މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 17 އިންސައްތަ އިތުރުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ ތަފާސްހިސާބު ދައްކާ ގޮތުން މިދިޔަ އަހަރު އެ ކޯޓުން ވަނީ 1957 މައްސަލައެއް ނިންމައިފަ އެވެ. ނަމަވެސް 2013 ގައި އެ ކޯޓުން ނިންމާފައިވަނީ 1670 މައްސަލައެއް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
އެ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެ ކޯޓުން އެންމެ ގިނައިން ނިންމީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 627 މައްސަލައެއް އެ ކޯޓުން ނިންމިއިރު އެއީ މިދިޔަ އަހަރު ނިންމި މައްސަލަތަކުގެ 32 އިންސައްތަ އެވެ. މިދިޔަ އަހަރު ދެވަނައަށް އެންމެ ގިނައިން އެ ކޯޓުން ނިންމާފައި ހުރީ ވައްކަމުގެ މައްސަލަތައް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު 2013 ވަނަ އަހަރަށް ވުރެ އިތުރުވި ނަމަވެސް މިދިޔަ އަހަރު އެ ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު އޭގެކުރީ އަހަރަށް ވުރެ ވަނީ މަދުވެފަ އެވެ. އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކޯޓަށް ހުށަހެޅުނީ 873 މައްސަލަ ނަމަވެސް 2013 ގައި އެ ކޯޓަށް ވަނީ 1546 މައްސަލައެއް ހުށަހެޅިފަ އެވެ. އެހެންވެ ހުށަހެޅުނު މައްސަލަތަކުގެ ނިސްބަތުން ބަލާއިރު 2013 އާ އަޅާ ބަލާއިރު މިދިޔަ އަހަރު ވަނީ 43 އިންސައްތަ ދަށްވެފަ އެވެ.
އިސް ގާޒީއާ އެކު އަށް ގާޒީން މަސައްކަތް ކުރާ އެ ކޯޓުގެ ކޮންމެ ގާޒީއަކު މިދިޔަ އަހަރު ނިމެންވާއިރަށް މަދުވެގެން 100 މައްސަލަ ނިންމަން އަމާޒު ހިފައި، އެކަން ކާމިޔާބުކޮށްފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ.