ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހާލު ޖެހުނު މީހުނަށް ހައްލު ދެވޭނީ ދާއިމީ ގާނޫނަކުން: މެންބަރުން

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން މާލީ ހާލަތު ދަށްވެ ހާލުގައި ޖެހިފައިވާ އާންމު ފަރުދުންނަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށްޓަކައި ވަގުތީ ގާނޫނަކުން ހައްލެއް ނުދެވޭނެ ކަމަށާއި އޭގެ ބަދަލުގައި ދާއިމީ ގާނޫނެއް ފާސްކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ހާލުގައި ޖެހުނު މީހުނަށް އިޖުތިމާއީ ރައްކާތެރިކަމެއް ދިނުމަށް ސަރުކާރުން ފޮނުވާފައިވާ ވަގުތީ ބިލަށް ބަހުސް ކުރެއްވި އެމްޑީޕީގެ ބައެއް މެންބަރުން ފާހަގަ ކުރެއްވި ގޮތުގައި ވަގުތީ ގާނޫނެއްގެ ބިލެއްގެ ބޭނުން ވަނީ ކެނޑިފަ އެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ހުށަހެޅުއްވި އެ ބިލަށް ބަހުސް ކުރެއްވި ބައެއް މެންބަރުންގެ ހިޔާލުފުޅަކީ ވަގުތީ ގާނޫނެއްގެ ބަދަލުގައި މިފަދަ ބަލިމަޑުކަމުގެ ހާލަތްތަކުގައި އަމަލު ކުރާނެ އުސޫލުތަކެއް ހިމެނޭ ދާއިމީ ބިލެއް ފާސްކުރުމެވެ.

ބިލަށް ބަހުސް ކުރައްވަމުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ އެ ބިލު ފަރުމާކޮށްފައި އޮންނަންވީ ކުރިއަށް އޮތް ތަނުގައި ދިމާވާނެ މިފަދަ ހަލާތަކަށް ތައްޔާރުވެ ތިބުމަށް އަމަލު ކުރާނެ ދާއިމީ ގާނޫނެއްގެ ގޮތުގައި ކަމަށެވެ.

"މި ބިލުގައި ބަޔާން ކުރާ ގިނަ ކަންކަން މިހާރު މި ވަނީ ވެ ނިމިގެން ގޮސްފައި. ކުލި ނުދެއްކުނު ފަރާތްތައް ގެއިން ނެރެލައިފި. އެ ބައަކަށް ވަގުތީ ހިޔާވަހިކަން ދީފި. ވަޒީފާތައް ގެއްލިއްޖެ. އިދާރީ ގޮތުން ސަރުކާރުން މިހާރު ކުރަމުންދާ ކަންކަން ދެން ހުރީ." މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ވިދާޅުވީ، މިފަދަ ހާލަތަކަށް ރިއާޔަތްކޮށް ބިލެއް މަޖިލީހަށް ގެނެސްދިނީތީ އުފާ ކުރައްވާ ކަމަށާއި ނަމަވެސް ވަގުތީ ގާނޫނެއްގެ ގޮތުގައި ހައްލުތަކެއް ގެންނަން ބިލެއް މަޖިލީހަށް އަންނަން ކުޑަތަންކޮޅެއް ވިޔަސް ލަސްވެފައިވާ ކަމަށެވެ.

ބިލަށް އަމަލު ކުރާނެ ހާއްސަ މުއްދަތެއް ވެސް ބިލުގައި ބަޔާން ކޮށްފައިވާ ކަން ވެސް ޔާސިރު ފާހަގަ ކުރެއްވި އެވެ. ބިލުގައިވާ ގޮތުން މިހާރު އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ހާލަތު ނިމޭތާ މަސް ދުވަސް ތެރޭގައި ބިލުގެ ބޭނުން ކެނޑިގެންދާ ކަމަށް ޔާސިރު ވިދާޅުވި އެވެ.

