ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ސަބަބުން ގައުމުތައް ލޮކްޑައުންކުރުމުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ކުރަނީ ކޮންމެ ގައުމެއްގައި ވެސް ދިރިއުޅޭ އެންމެ ނިކަމެތި ފަގީރުންނަށެވެ. ގައުމުތަކުގެ އިގްތިސާދުތައް ފުން ވަޅުގަނޑަކަށް ވެއްޓުމުގެ ނަތީޖާއެއްގެ ގޮތުން އެތައް ލައްކަ ބައެއްގެ ވަޒީފާ ގެއްލި އަނެއް ބައިގެ މުސާރައިގެ ދެބައިކުޅަ އެއްބައި ވަނީ އުނިކޮށްފަ އެވެ. މިއީ މިފަދަ އާއިލާއެއްގެ ހިތްވަރުގަދަ ޒުވާނެއްގެ އިބުރަތުން ފުރިގެންވީ ވާހަކަ އެކެވެ.
ޗާންދު މުހައްމަދަކީ އޭނާގެ މުޅި އާއިލާ ބެލެހެއްޓުމުގެ ޒިންމާ ނަގަން ޖެހިފައިވާ ހަމައެކަނި ފަރާތެވެ. އޭނާގެ މަންމަގެ ބޭސް ފަރުވާ އާއި ކޮއްކޮމެންގެ ތައުލީމަށްޓަކައި ކޮންމެ ދުވަހަކުވެސް މުހައްމަދު ކުރަމުންދަނީ ފުރާނައަށް ނުރައްކާވުމުގެ ބިރު އިންތިހާއަށް އޮތް މަސައްކަތެކެވެ.
މުހައްމަދަކީ ބޮޑު މީހެއް ނޫނެވެ. ގްރޭޑް 12ގައި ކިޔަވަމުންދާ ކުއްޖެކެވެ. ދިއްލީގައި ހުންނަ ގަބުރުއަންދާ ތަނެއްގައި ކޮންމެ ދުވަހަކު ވެސް އޭނާއަށް ޖެހެނީ ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ގަބުރު އެންދުމުގެ މަސައްކަތެވެ.
މިއީ މި ނުރައްކާތެރި ބަލި ޖެހުމުގެ ނުރައްކާ އިންތިހާއަށް ބޮޑުވާ މަސައްކަތެއް ނަމަވެސް މިއަދު އޭނާއަށް އެ މަސައްކަތް ނުކޮށް ވާކަށް ނެތެވެ. މަންމަ އާއި ކޮއްކޮމެންގެ ހައްގުގައި ކޮންމެ ދުވަހަކުވެސް އޭނާ އަމިއްލަ ނަފްސު ނުރައްކަލަށް ހުށަހަޅަނީ އެހެން ގޮތެއް ނެތިގެންނެވެ.
މުހައްމަދަށް ވަޒީފާދިން ކުންފުނިން އޭނާ ފޮނުވީ ދިއްލީގައި ހުންނަ ހޮސްޕިޓަލެއްގެ ކުނިކަހާ މީހެއްގެ ވަޒީފާ އަށެވެ. ގަބުރު އެންދުމުގެ މަސައްކަތް އޭނާއަށް ކުރަން ޖެހެނީ އަދާކުރާ ވަޒީފާގެ ގޮތުންނެވެ. ކޮވިޑް-19 ޖެހިގެން އެ ހޮސްޕިޓަލުގައި މަރުވާ މީހުން ގަބުރު އަންދާތަނަށް ގެންދިއުމާއި އެމީހުން އެންދުމުގެ ކަންތައްތައް އޭނާ ކުރެ އެވެ. ކޮންމެ ދުވަހެއްގެ ވެސް އަށްގަޑިއިރު އޭނާ ހޭދަކުރަނީ މި ފުރާނައަށް ނުރައްކާ މަސައްކަތުގަ އެވެ.
މި މަސައްކަތުން މުހައްމަދަށް ލިބޭ ފައިސާކޮޅު މަދުކަމުން އޭނާ އާއި އާއިލާއިން އާއްމުކޮށް ކައި އުޅެނީ ދުވާލަކު އެއް ފަހަރު އެވެ. ގަނެފައިވާ ކާބޯތަކެތިން އަނެއް ދުވަހަށް ވެސް އެތިކޮޅަށް ބަހައްޓަން ޖެހޭތީ އެވެ.
މުހައްމަދުގެ މަންމަ ކޮންމެ ދުވަހަކުވެސް އޭނާ މަސައްކަތަށް ދާން ނުކުންނައިރު ލަންޗްބޮކްސް އެއް ތައްޔާރުކޮށްފައި ދެއެވެ.
