ސެވިއްޔާ އާ ދެކޮޅަށް ލަނޑެއް ނުޖެހި އެފްސީ ބާސެލޯނާ އެއްވަރު ވުމުން ރެއާލް މެޑްރިޑް މިރޭ ކުޅޭ މެޗުން މޮޅުވެގެން ތާވަލުގެ އެއް ވަނައަށް ދިއުމަށް ދޮރު ހުޅުވިއްޖެ އެވެ.
ބާސާ އެއް ވަނައިގައި އޮތީ 65 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި ރެއާލް 62 ޕޮއިންޓް ހޯދައިގެންނެވެ. ދެ ޓީމުގެ ދެމެދުގައި ތިން ޕޮއިންޓްގެ ފަރަގެއް މިހާރު ހުރިއިރު މިރޭ ރެއާލް ސޮސީޑާޑް އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ޕޮއިންޓްގެ ގޮތުން ރެއާލްއަށް ބާސާ އާ ހަމަހަމަ ކުރެވޭނެ އެވެ.
ޕޮއިންޓްގެ ގޮތުން އެއްވަރުވެ ބާސާގެ މައްޗަށް ހެޑްހެޑް ނަތީޖާއިން ރެއާލް ކުރި ހޯދާފައި ވުމުން އެއް ވަނަ ލިބޭނީ ރެއާލް އަށެވެ. ސެވިއްޔާ އޮތީ 10 ޕޮއިންޓްގެ ފަރަގަކާއެކު ތާވަލުގެ ތިން ވަނައިިގަ އެވެ.
ސެވިއްޔާގެ ދަނޑު ރޯމަން ސަންޗޭޒް ޕިޒުޔުއާން ސްޓޭޑީއަމްއަށް ބާސާގެ ޓީމާއެކު ކެޕްޓަން ލިއޮނަލް މެސީ ނުކުތީ އޭނާގެ ކެރިއަރުގައި 700 ވަނަ ލަނޑު ޖެހުމަށެވެ. ނަމަވެސް، މެސީއަށް މާ ތަނަވަސް ފުރުސަތު ތަކެއް ނުލިބެ އެވެ. އޭނާ އަށް ނުރައްކާ ކުރެވުނީ ހިލޭ ޖެހުމަކުންނެވެ. ފުރަތަމަ ހާފުގައި ސެވިއްޔާގެ އޭރިއާގެ ރޮނގު ކައިރިން ލިބުނު ހިލޭޖެހުން ނުރައްކާކޮށް ދިޔަ ނަމަވެސް ސެވިއްޔާ ޑިފެންޑަރު ޖުލޫސް ކުންޑޭ ގޯލް ކުރިމަތީގައި ހުރެފައި އެ ބޯޅަ ބޮލުން ޖަހައި ހުރަސް ދަނޑި މަތިން ބޭރު ކޮށްލީ އެވެ.
ސެވިއްޔާގެ ޑިފެންޑަރު ސާޖިއޯ ރެގޫލެން އަށް ވަނީ ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. ގޯލްއޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ބާސާގެ ކީޕަރު މާކް އެންޑްރޭ ޓާ ސްޓެގަން ސަލާމަތް ކުރީ އެވެ.
އިއްޔަ ގްރަނާޑާ އާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބު ކޮށް ވިޔަރެއާލް ވަނީ ލީގް އަލުން ފެށިފަހުން ކުޅުނު ތިން މެޗުވެސް ކާމިޔާބު ކޮށްފަ އެވެ. ލެގަނޭޒް އާއި ރެއާލް މަޔާކޯ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.