ކުޅިވަރު

ޕެނަލްޓީން ޔުނައިޓެޑް ބަލިނުވެ ސަލާމަތް ވެއްޖެ

ޓޮޓެންހަމް ހޮޓްސުޕާސް އިން ލީޑް ނަގާފައި ވަނިކޮށް މެޗުގެ ފަހު ކޮޅު ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށް މެންޗެސްޓާ ޔުނައިޓެޑް ބަލި ނުވެ ސަލާމަތް ވެއްޖެ އެވެ.

މެޗު ނިނުމީ 1-1 އިން އެއްވަރު ވެގެންނެވެ. ޓޮޓެންހަމްއިން މެޗުގެ ފުރަތަމަ ލީޑް ނެގީ 27 ވަނަ މިނެޓްގައި ސްޓީވަން ބާގްވައިން ކާމިޔާބު ކުރި ލަނޑުންނެވެ. ޔުނައިޓަޑްގެ އޭރިއާގެ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އަތުގައި ޖެހިފަ އެވެ.

އޭގެ ކުރިން ޔުނައިޓެޑްގެ މާކަސް ރެޝްފަޑް އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. އޭނާ ފޮނުވާލި ބޯޅަ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް ދިފާއު ކުރީ ފައިންނެވެ.

ޓޮޓެންހަމްއިން ލީޑް ނެގިފަހުންވެސް އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ބާގްވައިން ނެގި ހުރަސް ސަން ހިއުންގް މިން ބޮލުފޮނުވާލި ނުރައްކާތެރި ބޯޅަ ޑެހެއާ ހުށިޔާރު ކަމާއެކު ދިފާއު ކުރީ އެވެ. ދެ ވަނަ ހާފުގައި ޔުނައިޓެޑްގެ އެންތޮނީ މާޝިއަލް ފޮނުވާލި ނުރައްކާ ބޯޅަ ލޮރިސް ދީފާއުކޮށް ކޯނަރަކަށް ބޭރު ކޮށްލީ އެވެ.

ޔުނައިޓެޑަށް ޕެނަލްޓީ ލިބުނީ، ޓޮޓެންހަމްގެ އޭރިއާގެ ތެރެއިން އެ ޓީމުގެ އެރިކް ޑަޔާ، ޕައުލް ޕޮގްބާއަށް ކުރި ފައުލާ ގުޅިގެންނެވެ. ޕޮގްބާއަށް ކުރި ޗެލެންޖާ ގުޅިގެން ލިބުނު ޕެނަލްޓީން ލަނޑު ކާމިޔާބު ކުރީ ފެނާންޑޭޒް އެވެ.

މެޗުގެ އެންމެ ފަހު ވަގުތު ޑަޔާ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އޭރިއާ ތެރެއަށް ޔުނައިޓެޑްގެ ބުރުނޯ ފެނާންޑޭޒް ވެއްޓުނެވެ. މެޗުގެ ރެފްރީ ޖޯން މޯސް ދެއްކީ ޕެނަލްޓީއެއް ކަމަށެވެ. ނަމަވެސް ވިއޭރުން ފެންނަ ގޮތުގައި ފެނާންޑޭޒް އަށް އެއްވެސް ވަރަކަށް ފައުލް ކޮށްފައެއް ނުވެ އެވެ.