ސުޝާންތު ސިންގް

ސުޝާންތަށް އެހީވާން ލޯބިވެރިޔާ މަސައްކަތްކުރި

ސުޝާންތު ސިންގް ރާޖްޕޫތުގެ ކުއްލި މަރާ ގުޅިގެން އޭނާއާ ގުޅޭ ތަފާތު އަޑުތައް މިހާރު ވަނީ ވަރަށް ގަދަވެފަ އެވެ. އަދި ޑިޕްރެޝަންގެ މައްސަލަ ސުޝާންތުގެ އެހާ ބޮޑުވިއިރު އޭނާގެ ގާތް މީހުން އެހީތެރިކަން ނުފޯރުވާ ކަމަށް ބުނެ ބައެއް މީހުން ސުޝާންތުގެ އެކުވެރިންނަށް ވެސް ތުހުމަތުގެ އިނގިލި ދިއްކުރެ އެވެ.

ނަމަވެސް ސުޝާންތު އާއި އޭނާގެ ލޯބިވެރިޔާ ރެއާ ޗަކްރަބަތީ އާއެކު މުޅީން އާ ރޮމެންޓީކް-ކޮމެޑީ ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދިޔަ ޑައިރެކްޓަރު ރޫމީ ޖެފްރީ ބުނަނީ މި ވާހަކަ ތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. ސުޝާންތުގެ ހިތާމަތައް ލުއި ކޮށްދީ ހިތްހަމަޖައްސައިދޭން އޭނާ އާއި ރެއާ ވަރަށް މަސައްކަތް ކުރި ކަމަށް ޑައިރެކްޓަރު ބުންޏެވެ.

ރޫމީ ބުނީ ސުޝާންތުގެ ޑީޕްރެޝަންގެ މައްސަލަތައް ވަރަށް ގޯސްކަން ޚުދް އޭނާއަށް ވެސް އިހްސާސް ކުރެވުނެވެ. ނަމަވެސް މާ ބޮޑަށް ސުޝާންތު ކައިރީ އެ ވާހަކަ ދައްކަން ނުކެރުނީ އޭނާ ހިތްހަމަ ނުޖެހިދާނެތީ އެވެ.

"ސުޝާންތުގެ ޑިޕްރެޝަންގެ ވާހަކަ ރެއާ ވެސް އަހަރެން ކައިރީ ދެއްކި. އަދި ޚުދް ސުޝާންތު ވެސް މީގެ ފަހެއް ނޫނީ ހަ މަސް ކުރިން އެ ވާހަކަ އަހަރެން ކައިރީ ބުނި. އަހަރެން ވަރަށް ގިނަ ފަހަރަށް ސުޝާންތު ކައިރީ އެކަމާ ބެހޭ ގޮތުން ސުވާލު ކުރިން. ނަމަވެސް އޭނާ މާ ބޮޑަކަށް އެ ވާހަކައެއް ނުދެއްކި،" ރޫމީ ބުންޏެވެ.

ޑައިރެކްޓަރު ބުނި ގޮތުގައި ވަރަށް ގިނަ ފަހަރަށް ރެއާ އޭނާއަށް ގުޅައިގެން ސުޝާންތުގެ ގެޔަށް ވެސް ގެންދެ އެވެ.

"ރެއާ ގުޅާފަ ބުނާނެ ސާ އޭ އާދެބަލާށޭ. ސާ އައިސް ވާހަކަ ދައްކާލީމަ ސުޝާންތު ތަންކޮޅެއް ހަމަޖެހެޔޭ. ސާ އައިމަ އޭނާއަށް ޕޮޒިޓިވް އެނާޖީ ލިބެޔޭ. ސުޝާންތު ވަރަށް އުފާވެޔޭ،" ރޫމީ ދީފައިވާ އިންޓަވިއުއެއްގައި ބުންޏެވެ.

