ކަރީމް ބެންޒެމާ ކާމިޔާބު ކުރި ދެ ލަނޑާއެކު، ވެލެންސިއާގެ މައްޗަށް 3-0 ގެ ނަތީޖާ އަކުން މޮޅުވެ ވާދަވެރި ބާސެލޯނަގެ ފަހަތުގައި ރެއާލް މެޑްރިޑުން ވިއްދައިފި އެވެ.
ބެންޒެމާ ކާމިޔާބު ކުރި ދެ ލަނޑާއެކު އޭނާ ވަނީ ރެއާލްގެ ތާރީހްގައި އެންމެ ގިނަ ލަނޑު ޖެހި ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ. ރޭގެ ދެ ލަނޑަކީ ރެއާލްއަށް އޭނާ ކާމިޔާބު ކޮށްދިން 243 ވަނަ ލަނޑެވެ. ކުރިން ފަސް ވަނައިގައި އޮތީ ރެއާލްގެ ލެޖެންޑް ހަންގޭރީގެ ފްރެންކް ޕުސްކަސް އެވެ.
މެޗުގައި ބެންޒެމާ އާއި އެޑެން ހަޒާޑްގެ ކޮމްބިނޭޝަން ވަރަށް ރަނގަޅަށް ފެނިގެން ދިޔަ އެވެ. ކޮރޯނާ ވައިރަސް އަށް ފަހު އެނބުރި އައިސް އައިބާ އާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އެ ދެ ކުޅުންތެރިންގެ ކޮމްބިނޭޝަން ފެނުނީ ރަނގަޅަށެވެ.
ރެއާލްގެ ފުރަތަމަ ލަނޑު މެޗުގެ 61 ވަނަ މިނެޓްގައި ބެންޒެމާ ކާމިޔާބު ކުރީ ހަޒާޑް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އެހެންނަމަވެސް މެޗުގައި ގޯލަށް ބޯޅަ ފުރަތަމަ ފޮނުވާލީ ވެލެންސިއާގެ ރޮޑްރީގޯ މޮރޭނޯ އެވެ. ރެއާލްގެ ބީ ޓީމުގެ ދަނޑު އަލްފްރެޑޯ ޑި ސްޓެފަނޯ ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ ހާފުގައި ރޮޑްރީގޯ މޮރޭނޯ ވަނީ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެހެންނަމަވެސް އެ ލަނޑު ކެންސަލް ކުރީ ވީއޭއާރު މެދުވެރިކޮށް ތަކުރާރުކޮށް ބެލުމަށް ފަހު އެވެ.
އޭގެ ކުރިންވެސް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ރޮޑްރީގޯއަށް ލިބިގެން ދިޔަ އެވެ. ކައުންޓަ އެޓޭކު ފުރުސަތެއްގައި ވެލެންސިއާއިން އުފެއްދި ހަމަލާ ރޮޑްރިޑޯ ފޮނުވާލުމުން އަމާޒުވީ ރެއާލްގެ ގޯލް ދަނޑި އަށެވެ.
މެޗުގައި ރެއާލްގެ މާކޯ އަސެންސިއޯ ވަނީ ކުޅެން ނުކުމެފަ އެވެ. އެއީ މިދިޔަ އަހަރު ޖުލައި މަހު ޕްރީ ސީޒަންގައި އާސެނަލް އާ ދެކޮޅަށް އެމެރިކާގައި ކުޅުނު މެޗުގައި އަނިޔާވި ފަހުން އޭނާ ދަނޑަށް ނުކުތް ފުރަތަމަ މެޗެވެ. އަސެންސިއޯގެ ފުރަތަމަ ބޯޅައިން އޭނާ ވަނީ ރެއާލް އަށް މެޗުގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. އެ ލަނޑު އޭނާ ކާމިޔާބު ކުރީ ފާލެންޑް މެންޑީ ނަގައިދިން ބޯޅައިންނެވެ.
ބެންޒެމާ ކާމިޔާބު ކުރީ ލަނޑަކީ މޮޅު ލަނޑެކެވެ. އަސެންސިއޯ ތަނަވަސް ކޮށްދިން ފުރުސަތު ބޭނުން ހިފީ ބޯޅަ އަމިއްލަ ބާރުގެ ދަށަށް ގެނެސް ވައިގެ ތެރޭގައި އޮއްވައި ބޯޅަ ގޯލްގެ ތެރެއަށް އޮއްސިގެންދާ ގޮތަށް ބޯޅަ ފޮނުވާލައިގެންނެވެ.
މިރޭ ބާސެލޯނާ އިން ސެވިއްޔާ އާ ދެކޮޅަށް ނުކުންނަ މެޗުން މޮޅުވެ އަނެއްކާވެސް ފަސް ޕޮއިންޓަށް ފަރަގު ބޮޑު ކުރެވޭނެ އެވެ. ހޮނިހިރު ދުވަހުގެ ރޭ ރެއާލް އާ ދެކޮޅަށް ނުކުންނަ ރެއާލް ސޮސީޑާޑް ވަނީ ޑިޕޯޓިވޯ އަލްވޭޒް އަތުން 2-0 ން ރޭ ބަލިވެފަ އެވެ. އެއާ އެކު އެތުލެޓިކޯ މެޑްރިޑަށް ވަނީ ހަތަރު ވަނައިގައި ހަމަޖެހިލުމުގެ ފުރުސަތު ލިބިފަ އެވެ.