ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ހޯދަނީ މިހާތަނަށް ކުރިމަތިވި އެންމެ އުނދަގޫ ސީޒަންގައި ކަމަށް އެ ޓީމުގެ ކޯޗް ޔާގަން ކްލޮޕް ބުނެފި އެވެ.
ތިން މަސް ދުވަސް ވަންދެން ލީގް މެދު ކަނޑާލުމަށްފަހު، ލިވަޕޫލުން ލީގް ހޯދާއިރު ބައެއް ފަރާތްތަކުން ވަނީ ލީގްގެ ކޮލިޓީ އާމެދު ސުވާލު އުފައްދާފަ އެވެ. އެހެންނަމަވެސް ކޮރޯނާ ވައިރަސްގެ ސަބަބުން މާޗް މަހު ލީގް މެދުކަނޑަލާމުގެ ކުރިންވެސް ލިވަޕޫލް އޮތީ ލީގް ހޯދުމާ ހަ ޕޮއިންޓް ކައިރީގަ އެވެ. މާދަމާ ރޭ އެވަޓަން އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ލިވަޕޫލަށް ލީގް ހޯދުމާ އެއް މެޗާ ގާތަށް ދެވުނީ އެވެ.
ކްލޮޕް ބުނީ މި ސީޒަންގެ ލީގް ޗެމްޕިއަން ފާހަގަ ވެގެން ދާނީ ތަފާތު ގޮތަކަށް ކަމަށެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން މުޖުތަމައު އަށާއި ފުޓްބޯޅައަށް ކުރިމަތިވި އުނދަގޫ ހާލަތުގެ ތެރެއިން ލީގް ހޯދުމަކީ ހާއްސަ ކާމިޔާބެއްގެ ގޮތުގައި އޭނާ ސިފަ ކުރި އެވެ.
"މިއީ ޗެމްޕިއަންކަން ހޯދަން އެންމެ އުނދަގޫ ސީޒަން،" ކްލޮޕް ބުންޏެވެ. "މިއީ މީގެ ކުރިން ކުރިމަތި ނުވާވަރުގެ އުނދަގޫ ސީޒަނެއް، ކޮންމެ ބަޔަކު ޗެމްޕިއަންކަން ހޯދިނަމަވެސް އެ ކާމިޔާބު ވެގެންދާނީ ވަރަށް ތާރީހީ ކާމިޔާބަކަށް."
ބުރޫޝިއާ ޑޯޓަމުންޑަށް ޖެހިޖެހިގެން ދެ އަހަރު ބުންޑެސް ލީގާގެ ޗެމްޕިއަންކަން ހޯދައިދިން ޖަރުމަންގެ ކޯޗް ބުނީ މިފަހަރު އޮތީ އެންމެ ތަފާތެއް ކަމަށެވެ.
އެއީ ލިވަޕޫލް ބޮޑު ލީޑަކާ އެކު އެއް ވަނައިގައި އޮތުން ކަމަށެވެ. އެހެންނަމަވެސް މި ސީޒަނަކީ މިހާތަނަށް ކުރިމަތިވި އެންމެ އުނދަގޫ ސީޒަން ކަމަށެވެ. އޭނާ ބުނީ މެންޗެސްޓާ ސިޓީން އާސެނަލް އާ ދެކޮޅަށް ކުޅުނު މެޗު މޮޅުވުމުން ސީޒަންގެ ވާދަވެރިކަން އޮތްވަރު އެނގިގެންދާ ކަމަށެވެ.
އޭނާ ބުނީ، ލީގް ޗެމްޕިއަންކަން ހޯދަން އެހާކައިރިގައި ވަނިކޮށް ސީޒަން މެދުކަނޑާލަން ޖެހި އަލުން ސީޒަން ނުފެށިދާނެ ކަމަށް ބިރުހީވުމުން އޭނާ ކަންބޮޑުވި ކަމަށެވެ.