ޗެންނާއީ (ޖޫން 19) - ކޮވިޑް-19 އިގެ ކޭސްތައް ފާއިތުވި ދުވަސްތަކުގައި އިންތިހާއަށް އިތުރުވުމާ ގުޅިގެން، އިންޑިއާގެ ދެކުނުގައި އޮންނަ ޗެންނާއީ ސިޓީއާއެކު އަވަށްޓެރި ތިން ސަރަހައްދެއް އަލުން ލޮކްޑައުންކޮށްފި އެވެ.
މުޅި ސިޓީ ކުރިއަށް އޮތް 12 ދުވަހަށް ލޮކްޑައުންކޮށްފައިވާއިރު، އޮޕަރޭޓް ކުރުމުގެ ހުއްދަ ހަމައެކަނި ލިބިފައިވަނީ އަސާސީ ހިދުމަތްދޭ ތަންތަނާއި، ކާބޯތަކެތި ވިއްކާ ފަރާތްތަކަށެވެ.
ޓްމިލް ނާޑޫ ސިޓީގެ ވެރިރަށް ޗެންނާއީ އަކީ އިންޑިއާގެ ހަ ވަނަ އަށް އެންމެ ބޮޑު ސިޓީ އެވެ.
އެގޮތުން، ޓެމިލް ނާޑޫގައި މިހާތަނަށް ފެނިފައިވާ ޖުމްލަ 50،000 އެއްހާ ކޭސްގެ ތެރެއިން، ޗެންނާއީން އެކަނި 37،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފަ އެވެ.
ނަމަވެސް، 600 އެއްހާ މަރާއެކު، އެ ބަލީގައި މީހުން މަރުވި އަދަދު ނިސްބަތުން މަދު ނަމަވެސް، ރަސްމީ ތަފާސް ހިސާބުތަކުގައި 200 އެއްހާ މަރު ހިމެނިފައިނުވާކަމުގެ ރިޕޯޓުތަކާއެކު، ޗެންނާއީގެ އަދަދުތައް އަންނަނީ މުރާޖައާ ކުރަމުންނެވެ.
ލޮކްޑައުން ކުރުމުގެ ކުރިން، ގިނަ ބަޔަކު ސިޓީ ދޫކޮށް ދާން އުޅުމުގެ ތެރޭގައި އެ ސިޓީގެ ގިނަ މަގުތައް ތޮއްޖެހިފައިވާކަމަށް މީޑިއާތަކުން ބުނެފައިވެ އެވެ.
މި މަހުގެ ކުރީކޮޅު މުޅި އިންޑިއާގައި އެޅި ލޮކްޑައުން ލުއިކުރަން ފެށިފަހުން، އަލުން ލޮކްޑައުންކޮށްފައިވަނީ ހަމައެކަނި ޗެންނާއީ އެވެ.
ގާތްގަނޑަކަށް 350،000 ކޭހާއެކު، މުޅި ދުނިޔޭގައިވެސް، އިންޑިއާއަކީ ހަތަރު ވަނަ އަށް އެންމެ ގިނަ މީހުނަށް ކޮވިޑް-19 ޖެހުނު ގައުމަށް ވަނީ ވެފަ އެވެ.
އަދި ލޮކްޑައުން ލުއިކުރުމާއެކު، އެ ބަލި ފެތުރޭ މިންވަރު ވަނީ އިތުރަށް ހަލުއިވެފަ އެވެ.