ލައިފްސްޓައިލް

ގިނައިން ފެން ބޯން ޖެހޭ އިތުރު ސަބަބެއް

ޕީރިއަޑް ވެގެން އުޅޭއިރު މާ ސިއްހަތަށް ފައިދާހުރި ކާނާ ކާހިތެއް ނުވާނެ އެވެ. އެ ދުވަސްވަރު ޗޮކްލެޓް އާއި ޗިޕްސް ފަދަ އެއްޗިއްސަށް މީހުން ދަހި ލެވުމަކީ ވެސް ހަމަ ހަގީގަތުގައި ވެސް ދިމާވާ ކަމެކެވެ. ނަމަވެސް ހުރިހާ ކަމަކަށް ވުރެ ވެސް މި ދުވަސްވަރު ހަނދާން ބަހައްޓައިގެން ކޮންމެހެން ކުރަން ޖެހޭ ކަމެއް އެބައޮތެވެ. ގިނައިން ފެން ބުއިމެވެ.

މާޔޯ ކްލިނިކްގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ހަށިގަނޑުން ބޭރުވާ ވަރަށް ވުރެ އެތެރެވާ ފެން މަދުވެއްޖެނަމަ ޑިހައިޑްރޭޝަންގެ ނުވަތަ ހަށިގަނޑުން ފެން މަދުވުމުގެ މައްސަލަތައް ދިމާވާނެ އެވެ. ހަށިގަނޑުން ފެން މަދުވެއްޖެކަން އެނގޭ އަލާމާތްތަކުގެ ތެރޭގައި އާދަޔާޚިލާފަށް ކަރު ހިއްކުން، ވަރުބަލިވުން، ބޯއެނބުރުން ހިމެނެ އެވެ.

ހޫނު ދުވަހަކު ކަސްރަތު ކުރުމުން ގައިން ދާ ހިތްލާ ފެން މަދުވާނެކަން ޔަގީން ކުރެވޭދޯ އެވެ. ހަމަ އެގޮތަށް ޕީރިއަޑް ވެގެން އުޅޭ ދުވަސްވަރު ވެސް ހަށިގަނޑުން ފެން މަދުވާނެ އެވެ. މިހެން ދިމާވަނީ މެންސްޓްރުއަލް ސައިކަލް ފެށުމާއެކު ޕްރުޖެސްޓްރޯން އާއި އީސްޓްރަޖެން ހޯމޯންތަކުގެ ލެވެލް ދަށްވެގެން ދާނެތީ އެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގައި ފެން ހިފަހައްޓާނެ އެވެ. ބަނޑު ފުއްޕުމާއި ހަކަތަ ދަށްވެ މީހާގެ ހަރަކާތްތައް މަޑުޖެހުން ފަދަ ކަންތައްތައް ދިމާވެ އެވެ.

މި ދުވަސްވަރު ހަށިގަނޑުގައި ފެން ހިފެހެއްޓިފައި ހުންނަނީ ލޭ ހޮޅިތަކަށް ފެން ދަތުރުކުރުމުގެ ބަދަލުގައި ވަށައިގެންވާ ޓިޝޫތަކަށް ފެން ލީކުވާތީ އެވެ. އެހެންވެ ގައިން ފެން މަދުވިޔަ ނުދިނުމަށް ކޮންމެހެން ވެސް ފެން ބޯން ޖެހެނީ އެވެ.

"ޕީރިއަޑް ދުވަސްވަރު ދުވާލަކު މަދުވެގެން އަށް ތަށި ފެން ބޯން ޖެހޭ. އޭރުން ބަނޑު ފުއްޕުމާއި، މަސްތައް އަކުނިވަޔަށް ދެމުން އަދި ވަރުބަލިވުން ފަދަ މައްސަލަތަކަށް ލުޔެއް ލިބޭނެ،" ކެލިފޯނިއާ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ އަންހެނުންގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ކެންޑްރާ ސެގޫރާ ބީބީސީ އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވެއެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި މައިގްރޭންގެ މައްސަލަތައް ހުންނަ މީހުން ޕީރިއަޑް ދުވަސްވަރު ގިނައިން ފެން ބޯން ޚާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. ސަބަބަކީ ހަށިގަނޑުން ފެން މަދުވުމަކީ މައިގްރޭން އެޓޭކެއް އައުމުގެ ފުރުސަތު ބޮޑުވާނެ ކަމަކަށް ވާތީ އެވެ. ޚާއްސަކޮށް ކޮފީ އާއި ސައި ފަދަ އެއްޗެތި ގިނައިން ބޯނަމަ ހަށިގަނޑުން ފެން މަދުވާނެކަން އޭނާ ފާހަގަ ކުރި އެވެ. އެހެންވެ ޕީރިއަޑް ދުވަސްވަރު ކޮފީ ފަދަ ކެފެއިން އެކުލެވޭ އެއްޗެތި ބޭނުންކުރާލެއް މަދުކުރުމަށް ވެސް އޭނާ އިރުޝާދު ދެއްވި އެވެ.

ބަނޑާއި ފައިގެ މަސްތައް އަކުނިވަޔަށް ދެމުމުގެ މައްސަލަ ވެސް ފެން މަދުވާ ވަރަކަށް އިތުރުވާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އެންމެ މުހިއްމު ކަމަކީ ހަށިގަނޑުން ދޭ މެސެޖުތައް އަޑުއަހައި އެގޮތަށް އަމަލުކުރުން. މިސާލަކަށް ފެން ބޮވާހެން ހީވާނަމަ އަވަހަށް ފެން ބުއިން. އަދި ގިނައިން ފެން ބޯން އާދަކުރުން،" ޑރ. ސެގޫރާ ބުންޏެވެ.