"އަހަރެންގެ އާއިލާގައި މުސްކުޅި އަދި ބަލި މަންމައަކާއި ބައްޕައެއް އަދި އެއްބަނޑު އެއްބަފާ ދެ ފިރިހެން ކުދިންނާއި ތިން އަންހެންކުދިން އެބަތިބި. ކެއުމުގެ އިތުރުން މަންމަގެ ބޭހާއި ކޮއްކޮ މެންގެ ސްކޫލް ފީ އަށް ވެސް ފައިސާ ބޭނުންވޭ. އެހެންވެ އަހަންނަށް ލިބޭ ފައިސާކޮޅުން ދެކޮޅު ނުޖެއްސެނީ،" މުހައްމަދު ބުންޏެވެ.
މުހައްމަދު ބުނި ގޮތުގައި އޭނާގެ މައިންބަފައިން އޭނާ ކުރަން ޖެހޭ މަސައްކަތާ މެދު ކަންބޮޑުވެ އެވެ. އަދި އޭނާގެ ސަލާމަތާއި ރައްކާތެރިކަމަށް އަބަދުވެސް ހެޔޮ ދުއާ ކޮށްކޮށް ތިބެ އެވެ.
"އަހަރެން މަސައްކަތަށް ދާން ނުކުންނައިރު މަންމަ ކޮންމެ ދުވަހަކުވެސް ވަރަށް ރޯނެ. ނަމަވެސް އަހަރެން މަންމައަށް ވިސްނައިދެނީ މި ނޫން ގޮތެއް މިވަގުތު ނެތްކަން،" މުހައްމަދު ބުންޏެވެ.
"ކުރިން ބޭބެ ވަޒީފާ އަދާކުރި ފިހާރައެއްގަ. ލޮކްޑައުންގެ ސަބަބުން ބޭބެގެ ވަޒީފާ ގެއްލުނީމަ މިހާރު މިހާ ބޮޑަށް ދަތިވެގެން މިއުޅެނީ،" މުހައްމަދު ބުންޏެވެ.
ގަބުރު އެންދުމުގެ މަސައްކަތް މުހައްމަދު ކުރަނީ ޕީޕީއީ ހެދުން އަޅައިގެން ހުރެ އެވެ. އޭނާ ބުނި ގޮތުގައި އެ ހެދުމަކީ ވަރަށް ބަރު އެހާމެ ލައިގެން އުޅެން އުނދަގޫ އެއްޗެކެވެ. އެ ހެދުން އަޅައިގެން ހިނގާބިނގާވެ މަސައްކަތް ކޮށް އުޅެން ވަރަށް އުނދަގުލެވެ. އަދި ނޭވާ ހާސްވާގޮތް ވެއެވެ. ހޫނުގަދަކަމުން އަމިއްލަ ގައިން އޮހެރޭ ދަލުން މީހާ ހުންނަނީ އަބަދުވެސް ފެން ވެރިވެރި އެވެ.
މުހައްމަދު ބުނި ގޮތުގައި އޭނާ ކުރާ މަސައްކަތަކީ ނުރައްކާތެރި މަސައްކަތަކަށް ވާތީ އޭނާ އުޅެނީ ވަރަށް ފަރުވާ ބަހައްޓައިގެންނެވެ. ގެޔަށް އައިސް ރީތިކޮށް ފެންވަރާ ސާފުވެ އެވެ. އަދި ދިރިއުޅެނީ އާއިލާގެ މީހުންނާ ދުރުގަ އެވެ.
"ވަރަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅެނީ. ނަމަވެސް ވާނެގޮތެއް ބުނާކަށް ނޭނގޭ. ކޮންމެ ފަދަ ކަމެއް ވެސް ދިމާވެދާނެ. ނަމަވެސް މި ވަގުތަށް މި ނުރައްކަލާ ކުރިމަތިނުލާ ވެސް ވާކަށް ނެތް،" މުހައްމަދު ބުންޏެވެ.
ހަޔާތުގެ މި އުނދަގޫ އަދި ބިރުވެރި ވަގުތުގައި މުހައްމަދު ހުރިހާ ވެސް ހިތްވަރެއް ލިބިގަންނަނީ ﷲ އަށް އަޅުކަންކުރުމާއި ދުއާ ކުރުމުންނެވެ. އޭނާ ބުނި ގޮތުގައި ކޮންމެ ދުވަހަކުވެސް ގެއިން ނުކުތުމުގެ ކުރިން އޭނާ ނަމާދު ކުރެ އެވެ.
ޑޮކްޓަރުކަން ކިޔަވަން ބޭނުންވާ މުހައްމަދު ބުނީ މާތް ﷲ އޭނާއަށް ރައްކާތެރިކަން ދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.