ޔާސިރު ވިދާޅުވީ، ކޮވިޑް-19 ގެ ބަލި ނޫން ހަމަ އެފަދަ ނުރައްކާތެރި ބައްޔެއް ވެސް ކުރިއަށް އޮތް ތަނުގައި ދިމާވެދާނެ ކަމަށް ދެކިގެން ވަގުތީ ގާނޫނެއްގެ ބަދަލުގައި ދާއިމީ ގާނޫނެއް ގެންނަން ޖެހޭ ކަމަށެވެ. އަދި އެ ގާނޫނުގައި ފުރިހަމަ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމެއް އެކުލަވާލާފައިވާ އޮންނަން ވާނެ ކަމަށް ވިދާޅުވި އެވެ.

"މި ނޫން ބައްޔެއްގައި އަޅުގަނޑުމެންގެ ރާއްޖެއަށް ސިއްހީ ކުއްލި ހާލަތެއް އައިސްފިއްޔާ ކިހިނެއްތޯ ހަދާނީ. އަނެއްކާ ވެސް އެ ބައްޔެއްގެ ނަން ބޭނުން ކޮށްގެން އެ ބައްޔަކާ ގުޅުވައި ސަންސެޓް ގާނޫނެއް ގެންނާނީތޯ. އަޅުގަނޑުމެން މި ގާނޫނު ދާއިމީ ގާނޫނަކަށް ހަދާނީތޯ. ވިސްނާލަން ޖެހޭ،" ޔާސިރު ވިދާޅުވި އެވެ.

ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވެސް ވިދާޅުވީ، ބިލުގައި ބަޔާން ކުރާ ގިނަ ކަންކަމަކީ މިހާރު ވެސް ދިމާވެ ހައްލުތަކެއް ގެނެސްފައިވާ ކަމެއްް ކަމަށެވެ. އެ ކަންކަމަށް ރިއާޔަތްކޮށް ސަރުކާރުން އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އަފީފު ވިދާޅުވީ، ވަގުތީ ގާނޫނެއްގެ ގޮތުގައި ބިލު ފާސްކުރުމުގެ ބޭނުމެއް މިހާރު ނެތް ކަމަށެވެ. ނަމަވެސް މުސްތަގުބަލުގައި ދިމާވާނެ މިފަދަ ހާލަތްތަކުގައި ކަން ކުރާނެ ކަންކަން ހިމަނައިގެން އިޖުތިމާއީ ރައްކާތެރިކަން ދޭ ބިލެއްގެ ގޮތުގައި ފަރުކޮށްފައި އޮންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ބިލުގައި ހިމެނޭ ބައެއް ކަންކަން

  • ދިރިއުޅެން ކުއްޔަށް ދީފައިވާ ތަންތަނުން މީހުން ނެރުން މަނާ ކުރުން
  • ދިރިއުޅެން ކުއްޔަށް ދޫކޮށްފައިވާ ތަން ދޫކުރަން ދެ މަހުގެ ނޯޓިސްއެއް ދިނުން ލާޒިމުވުން
  • ކަރަންޓީނަށް ގެންދާާ މީހުންގެ ވަޒީފާއިން ވަކިނުކުރުމާއި ޗުއްޓީއެއް ދިނުން
  • ވަޒީފާ ގެއްލޭ ފަރާތްތަކަށް އިޖުތިމައީ ރައްކާތެރިކަން ދިނުން
  • ބޯހިޔާވަހިކަމާއި އަސާސީ ބޭނުންތައް ނުފުއްދޭ މީހުނަށް އިޖުތިމާއީ ރައްކާތެރިކަން ދިނުން
  • ފެނާއި ކަރަންޓާއި އިންޓަނެޓް ފަދަ އަސާސީ ހިދުމަތްތައް ކަނޑާނުލުން
  • ކޮވިޑް-19 ގެ ފަރުވާއަށް ސިއްހީ އިންޝުއަރެންސެއް ފޯރުކޮށްދިނުން
  • ވިޔަފާރިތަކަށް ޓެކްސް ލުއިތަކެއް ހަމަޖެއްސުން
  • އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދާނެ ގޮތް ހަމަޖެއްސުން