ރަށްރަށުގައި ކަރަންޓީނު ކުރުމުގެ އުސޫލާ ހިލާފަށް އަމަލުތައް ބަހައްޓާނަމަ ރަށްތަކަށް ބަލި ފެތުރި ނުރައްކަލަށް ހުށައެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ޓެގް ޓީމުން ބުނެފި އެވެ.
ގޭގައި ކަރަންޓީނު ކުރުމުގެ އުސޫލެއް އެކުލަވާލައި ރަށްރަށުގައި ވެސް ކަރަންޓީން ކުރުމުގެ ހުއްދަ އެޗްޕީއޭއިން ވަނީ ދީފައެވެ. އެ ހުއްދައާއެކު މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ މީހުނާއި ރާއްޖެއިން ބޭރުން އަންނަ ދިވެހިންނަށް ވެސް ރަށްރަށުގައި ކަރަންޓީން ވުމުގެ ފުރުސަތު ދޭން ފަށާފައި ވެއެވެ. މިހާތަނަށް ގިނަ ބަޔަކަށް އެ ފުރުސަތު ދީފައި ވެސް ވެއެވެ.
މިމަހުގެ 13 ވަނަ ދުވަހު މާލެއިން ގއ. މާމެންދޫއަށް ދިޔަ ތިން މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެެވެ. އެ މީހުންނަކީ ހޯމް ކަރަންޓީންގައި ތިބި ބައެކެވެ.
އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމްގައި ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ކަރަންޓީނަށް ރަށްރަށައް މީހުން ފޮނުވުމަކީ ބަލި ފެތުރުމުގެ ކޮންމެވެސް މިންވަރެއްގެ ފުރުސަތެއް އޮތް ކަމެއް ކަމަށެވެ. މާލި ސިޓީގައި ކޮމިނިއުޓީ ސްޕްރެޑް އޮތުމުން މާލެއިން ކޮންމެ ތާކަށް މީހަކު ދިޔަ ނަމަވެސް އެއީ ބަލި ފެތުރުމަށް ފުރުސަތު އޮވެދާނެ ކަމެއް ކަމަށެވެ.
ޝަހީދު ވިދާޅުވީ ރަށްރަށުގައި ހޯމް ކަރަންޓީނަށް ފޮނުވަނީ އަމަލު ކުރަންޖެހޭ ވަރަށް ގިނަ އުސޫލުތަކެއް ބުނެ ދިނުމަށް ފަހު ކަމަށާ ހުރިހާ އެންމެންވެސް އެ އުސޫލާއި އެއްގޮތަށް އަމަލު ކުރަންޖެހޭނެ ކަމަށެވެ. ކަރަންޓީންގައި 14 ދުވަހު ހުންނަން ޖެހޭއިރު ބަލި ނެތްކަން ޔަގީން ކުރުމަށް ފަހު ނޫނީ ބޭރަށް ނުކުމެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.