ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާސްކްގައި ސްކޫލް ބެޖު ޖަހައިގެން ނުވިއްކޭނެ: މިނިސްޓްރީ

ސްކޫލްތަކުގައި ބޭނުންކުރާ ބެޖުތައް އެހެނިހެން ކަންކަމަށް ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސްކޫލްތަކަށް ހާއްސަކޮށްފައިވާ ބެޖުތަކަކީ އެ މިނިސްޓްރީގެ މުދަލެއް ކަމަށެވެ. އެހެން ކަމުން އެއްވެސް ބޭނުމެއްގައި އެ ބެޖުތައް ބޭނުންކުރާ ނަމަ މިނިސްޓްރީގެ ހުއްދަ ނަގަންޖެހޭނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ.

ފަހަކަށް އައިސް ތަފާތު އެކި ބޭނުންތަކަށް މިނިސްޓްރީގެ ހުއްދައެއް ނެތި ބެޖުތައް ވިޔަފާރިއާއި އެހެނިހެން ކަންކަމުގައި ބޭނުންކުރަމުންދާކަން ފާހަގަވާ ކަމަށް ބަޔާނުގައި ބުންޏެވެ. އަދި ހާއްސަކޮށް ކޯވިޑް-19 ހާލަތުގައި ސްކޫލްތައް ހުޅުވާލުމުން، ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު ބޭނުންކުރުމަށް ބައެއް ފަރާތްތަކުން ތައްޔާރުކޮށް ވިއްކަމުން އަންނަ މާސްކުތަކުގައި ސްކޫލްތަކުގެ ބެޖު ހިމެނިފައިވާކަން ފާހަގަ ވެފައިވާ ކަމަށާއި މިއީ މިނިސްޓްރީގެ ހުއްދައެއް ނެތި ކުރަމުންދާ ކަމެއް ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

މިނިސްޓްރީން މިހެން ބުނެފައިވާއިރު ބައެއް ފަރާތްތަކުން ސްކޫލް ކުދިންނަށް ބޭނުންވާ މާސްކު ކަމަށް ބުނެ އެކި ސްކޫލްތަކުގެ ބެޖު ޖަހައިގެން މާސްކް ތައްޔާރުކޮށްގެން ދަނީ ވިއްކަމުންނެވެ.