ލައިފްސްޓައިލް

ފިލްމު އިންޑަސްޓްރީގައި ރަވީނާއަށް ވެސް ހިތި ތަޖުރިބާތަކެއް

ޒުވާން އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ ކުއްލި މަރާއެކު ހިންދީ ފިލްމު އިންޑަސްޓްރީގައި އޮންނަ އެކި ކޭމްޕްތަކާއި އެ ކޭމްޕްތަކަށް ނިސްބަތްނުވާ މީހުންނަށް ގެންގުޅޭ ތަފާތުކުރުންތަކުގެ ވާހަކަ ތަކުގެ އަޑު ވަނީ ވަރަށް ގަދަވެފަ އެވެ. އަދި ވަރަށް ގިނަ އެކްޓަރުން އެމީހުންނަށް ކުރެވިފައިވާ މިފަދަ ތަޖުރިބާތައް ދަނީ ހާމަ ކުރަމުންނެވެ.

އެގޮތުން މަޝްހޫރު ބަތަލާ ރަވީނާ ޓަންޑަން ވެސް އޭނާއަށް ކުރެވިފައިވާ ހިތި ތަޖުރިބާތައް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ. ފިލްމު އިންޑަސްޓްރީގައި ކުރެވިފައިވާ ތަޖުރިބާތަކުގެ ހަނދާން އާކުރަމުން ރަވީނާ ބުނެފައިވަނީ މިއީ ދުވަސްވެފައިވާ ޒަޚަމްތަކެއް ކަމަށެވެ.

ރަވީނާ ބުނި ގޮތުގައި އިންޑަސްޓްރީގައި "މީން ގާލް ގޭންގް" އޮންނަ ވާހަކައަކީ ވެސް ހަގީގަތެކެވެ. ބަތަލާއިންގެ މިގޭންގްގެ ކަމަކީ އެހެން މީހުންނޭ ކިޔައިގެން ތަފާތު ވާހަކަތައް ފެތުރުމާއި ބުލީކޮށް މަލާމާތްކޮށް އަދި މީހުންނަށް ހުތުރު ނަންނަން ކިޔުމާއި މީހުންނޭ ކިޔައިގެން ދޮގު ޚަބަރުތައް ފެތުރުން ބިރުދެއްކުން ފަދަ ކަންތައްތަކެވެ.

"ކޭމްޕްތައް ވެސް ހަގީގަތުގައި ވެސް އޮވޭ ހަމަ. މި ކޭމްޕްތަކަށް ނިސްބަތްވާ ބަތަލުންގެ ކަމަކަށް އޮންނަނީ އެހެން މީހުންނަށް ލިބޭ ފިލްމުތައް އެމީހުން އަތުން އަތުލުމާއި އެމީހުން ރައްޓެހިވެގެން އުޅޭ ބަތަލާއިންނަށް ފިލްމުތައް ހޯދާ ދިނުން. ނޫސްވެރިން ހައްދައިގެން އެމީހުންގެ ރަނގަޅު ފޮތަށް އަރައިގެން އުޅޭ މީހުން ވެސް ވަރަށް ގިނަ. މީޑިއާގައި ތަފާތު ފޭކް ވާޙަކަތައް ޖަހައިގެން ނުރުހޭ އެކްޓަރުންގެ ކެރިއަރު ބަރުބާރުކުރުމަކީ ވެސް މިފަދަ މީހުން ކުރާ ކަމެއް. މިފަދަ އަމަލުތަކުން ބައެއް މީހުންގެ ކެރިއަރު ހަގީގަތުގައި ވެސް ބަރުބާދުވޭ. އަނެއްބަޔަކު ވަރަށް މަސައްކަތުން ނުގެނބި ފެންމަތީ އޮވެވޭތޯ އުޅޭ. އަދި ހަމަލާ ދޭ މީހުންނަށް ރައްދު ހަމަލާ ވެސް ދެވޭތޯ އުޅޭ. އެގޮތުން ބައެއް މީހުން ސަލާމަތްވާއިރު އަނެއްބަޔަކު ސަލާމަތެއް ނުވޭ،" ރަވީނާގެ ހިތި ތަޖުރިބާތައް ޓުވިޓާގައި ބަންޑުން ޖަހާލަމުން ލިޔެފައި ވެއެވެ.

އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި ފިލްމު އިންޑަސްޓްރީގެ ބައެއް މީހުން ހަގީގަތް ހާމަކުރަން އުޅުމުން އެމީހުންނަކީ ދޮގުހަދާ ބޯގޯސް ބަޔަކަށް ހަދަ އެވެ.

"އަހަރެން ނިސްބަތްވަނީ ފިލްމު އިންޑަސްޓްރީ އަށް. އެހެންވެ އަހަރެންނަށް ލިބުނު ފުރުސަތުތަކާ މެދު އަހަރެން ޝުކުރުވެރިވަން. ނަމަވެސް ބައެއް މީހުން ކުޅޭ ހުތުރު ކުޅިވަރުތަކުގެ ރަހަ އަހަރެންގެ ކަރުބުޑުގައި ވެސް ވަނީ ލާފަ،" ރަވީނާ ބުންޏެވެ.

ރަވީނާގެ ބައްޕަ އަކީ ކުރީގެ މަޝްހޫރު ފިލްމު ޑައިރެކްޓަރެކެވެ. ނަމަވެސް ޚުދް ރަވީނާ އަށް ވެސް އިންޑަސްޓްރީ ތެރޭން ގިނަ މައްސަލަތަކެއް ދިމާވި ކަމަށް އޭނާ ބުނެ އެވެ. ބައެއް މީހުން ބޭރު އިންޑަސްޓްރީއަށް ވަންނަ މީހުންނާއި ފިލްމު އިންޑަސްޓްރީގެ މީހުން ތަފާތުކޮށް ލޭބަލްކޮށް ވާހަކަ ދައްކާ އަޑު އަބަދުވެސް އޭނާއަށް އިވެ އެވެ.

މި ކަމާ ދެކޮޅު ހަދާ ވަރަކަށް އެމީހެއްގެ ދުވަސް ދުއްވާލަން މަސައްކަތް ކުރާކަން ރަވީނާ ފާހަގަ ކުރި އެވެ. ފިލްމު އިންޑަސްޓްރީތަކެއް ލޯބިވިޔަސް އެ އިންޑަސްޓްރީގައި މަސައްކަތްކުރާއިރު ވަރަށް ޕްރެޝަރު ބޮޑުވާކަމަށާއި ރަނގަޅު މީހުންނާ އެއްވަރަށް ގޯސް މީހުން އެތަނުގައި އުޅޭކަމަށް ރަވީނާގެ ޓުވީޓްތަކުގެ ސިލްސިލާ ނިންމާލަމުން ބުނެފައި ވެއެވެ.