ދުނިޔެ

ފުރަތަމަ ހަމަލާދިނީ އިންޑިއާ ސިފައިން ކަމަށް ތުހުމަތުކޮށްފި

Jun 21, 2020

ބެއިޖިންގް (ޖޫން 21) - އިންޑިއާ އާއި ޗައިނާ ސިފައިންނާ މެދު އަންގާރަ ދުވަހުގެ ރޭ ހިނގި ކުރިމަތިލުމުގެ ތެރެއިން އިންޑިއާ ސިފައިންގެ 20 މީހަކު މަރުވެފައި ވާއިރު، ބޯޑަރު ހުރަސް ކޮށް ޗައިނާގެ ސަރަހައްދަށް ވަދެ، ފުރަތަމަ ހަމަލާ ދިނީ އިންޑިއާ ސިފައިން ކަމަށް ޗައިނާ އިން ތުހުމަތުކޮށްފި އެވެ.

އެ ކުރިމަތިލުމާ ގުޅޭގޮތުން ރަސްމީކޮށް ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ، ގަލްވަން ވެލީއަކީ ޗައިނާގެ ސަރަހައްދެއް ކަމަށާއި، އެ ކުރިމަތިލުން ހިނގާފައި ވަނީ، ދެ ގައުމު ގުޅޭ ބޯޑަރު ވަކިކޮށްފައި އޮންނަ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) ހުރަސްކޮށް، އިންޑިއާ ސިފައިން ޗައިނާގެ ސަރަހައްދަށް ވަނުމުން ކަމަށެވެ.

އަދި މި ކުރިމަތިލުން ހިނގާފައި ވަނީ، ގަލްވަން ވެލީ ސަރަހައްދުގައި މިދިޔަ އޭޕްރީލް މަހުން ފެށިގެން އިންޑިއާ އިން ގާއިމު ކުރަމުންދާ މަގުތަކާއި، ބުރިޖުތަކުގެ މަސައްކަތް ހުއްޓާލުމަށް ދެ ފަރާތުން އެއްބަސް ވުމަށްފަހު، މަސްރަހު ފިނިވަމުން އައި ދަނޑިވަޅެއްގައި ކަމަށް ތަރުޖަމާނު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ނަމަވެސް، އިންޑިއާއިން ތަކުރާރުކޮށް ބުނަމުން ދަނީ، އިންޑިއާގެ ސަރަހައްދަށް ވަދެފައި ވަނީ ޗައިނާ ސިފައިން ކަމަށެވެ.

އަދި އިންޑިއާގެ ބޯޑަރު ދިފާއު ކުރުމުގައި އަސްކަރިއްޔާ އިން ފަހަތަށް ނުޖެހޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވިދާޅުވެފަ އެވެ.

މޯދީ އިތުރަށް ވިދާޅުވީ، އިންޑިއާގެ ބޯޑަރު ހުރަސްކޮށް ބޭރުގެ ސިފައިން އެތެރެވެފައި ނުވާ ކަމަށާއި، އަދި އިންޑިއާގެ އެއްވެސް ސަރަހައްދެއް ބޭރުގެ ގައުމެއްގެ އަތްދަށަށް ގޮސްފައިވާ ނުވާ ކަމަށެވެ.

އެ މައްސަލައަށް ކުރިއެރުމެއް ލިބިފައިވާއިރު، އެ ކުރިމަތިލުމުގައި ޗައިނާ ސިފައިން ބޭނުން ކުރި ހަތިޔާރުތަކުގެ ފޮޓޯއެއް ދައުރުވާން ވަނީ ފަށައިފަ އެވެ.

ބޯޑަރުގެ ދެ ކިލޯމީޓަރުގައި ސަރަހައްދެއްގައި ބަޑި ބޭނުން ނުކުރަން ދެ ގައުމުން 1996 ވަނަ އަހަރު އެއްބަސްވެފައިވާއިރު، މި ކުރިމަތިލުމުގައި ޗައިނާ އިން ބޭނުންކޮށްފައި ވަނީ މޮހޮރު ޖަހާފައިވާ ދަނގަޑުބުރިތަކެއް ކަމަށް ތުހުމަތުކޮށް ގިނަ ބަޔަކު އަންނަނީ އެކަން ކުށްވެރި ކުރަމުންނެވެ.

ނަމަވެސް، މިކަމާ ގުޅޭ ގޮތުން ވެސް ދެ ގައުމުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކޯރުތަކާއި، ސްނޯކެޕުތަކުގެ ސަބަބުން، ދެ ފަރާތުން އެލްއޭސީގެ ގޮތުގައި ބަލާ ރޮނގު މޫސުންތަކާއެކު ބަދަލުވެ އެވެ. އެއާއެކު، 1962 ވަނަ އަހަރު ހަނގުރާމައެއް ވެސް ކޮށްފައިވާ ދުނިޔޭގެ އެންމެ ބޮޑު ދެ އަސްކަރިއްޔާ އާދެމެދު ދޭ ތެރެއަކުން ނުތަނަވަސްކަން އިތުރުވެ އެވެ.

އަސްކަރީ މާހިރުން ބުނީ، ގަލްވަން ސަރަހައްދުގައި އިންޑިއާ އިން ދާދި ފަހުން އިތުރު ކޮށްފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން ޗައިނާ އޮތީ ހިތްހަމަނުޖެހިފައި ކަމަށެވެ.

އެގޮތުން، ގަލްވަން ގައި މިދިޔަ އޮކްޓޯބަރު މަހު މަގުތައް ތަރައްގީކޮށް، އެ ސަރަހައްދުގައި އޮންނަ އިންޑިއާގެ އަސްކަރީ ވައިގެ ބަނދަރަކާ ވަނީ ގުޅާލައިފަ އެވެ. އެކަމުގެ ސަބަބުން، އިންޑިއާއިން ބޭނުންޖެހޭ ހާލަތެއްގައި އިތުރު ސިފައިންނާއި، ހަތިޔާރު އެ ސަރަހައްދަށް ފޮނުވުމުގެ ގާބިލުކަން އިތުރުވެފައިވާކަމަށް މާހިރުން ވަނީ ބުނެފަ އެވެ.