ރެއާލް ބެޓިސްގެ ކޯޗް ކަމުން ޖޮއާން ފެރޭރު (ރުބީ) ވަކި ކޮށްފި އެވެ.
ކޮރޯނާ ވައިރަހަށް ފަހު އެނބުރި އައިސް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބެޓިސް ވަނީ ބަލިވެފަ އެވެ. އަނެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ލަލީގާގައި ރޭ އެތުލެޓިކް ބިލްބާއޯ އާ ދެކޮޅަށް ކުޅުނު މެޗުންވެސް ބެޓިސް ބަލިވީ އެވެ. އެ މެޗުގައި ނަތީޖާ ހަމަހަމަ ކުރަން ބެޓިސް އަށް ލިބުނު ޕެނަލްޓީ ސާޖިއޯ ކެނާލޭސް އަތުން ނާކާމިޔާބުވީ އެވެ.
ބެޓިސް އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން އެ ޓީމަށް މޮޅު ވެވުނީ އެންމެ މެޗަކުންނެވެ. އެ ޓީމު އޮޓީ ލަލީގާގެ ތާވަލުގެ 14 ވަނައިގަ އެވެ.
މިދިޔަ ސީޒަންގައި އެސްޕަންޔޯލްގެ ޓީމާއެކު ކާމިޔާބު މަސައްކަތްތަކެއް ކުރި، ރުބީ ބެޓިސްގެ ކޯޗް ކަމާ ހަވާލުވީ މި ސީޒަން ފެށުމުގެ ކުރިން މިދިޔަ އަހަރު ޖޫން މަހު އެވެ. އޭނާ ވަނީ އެސްޕަންޔޯލް ގޮވައިގެން މިދިޔަ ސީޒަންގައި ލަލީގާގެ ހަތް ވަނަ ހޯދާފަ އެވެ.
ބެޓިސްއިން ވަނީ، ރުބީ އާ ކޯޗް ކަން ހަވާލު ކުރުމަށް ފަހު ޓްރާންސްފާ މާކެޓްގައި ގިނަ އިންވެސްޓްމެންޓްތަކެއް ކޮށްފަ އެވެ. އެގޮތުން އެސްޕަންޔޯލް އަށް 25 މިލިއަން ޔޫރޯ ދިނުމަށް ފަހު ފޯވަޑް ބްރޮހާ އިގްލީސިއަސް ވެސް ބެޓިސްއަށް ގެނެއެވެ. އޮލިމްޕިކް ލިޔޯން އަށް ކުޅެމުން ގެންދިޔަ ނެބީލް ފެކިއާ ވެސް ގެނެއެވެ.
ސީޒަންގެ ބާކީ އޮތް ބަޔަށް ވަގުތީ ކޯޗުގެ މަގާމަށް ހަމަޖައްސާފައި ވަނީ ސްޕޯޓިން ކޯޑިނޭޓާގެ މަގާމުގައި ހުރި އެ ކުލަބުގެ ކުރީގެ ކެޕްޓަން އެލެކްސިސް ޓްރިހީލިއޯ އެވެ. ބެޓިސްއަށް 300 ގާތް ކުރާ އަދަދަކަށް މެޗު ކުޅުނު ޓްރިހީލިއޯ ވަނީ ކުރިންވެސް ބެޓިސްގެ ވަގުތީ ކޯޗެއްގެ ޒިންމާތައް ނަގާފަ އެވެ.
ބެޓިސްގެ ކޯޗް ކަމުގައި 2016-17 ގައި ހުރި ވިކްޓާ ސަންޗޭޒް މަގާމުން ވަކި ކުރުމުން ޓްރިހީލިއޯ ވަނީ ވަގުތީ ކޯޗެއްގެ ދައުރު އަދާ ކޮށްފަ އެވެ. ބެޓިސް އަށް މި ސީޒަންގައި ބާކީ އަށް މެޗު އެބައޮތެވެ.