ވިޔަފާރި

މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 7.5 ޕަސެންޓް ދަށްވެއްޖެ

މިދިޔަ މަހު ދައުލަތަށް ލިބޭނެ ކަމަށް ކުރިން ލަފާކުރި ވަރަށް ވުރެ އާމްދަނީ 5.7 ޕަސެންޓް ދަށްވެއްޖެ އެވެ.

މޯލްޑިވް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމު ކުރި މިދިޔަ މަހުގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ޖުމްލަ އާމްދަނީގެ ގޮތުގައި މީރާއަށް 999.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޑޮލަރުން ލިބުނު އާމްދަނީގެ ގޮތުގައި 51.1 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާއިން އަންދާޒާ ކުރާ ގޮތުގައި މިދިޔަ މަހުގެ އާމްދަނީ ދަށްވުމުގެ މައިގަނޑު އެއް ސަބަބަކީ ނޮވެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ދަށަށް ދިއުމެވެ. މިދިޔަ މަހުގެ އާމްދަނީ ދަށަށް ދިޔަ ނަމަވެސް 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާ ބަލާއިރު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 31.6 ޕަސެންޓް އިތުރުވެފަ އެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 11.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް 2013 ވަނަ އަހަރު ލިބުނީ 8.8 ބިލިއަން ރުފިޔާ އެވެ. އަދި ޑޮލަރުން ލިބުނު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 448 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރު ޖީއެސްޓީގެ ގޮތުގައި 510 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 257 މިލިއަން ރުފިޔާ ލިބިފައިވެ އެވެ