ކުޅިވަރު

އާސެނަލް ބަލިވެއްޖެ، ހިމެނޭޒަށް ރެކޯޑް

އިނގިރޭސި ޕްރިމިއާ ލީގް އަލުން ފެށި ފަހުން ކުޅުނު ދެ ވަނަ މެޗުގައި ބްރައިޓޮން ހޯވް އެލްބިއޯން އަތުން ވެސް އާސެނަލް ބަލިވެއްޖެ އެވެ.

މެޗުގައި 2-1 ން އާސެނަލް ބަލިވީ އެ ޓީމުން ލީޑް ނަގާފައި ވަނިކޮށް މެޗުގެ ފަހު 20 ވަނަ މިނެޓް ތެރޭ ބްރައިޓޮންއިން ކާމިޔާބު ކުރި ދެ ލަނޑުންނެވެ. ފުރަތަމަ މެޗުގައި މިދިޔަ ބުދަ ދުވަހު މެން ސިޓީ އާ ދެކޮޅަށް ކުޅުނު މެޗުން ވެސް އާސެނަލް ވަނީ ބަލިވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ބްރައިޓޮންގެ ނީލް މޯޕޭ، އާސެނަލްގެ ކީޕަރު ބާންޑް ލީނޯއަށް ކުރި ޗެލެންޖުގައި އޭނާ އަށް އަނިޔާ ވެގެން ބަދަލު ކުރަން ޖެހުނެވެ. ބަދަލުގައި ކުޅެން އެރީ ދެ ވަނަ ކީޕަރު އެމިލިއާނޯ މާޓިނޭޒް އެވެ.

ބްރޮއިޓޮންގެ ދަނޑުގައި ކުޅުނު މެޗުގައި މެޗުގެ ފުރަތަމަ ލަނޑު އާސެނަލް އަށް ކާމިޔާބު ކޮށްދިނީ ނިކޮލަސް ޕެޕޭ އެވެ. މެޗުގެ 68 މިނެޓްގައި އޭނާ ލަނޑު ޖެހީ ބުކާޔޯ ސަކާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

ބްރައިޓޮން އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އޭގެ ހަތް މިނެޓް ފަހުން ލެވިސް ޑަންކް އެވެ. މެޗުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓްގައި ބްރޮއިޓޮން މެޗުން މޮޅު ކޮށްދިން ލަނޑު ކާމިޔަބު ކުރީ މޯޕޭ އެވެ.

މެޗަށް ފަހު މޯޕޭ ވަނީ، އާސެނަލްގެ ކީޕަރު ލީނޯއަށް ކުރި ޗެލެންޖުގައި އޭނާއަށް އަނިޔާ ވުމުން އެކަމަށް މާފަށް އެދިފަ އެވެ. ބެލެވޭ ގޮތުގައި ލިނޯގެ ކަކުލަށް ވަނީ އަނިޔާވެފަ އެވެ.

ވެސްޓްހަމް އާ ދެކޮޅަށް ކުޅުނު މެޗު ވޯލްވާ ހެމްޓަން ވޯންޑާސް (ވުލްވްސް) ކާމިޔާބު ކުރީ 2-0 ންނެވެ. އެ މެޗުގައި ވުލްވްސްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށް ރައުލް ހިމެނޭޒް ވަނީ ކުލަބުގެ ރެކޯޑެއް ހަދާފަ އެވެ.

ވެސްޓަހަމްގެ ކީޕަރު ލޫކަސް ފެބިއޯންސްކީގެ ގޯލަށް ހިމެނޭޒް ބޮލުން ބޯޅަ ފޮނުވާލީ އެޑަމާ ޓްރެއާރޯ ނަގައިދިން ހުރަހުންނެވެ. އެ ގޯލާއެކު އޭނާ ވެފައި ވަނީ ޕްރިމިއާ ލީގްގެ ސީޒަނެއްގައި ވުލްވްސްއަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިން ކުޅުންތެރިޔާ އަށެވެ. ރޭގެ މެޗުގައި އޭނާ ކާމިޔާބު ކުރި ލަނޑަކީ ލީގްގައި އޭނާ ޖެހި 14 ވަނަ ލަނޑެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު 84 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޕެޑްރޯ ނެޓޯ އެވެ.