ރެއާ ގުޅީމަ ވަރަށް ގިނައިން އެ ގެޔަށް ގޮސް ސުޝާންތު އާ އެކު ވަގުތު ހޭދަކޮށްފައިވާނެ ކަމަށް ވެސް ރޫމީ ބުންޏެވެ. އަދި ލޮކްޑައުންގެ ކުރިން ބައެއް ފަހަރަށް ސުޝާންތު ވެސް އޭނާގެ ގެޔަށް އަންނަ ކަމަށް ވެސް ރޫމީ ބުންޏެވެ.

"އަހަންނަށް އެނގޭ އޭނާ ޑިޕްރެޝަން އަށް ބޭސް ކާކަން،" ރޫމީ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި ދަނޑުވެރިކަން ކުރުމަކީ ސުޝާންތު ވަރަށް ކުރާހިތްވާ އަދި ކުރިމަގުގައި ކުރަން ރާވާފައިވާ ކަމެކެވެ. ނަމަވެސް ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތަށް އެކްޓިން ކެރިއަރު ދޫކޮށްލާފައި ދަނޑުވެރިކަން ފަށަން ސުޝާންތު ވިސްނާފައި ނުވާކަމަށް ޑައިރެކްޓަރު ބުންޏެވެ.

ރެއާ އާއި ސުޝާންތުގެ ގާތް ގިނަ އެކުވެރިންތަކެއްގެ ބަޔާންތައް މިހާރު މުމްބައި ފުލުހުން ވަނީ ނަގާފަ އެވެ. މީގެ ތެރެއިން ބައެއް އެކުވެރިންގެ ބަޔާންތަކުގައި ބުނެފައި ވަނީ ޑިޕްރެޝަންގެ މައްސަލަތައް ރަނގަޅު ކަމަށް ބުނެ ފަހުން ފަހުން ސުޝާންތު އެއްގޮތަކަށް ވެސް ބޭސް ނުކާ ކަމަށެވެ. ހަމައެކަނި ޔޯގާ އާއި މީޑިއޭޝަނުން ލުއި ލިބެމުންދާ ކަމަށް ސުޝާންތު ބުނި ކަމަށް އޭނާގެ އެކުވެރިން ބުނެފައި ވެއެވެ.

ސުޝާންތުގެ މަރާ ގުޅިގެން ހިންދީ ފިލްމު އިންޑަސްޓްރީގެ ވަރަށް ފުންނާބު އުސް ދެ މީހަކާ މުމްބައި ފުލުހުން ވަރަށް އަވަހަށް ސުވާލު ކުރާނެ ކަމަށް ވެއެވެ. އަދި ޔާޝް ރާޖް ފިލްމްސް އާއެކު ސުޝާންތު ހަދާފައިވާ އެއްބަސްވުމުގެ ކޮޕީއެއް ވެސް މިހާރުވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.

ޔާޝް ރާޖްގެ ދެ ފިލްމެއްގައި ސުޝާންތު މަސައްކަތް ކުރި އެވެ. އޭނާ އެ ކުންފުންޏާއެކު ހަދާފައި އޮތީ ތިން ފިލްމުގެ ޑީލެކެވެ. ނަމަވެސް ތިން ވަނަ ފިލްމު ފެށޭގޮތް ނުވެ އެތައް އަހަރެއް ވަނީ ފާއިތުވެފަ އެވެ. ޚަބަރުތައް ބުނާ ގޮތުން އެ ފިލްމަކީ ޑައިރެކްޓަރު ޝޭކަރް ކަޕޫރުގެ "ޕާނީ" އެވެ. އެ ފިލްމު ފެށުމުގެ ފެހި ސިގްނަލް ނުދީ ބާއްވާފައި އޮންނަތާ އެތައް އަހަރެއް ވެފައިވަނީ ޚުދް ޝޭކަރް ވެސް ވަނީ އެކަމާ ވަރަށް ނުރުހުން ފާޅުކޮށްފަ އެވެ.