ވިޔަފާރި

ދިވެހި އިންޝުއަރެންސުން ކްރެޑިޓަށް މުދާ ދޫކުރާ ޕޮލިސީއެއް

Jun 16, 2020

ކޮވިޑް-19 އާ ގުޅިގެން، ދިވެހި އިންޝުއަރެންސުން ވިޔަފާރިތަކަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން، ކްރެޑިޓަށް މުދާ ދޫކުރަން "ޓްރޭޑް ކްރެޑިޓް ބޮންޑް" އެއް ތައާރަފު ކޮށްފި އެވެ.

އިންޝުއަރެންސް ވިޔަފާރީގައި ދިވެހި ޓީމަކާއެކު، މަސައްކަތް ކުރާ ދިވެހި އިންޝުއަރެންސް ކުންފުނިން ބުނީ "ދިވެހި ޓްރޭޑް ކްރެޑިޓް ބޮންޑް" ތައާރަފު ކުރީ ދަތި މި ހާލަތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. މިއީ ކްރެޑިޓަށް މުދާ ނެގޭ ޕޮލިސީއެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ ދުނިއެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ވަރަށް ގިނަ ވިޔަފާރިތަކަށާއި ގައުމުގެ އިގްތިސޯދަށް ނޭދެވޭ އަސަރު ތަކެއް ކުރަމުންދާ ކަމަށެވެ. އެހެން ކަމުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ތައާރަފު ކުރި ދިވެހި ޓްރޭޑް ކްރެޑިޓް ބޮންޑަކީ ކްރެޑިޓަށް މުދާ ދޫކުރަން ބޭނުންވާ ވިޔަފާރި ތަކަށް ފައިސާ އަންބުރާ ލިބޭނެކަން ކަށަވަރުކޮށް ދޭ ގެރެންޓީ ޕޮލިސީ އެއް ކަމަށެވެ.

"މި ފަދަ ދަނޑިވަޅެއްގައި ވިޔަފާރި ތަކަށް ޔަގީން ކަމާއެކު މުދާ ދޫކުރެވި އަދި ޕްރޮޖެކްޓްތައް ހިންގަމުންދާ ފަރާތްތަކަށް މަސައްކަތަށް ބޭނުންވާ މުދަލުގެ ދަތި ކަމެއް ނެތި ވިޔަފާރި ކުރިއަށް ގެންދިއުމަށްޓަކައި މި ޕޮލިސީގެ ދަށުން މަގު ފަހި ވެގެން ދާނެ އެވެ." ދިވެހި އިންޝުއަރެންސުން ބުނެފައިވެ އެވެ.

ދިވެހި އިންޝުއަރެންސް ކުންފުނިން ތައާރަފުކުރި "ޓްރޭޑް ކްރެޑިޓް ބޮންޑް" ނަގައިގެން ރާއްޖޭގެ މަޝްހޫރު ގިނަ ކުންފުނި ތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ޕޮލިސީ ނަގާފައިވާ މަޝްހޫރު ބައެއް ކުންފުނިތަކުގެ ތެރޭގައި ސޮނީ ހާޑްވެއާ އާއި އެޕޯލޯ ހޯލްޑިންގްސް އަދި އެލްބިއަން ސްޓޯރާއި ސްޓީލް ހާޑްވެއާ ހިމެނެ އެވެ.