ކުޅިވަރު

މާޒިޔާގެ ކާމިޔާބީގެ ސިއްރަކީ ކީޕަރު، ނިޒާމްބެއަށް ސެލިއުޓްކުރަން: ސުޒޭން

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް މާޒިޔާ ދިއުމުގެ ސިއްރަކީ ކިރިގިސްތާނުގެ ގައުމީ ކީޕަރު ޕަވެލް މަޓިއަސް ކަމަށާއި ސެމީގައި ޓީސީ ދެއްކި ކުޅުމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އަށް ސެލިއުޓްކުރާ ކަމަށް މާޒިޔާއިން ބުނެފި އެވެ.

ކޯޗު އަލީ ސުޒޭން މެޗަށް ފަހު ބުނީ ސެމީ ފައިނަލް މެޗު އެއްވަރުވެ ޕެނަލްޓީ ޖަހަންޖެހުނުއިރު އިސްކޮޅުގައި ހަފޫޓު ފަސްއިންޗިބައި ހުރި ކީޕަރަކު އޭނާގެ ޓީމުގައި ހުރުމުން ވަރަށް ބޮޑު އިތުބާރެއް އޮތް ކަމަށެވެ.

"ވަރަށް ބޮޑު އިތުބާރެއް އޮތް. އެއީ އޭނާގެ މިއަދު ވެސް އަދި މުބާރާތުގައި ވެސް އޭނާގެ މޮޅު ސޭވްތަކަކާއެކު މާޒިޔާ ކުރިއަށް މިދަނީ. ޓީމުގެ މެނޭޖްމަންޓަށް މި ކީޕަރު ގެންނަން އަޅުގަނޑު ލަފާދިން ހިސާބުން އެކަން ގަބޫލުކުރީތީވެ މެނޭޖްމަންޓަށް ވެސް ޝުކުރު ދަންނަވަން،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ ޓީސީން މުބާރާތާ ވަކިވީ އެންމެންގެ އިހްތިރާމާއެކުގައި ކަމަށެވެ.

"ޓީސީ އިހްތިރާމް ހޯދައިފި. ޓީސީ އަށާއި ޓީސީގެ ކޯޗު ނިޒާމްބެ އަށް ސެލިއުޓްކުރަން. އެމީހުން މުބާރާތުގައި މި ހިސާބަށް އައީ ވެސް ވަރަށް ރަނގަޅަށް ކުޅެފައި،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ މާޒިޔާގައި ތިބީ ގައުމީ ފެންވަރުގެ ކުޅުންތެރިން ކަމަށާއި އެކުޅުންތެރިން އެމީހުންގެ ޒިންމާ އަދާކޮށްފިނަމަ ކާމިޔާބު ލިބޭނެކަމަށް އަބަދުވެސް ހަނދާންކޮށްދެމުންދިޔަ ކަމަށެވެ.