ބޮލީވުޑް

ސަރްދާރް އުއްދަމް ސިންގް: ވަބާގެ އަސަރު ކުރީ ކުޑަކޮށް

ޑައިރެކްޓަރު ޝޫޖިތު ސިރްކާރް މިހާރު މަސައްކަތް ކުރަމުންދާ ވިކީ ކޯޝަލް ލީޑް ރޯލު ކުޅޭ ކުރީ ޒަމާނުގެ ވާހަކައަކަށް ތައްޔާރުކުރާ "ސަރްދާރް އުއްދަމް ސިންގް" ގެ މަސައްކަތަށް ކޮރޯނާވައިރަހުގެ ސަބަބުން ފިލްމު އިންޑަސްޓްރީގެ މަސައްކަތްތައް ހުއްޓާލަން ޖެހުމުން މާ ބޮޑު އަސަރުތަކެއް ނުކުރާ ކަމަށް އޭނާ ބުނެފި އެވެ. ޑައިރެކްޓަރު ބުނި ގޮތުގައި ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފަށަން މިހާރު އަނެއްކާވެސް އޭނާ ދަނީ ތައްޔާރު ވަމުންނެވެ.

"އަހަރެމެންނަށް މާ ބޮޑު އަސަރެއް ކުރިއެކޭ ނުބުނެވޭނެ. ސަބަބަކީ ފިލްމުގެ ޝޫޓިން ނިމިފައި އޮތުމުން. މިހާރު ކުރަން އޮތީ ހަމައެކަނި ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތް. ނަމަވެސް ފިލްމަކީ ކުރީ ޒަމާނެއްގެ ހާދިސާތަކެއް ދައްކާ ފިލްމަކަށް ވާތީ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ބުރަވެފައި އެކަމަށް ގިނަ ދުވަސް ނަގާނެ. އެ މަސައްކަތްތައް އޮތީ ލޮކްޑައުންގެ ސަބަބުން ހުއްޓިފައި،" ޑައިރެކްޓަރު ޝޫޖިތު ބުންޏެވެ.

"ސަރްދާރް އުއްދަމް ސިންގް" އަކީ އިންޑިޔާ އަށް މިނިވަންކަން ލިބުމުގެ ކުރީގައި އިންޑިޔާގައި ހިނގި ހާދިސާތަކެއްގެ ވާހަކަ ދައްކުވައިދޭ ފިލްމެކެވެ. ސަރްދާރް އުއްދަމު ސިންގަކީ ޝަހީދެއްގެ ދަރަޖަ އިންޑިޔާގައި ލިބިފައިވާ މީހެކެވެ. މިއީ 1919 ގައި އިންޑިޔާގެ ޕަންޖާބުގައި ހިނގި ހާދިސާ ތަކެކެވެ. އޭރު ޕަންޖާބުގެ ލެފްޓިނެންޓް ގަވަރުނަރުކަން ކުރި މައިކަލް އޯޑުވެޔާ ކިޔާ މީހަކު ގަތުލު ކުރިކަމުގެ ކުށް ސާބިތުވެ 1940ގެ ޖުލައި ސަރްދާރް އުއްދަމް ސިންގް އަށް ވަނީ ދަން ޖައްސައިގެން މަރުގެ އަދަބު ދީފަ އެވެ.

ޑައިރެކްޓަރު ބުނީ މަޑުމަޑުން ޕޯސްޓް-ޕްރޮޑަކްޝަންގެ މަސައްކަތް ފަށައިގެން ކުރިޔަށް ގެންގޮސް އަންނަ އަހަރު ފިލްމު ރިލީޒް ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް މިހާރު ރިލީޒްކުރަން ހުރި ފިލްމުތައް ގިނަކަމުން ސިނަމާތަކުން ޖާގަ ލިބޭނެ ދުވަހެއް ލަފާ ކޮށްލަން ވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

ފިލްމު ރިލީޒް ކުރެވޭނެ ދުވަހެއް ލަފާ ކޮށްލަން އެނގޭނީ ވެސް ކުރިޔަށް އޮތް ދެ ތިން މަހު ކަންތައްތައް ވާ ގޮތަކަށް ބަލާފައި ކަމަށް ވެސް އޭނާ ބުންޏެވެ.

ޑައިރެކްޓަރު ޝޫޖިތު އެންމެ ފަހުން އުފެއްދި އަމީތާބު ބައްޗަން އާއި އަޔުޝްމާން ކުރާނާ ލީޑް ރޯލު ކުޅެފައިވާ "ގުލާބޯ ސިޓާބޯ" މިހާރު ވަނީ ސިނަމާތަކުގައި ރިލީޒްކުރުމުގެ ބަދަލުގައި އެމެޒޯން ޕްރައިމް ވީޑިއޯގައި ރިލީޒްކޮށްފަ އެވެ.