަރު 1" ވެސް އެންމެ ކުރިން ރިލީޒް ކުރަން އޮތީ މިދިޔަ މޭ 1 ވަނަ ދުވަހު އެވެ. ނަމަވެސް އެ ދުވަހަށް ރިލީޒް ނުކުރެވުމުން ފިލްމު ފެންނާނެ ދުވަހެއް އަދި ޔަގީނެއް ނޫނެވެ.

ނަމަވެސް ވަރުން ޝެއާ ކުރި ޕޯސްޓަރާއެކު އޭނާގެ ފޭނުން ސޯޝަލް މީޑިއާގައި ދަނީ ވަރަށް އުފާ ފާޅު ކުރަމުންނެވެ. އަދި ފިލްމު ބަލާލާ ހިތުން ކެތްތެރިކަމެއް ނެތި އިންތިޒާރުގައި ތިބި ކަމަށް ގިނަ ބަޔެއްގެ ކޮމެންޓުތަކުގައި ބުނެފައި ވެއެވެ.
ސާރާ އަލީ ޚާން އާއެކު ވަރުން ކުޅެފައިވާ "ކޫލީ ނަންބަރު 1" އަކީ އޭނާގެ ބައްޕަ ޑޭވިޑް ދަވަން 1995 ގައި އުފެއްދި ހަމަ މި ނަން ކިޔާ ކްލެސިކް ފިލްމެއްގެ ރިމޭކެކެވެ. އޮރިޖިނަލް ފިލްމުގެ ތަރިންނަކީ ގޯވިންދާ އާއި ކަރިޝްމާ ކަޕޫރެވެ.

މިފަހަރުގެ ފިލްމު ވެސް ޑައިރެކްޓްކުރަނީ ޑޭވިޑް އެވެ. އަދި ގޯވިންދާ އާއި ކަރިޝްމާ ވެސް މެހެމާނު ރޯލެއް ކުޅޭ ކަމުގެ ޚަބަރުތަކެއް ތަންކޮޅެއް ކުރިން ވަނީ ފެތުރިފަ އެވެ.