ކަގި މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ މި އަހަރުގެ ސެޕްޓެމްބަރު މަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.
ކަގި މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް ކުންފުނި ކަމަށްވާ ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ރިސޯޓެކެވެ.
ކަގި މޯލްޑިވްސް އެންމެ ފުރަތަމަ ހުޅުވަން ތައްޔާރުވަމުން ގެންދިޔައީ ޖުލައި މަހު އެވެ. ނަމަވެސް ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތުމުން ރިސޯޓު ހުޅުވުން ވަނީ ފަސް ކޮށްފަ އެވެ.
މާލެ އަތޮޅުގައި ތަރައްގީ ކޮށްފައިވާ ފަސް ތަރީގެ ކަގި މޯލްޑިވްސް އަކީ 50 ވިލާގެ ރިސޯޓެވެ. މި ރިސޯޓުގައި 40 ޕޫލް ވިލާ ހުރެ އެވެ.
ކޮވިޑް-19 އައުމާ ހަމައަށް ރާއްޖޭގައި 140 ރިސޯޓެއް ހިންގަމުން ދިޔަ އެވެ. ނަމަވެސް އެއާޕޯޓް ބަންދު ކުރުމުން މުޅި ޓޫރިޒަމް ހުއްޓިފައި އޮތުމުން ގިނަ ރިސޯޓުތަކެއް ވަނީ ބަންދު ކޮށްފަ އެވެ. އަދި ރާއްޖޭގައި ގިނަ އަދަދެއްގެ ޓޫރިޒަމް ޕްރޮޕަޓީތަކުގެ މަސައްކަތް ކުރަމުން ދިޔަ އެވެ. އެގޮތުން މިދިޔަ އަހަރު 20 ރިސޯޓެއް ހުޅުވާފައިވެ އެވެ.