ލައިފްސްޓައިލް

ރާޅުގަނޑުގެ "ބާރަށް ދުއްވާ" އަށް ރެކޯޑެއް

ބޮޑުބެރަކީ ދިވެހިންގެ ލެޔާ ކުޅެލާ ހާއްސަ ކުޅިވަރެކެވެ. ބޮޑުބެރު ލަވަތަކަކީ އަބަދުވެސް ދިވެހިންގެ މެދުގައި ހާއްސަ ކަމެއް ދެވިފައި އޮންނަ ލަވަތަކެވެ. އެއީ އުމުރުގެ ތަފާތެއްވެސް އޮތް ކަމެއް ނޫނެވެ. އެންމެ ކުޑަކުދިން ފެށިގެން ދުވަސްވީ މީހުންގެ މެދުގައިވެސް ބޮޑުބެރަށް އޮންނަ ޝައުގުވެރިކަން ވަރަށް ބޮޑެވެ.

ރާއްޖޭގައި މިފަހުން ވަރަށް ގިނަ ބޮޑުބެރު ގުރޫޕްތައް އުފެދިފައެވެ. ޒުވާނުން އިސްނަގައިގެން އުފައްދާފައިވާ އެ ގުރޫޕްތަކުން ހިތްގައިމު ވަރަށް ގިނަ ލަވަތައް ވަނީ ގެނެސްދީފައެވެ.

ދިވެހި ބޮޑުބެރު ލަވައެއް މިވަނީ ރާއްޖޭގެ ރެކޯޑެއް ހަދާފައެވެ. މަޝްހޫރު ބޮޑުބެރު ގުރޫޕް ރާޅުގަނޑު ބޮޑުބެރު ތައްޔާރުކޮށް ބެލުންތެރިންނަށް ދޫކޮށްލި "ބާރަށް ދުއްވާ" މި ލަވަ ވެފައިވަނީ ޔޫޓިބިއުބްގައި އެއް މިލިއަން ވިއުސް ހަމަކުރި ފުރަތަމަ ދިވެހި ލަވައިގެ ރެކޯޑް ހާސިލްކޮށްފައެވެ.

އުމުރުން އެންމެ 21 އަހަރުގެ އަލީ މައުލޫމް (މައުއްކޮ) ކިޔާފައިވާ މި ލަވައަކީ ވަރަށް ގިނަ ބަޔަކަށް މިހާރު އެންމެ ކަމުދާ ބޮޑުބެރު ލަވައެވެ. ރާއްޖެއިން ބޭރުގައި ބައެއް ފެސްޓިވަލްތަކުގައިވެސް މި ލަވަ ހުށައަޅާދީފައެވެ. އެންމެ ފަހުން އޭބީޔޫ ފެސްޓިވަލްގައި ރާއްޖެ ތަމްސީލް ކުރުމުގެ ގޮތުން ހުށައަޅައިދީފައިވަނީވެސް މި ލަވައެވެ.

އަވަސްއާ ވާހަކަދައްކަމުން ރާޅުގަނޑު ބޮޑުބެރު ގުރޫޕްގެ ބާނީ އަދި ކުޅަދާނަ ލަވަކިޔުންތެރިޔާ ހައްމާދު ރަޝީދު (ހަމްޕް) ބުނީ އެ ގުރޫޕްގެ އުފެއްދުމަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިއީ އައު އުފެއްދުންތައް ނެރުމަށް ލިބުނު ހިތްވަރެއް ކަމަށެވެ.

"ވަރަށް ބޮޑު ޝަރަފެއް ކަމަށް އަޅުގަނޑުމެން ދެކެނީ ޔޫޓިއުބްގައި އެއްމިލިއަން ވިއުސް ލިބުނު ފުރަތަމަ ދިވެހި ލަވައަކަށް މި ގުރޫޕް [ރާޅުގަނޑު ބޮޑުބެރު] ގެ ލަވައެއް ވެގެން ދިއުން. މިއީ މަސައްކަތުގައި ކުރިއަށްދާން ލިބުނު ހިތްވަރެއް." ހަމްޕު ބުންޏެވެ.

ހަމްޕު ބުނީ ބެލުންތެރިންނަށް ކަމުދާނެ ބޮޑުބެރު ލަވައެއް އުފެއްދުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށެވެ. އެގޮތުން މައުއްކޮގެ ލަވައެއް ވަރަށް އަވަހަށް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަކީ އުންމީދެއް ކަމަށެވެ.

ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހު 10 އަހަރު ފުރޭ ރާޅުގަނޑު ބޮޑުބެރު ގުރޫޕަކީ ވަރުނުލާ ރާޅުގަނޑު ސަރަހައްދަށް ނިސްބަތްވާ 16 އަހަރުގެ ކުދިންތަކެއް އިސްނަގައިގެން އުފެއްދި ގުރޫޕެކެވެ.

އެ ގުރޫޕުން ވަނީ ރާއްޖެއާ ރާއްޖެއިން ބޭރުގައި ގިނަ ހުށައެޅުންތަކެއް ހުށައަޅައިދީފައެވެ. އަދި ރާއްޖެ ތަމްސީލް ކުރުމަށް ވަރަށް ގިނަ ފެސްޓިވަލްތަކުގައިވެސް އެ ގުރޫޕުން ވަނީ ބައިވެރިވެ ރާއްޖެ ތަމްސީލް ކޮށްފައެވެ.

އަދި އެކި މުނާސަބަތުތަކާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ޝޯތައް ދީފައިވެ އެވެ.

އެ ގުރޫޕްގެ ބާނީ އަދި އިސް ލަވަކިޔުންތެރިޔާ ހައްމާދު ރަޝީދު (ހަމްޕް) ގެ ގިނަ ލަވަތަކެއް މިހާތަނަށް އާންމުންނާއި ހަމައަށް ވަނީ ގެނެސްފަ އެވެ. އެ ލަވަތަކަށްވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅުވާ ހަމްޕްގެ އަޑުން އިވިގެންދިޔަ "ޔާ، ރަހީމް" މި މަދަހައަކީ ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ މަދަހައެވެ. ފޭސްބުކުން މި މަދަހަ ބެލި މީހުންގެ އަދަދު ލައްކައަށްވުރެ ގިނަ އެވެ. އަމިއްލަ ރާގަކަށް ހަދާފައިވާ މި މަދަހައިގެ ރާގު އަދި ޅެންވެސް ހަދާފައިވަނީ ހަމްޕެވެ.

ހަމްޕް ބުނީ ރާޅުގަނޑު އޮތީ އައު ކުދިންނަށް ފުރުސަތުދީ، މޮޅެތި ފަންނާނުން އުފެއްދުމުގެ އުންމީދުގައި ކަމަށެވެ.

އަދި އެ ގުރޫޕާ ގުޅެން ބޭނުންވާ ޒުވާނުންނަށް ފުރުސަތު އެބައޮތް ކަމަށެވެ. އެ ފުރުސަތު ބޭނުންވާ ޒުވާނުން ރާޅުގަނޑު ބޮޑުބެރު ގުރޫޕްގެ އޮފިޝަލް ފޭސްބުކް ޕޭޖަށް މެސެޖް ކުރުމަށް ވަނީ އެދިފައެވެ.