ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޑިސެމްބަރު ނިމޭއިރު ޔޫކޭ އެންމެނަށް ވެކްސިން ދެވޭނެ: ޔޫކޭ

ކޮރޯނާވައިރަސް ވެކްސިން އަށް މުޅި ދުނިޔެ ނޭވާ ހިފަހައްޓާލައިގެން އިންތިޒާރު ކުރަމުންދާއިރު އޮކްސްފޯޑް ޔުނިވަސިޓީގެ ކޮރޯނާވައިރަސް އަޖުމަބެލުމުގެ ގޮތުން ކުރަމުންދާ ޓެސްޓްތައް ވަރަށް ކާމިޔާބު ކަމަށް އެ ޔުނިވަސިޓީން ބުނެ އެވެ. އަދި މިއީ ވެކްސިން އަށް އިންތިޒާރުކުރާ ގިނަ ބަޔަކަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.

ސާ ޖޯން ބެލް އަކީ މެޑިސިންގެ ރޮނގުން އޮކްސްފޯޑް ޔުނިވަސިޓީގެ އެންމެ މަތީ ޕްރޮފެސަރުންގެ ތެރޭގައި ގުނާލެވޭ ތަޖުރިބާކާރެކެވެ. ކޮވިޑް-19 އިގެ ވެކްސިން ތައްޔާރުކުރާ ޓީމުގައި ވެސް އެންމެ އިސްކޮށް ހުންނެވީ އޭނާ އެވެ.

އިނގިރޭސި ވިލާތުގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއު އެއްގައި ޕްރޮފެސަރު ވިދާޅުވީ އޯޓަމް އަންނަން ވާއިރަށް ވެކްސިން ލިބޭވަރު ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރިޕޯޓަރު ޕްރޮފެސަރާ ކުރި އެންމެ މުހިއްމު ސުވާލަކީ އޮކްސްފޯޑުން ތަރައްގީ ކުރަމުންދާ ވެކްސިން އަކީ އިންސާނުންނަށް ދޭން އެންމެ ބަރާބަރު ވެކްސިންކަން ޔަގީންކޮށް އެނގޭނީ ކިހާ މުއްދަތަކުން ހެއްޔެވެ؟ ސުވާލުގެ ޖަވާބުގައ ޕްރޮފެސަރު ވިދާޅުވީ އޮގަސްޓް ނިމޭއިރަށް އުފާވެރި ޚަބަރު ލިބޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

އޮކްސްފޯޑު ރިސާޗަރު ވިދާޅުވީ ކޮރޯނާވައިރަސް ވެކްސިން އުފައްދަން ސައިންސްވެރިން މަސައްކަތް ކުރަމުން ދަނީ ރެޔާ ދުވާލު ހޭބޯނާރާ ކަމަށެވެ. ދުވަހަކުވެސް ވެކްސިނެއް އުފައްދަން މިހާ މަސައްކަތް ނުކުރާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އާއްމުގޮތެއްގައި ވެކްސިނެއް ތަރައްގީކުރަން އަށެއްކަ އަހަރު ނަގާ. އަހަރެމެން މި ވެކްސިންގެ މަސައްކަތް ކުރާތާ އަދި މިވީ އެންމެ 18 ހަފުތާ،" އޭނާ ވިދާޅުވި އެވެ.

ޕްރޮފެސަރު ލަފާ ކުރައްވާ ގޮތުގައި ހުރިހާ ކަމެއް ރާވާފައިވާ ގޮތަށް ރަނގަޅަށް ކުރިއަށް ދާނަމަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އިންސާނުންނަށް ވެކްސިން ދޭން ފެށޭވަރު ވާނެ އެވެ. އަދި ޑިސެމްބަރު ނިމޭއިރު އިނގިރޭސި ވިލާތުގެ އެންމެންނަށް ތިބޭނީ މި ވެކްސިން ދެވިފައި ކަމަށް ވެސް ޕްރޮފެސަރު ލަފާ ކުރައްވަ އެވެ.

ވެކްސިންގެ ކްލިނިކަލް ޓްރައަލްސްތައް ކުރިއަށް ދަނީ ކުރިން މިފަދަ ވެކްސިންގެ އަޖުމަބެލުންތައް ކުރިޔަށް ގެންދިޔަ ގޮތާ މުޅިން ތަފާތުކޮށް ކަމަށާއި މިގޮތަށް ޓްރައަލްތައް ކުރިޔަށް ގެންދިއުމުން ނަތީޖާއަކާ ހަމައަށް މާ އަވަހަށް ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮކްސްފޯޑުން އުފައްދާ ކޮވިޑް-19 ވެކްސިން މިހާރު އުޅެނީ ކްލިނިކަލް ޓްރައަލްސްގެ 2/3 ފޭސް ގައެވެ. މި ވެކްސިން އަންނަ ޖުލައި މަހު ބްރެޒީލްގައި ޓެސްޓް ކުރަން ފަށާނެ އެވެ. އެގޮތުން ބްރެޒީލްގެ 2،000 މީހަކު މި ޓްރައަލްގައި ބައިވެރި ކުރަން ވަނީ ހަމަޖެހިފަ އެވެ.

އޮކްސްފޯޑް ވެކްސިން ފެއިލް ވިޔަސް ވެކްސިން އުފެއްދުމުގައި މީގެ ކުރިން ގެންގުޅެމުން އައި ގޮތްތަކަށް ގެނައި ބަދަލުތައް އަބަދަށްޓަކައި ބަދަލު ވެގެން ދާނެ ކަން ޕްރޮފެސަރު ފާހަގަ ކުރެއްވި އެވެ. ސަބަބަކީ ވެކްސިން އުފައްދާ އެހެން ހުރިހާ ކުންފުނި ތަކަކުން ވެސް މިހާރު މި އުސޫލަށް ތަބާވެ މިގޮތަށް އަމަލުކުރަން ފަށާފައިވާތީ އެވެ.

ސާ ޖޯން ވިދާޅުވީ ސެޕްޓެމްބަރު / އޮކްޓޯބަރު ހިސާބުގައި ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ވެކްސިންތައް އުފައްދާ ދޭން ފެށޭނެ ކަމަށް އޭނާ އުންމީދު ކުރައްވަ އެވެ. އަދި އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި ވެސް މި ހިސާބަށް ދާއިރު ވެކްސިން ދޭން ފެށޭނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.