ކުޅިވަރު

ރެފިއުޖީ ކޭމްޕުން ފަލަސްތީންގެ ލީގް ޗެމްޕިއަނަށް

ކޮރޯނާ ވައިރަހުގައި ޖެހި ދުނިޔޭގެ ކުޅިވަރު ހަރަކާތްތައް މަޑު ޖައްސާލަން ޖެހުމުގެ ފޫހިކަން އެންމެނަށްމެ ކުރިމަތި ވިއެވެ. ވައިރަހާ ގުޅިގެން ދައުރު ވަމުން ދިޔަ ނެގެޓިވް އަދި ހިތްދަތި ވާހަކަތަކުގެ އަސަރު ކުޅިވަރަށް ވެސް ކުރި އެވެ. އެ ހާލަތުގެ ނުރައްކަލުގައި ވެސް ފަލަސްތީންގެ ފުޓްބޯޅައިން އޭޝިއާ އަށް ފޮނުވަމުން ދިޔައީ އުފާވެރި މެސެޖުތަކެވެ.

އެ ގައުމުގެ ނާބުލްސްގައި ހުންނަ ބަލާތަތާ ރެފިއުޖީ ކޭމްޕުން އުފެދުނު ފުޓްބޯޅަ ކުލަބެއް ކަމަށްވާ މަރުކަޒުއް ޝަބާބް ބަލާތަތާގެ ވާހަކައިން، މި އުނދަގޫ ދަނޑިވަޅުގައި ވެސް ފުޓްބޯޅައަށް ލޯބި ކުރާ އެންމެންނަށް އުފާވެރިކަން ގެނެސްދިނެވެ.

ފަލަސްތީންގެ ބިންތަކަށް ގަދަކަމުން ވެރިވެގަތް އިޒްރޭލްގެ ލޭ އޮހޮރުވުންތަކާއެކު ފަލަސްތީންގެ އެތައް މިލިއަން ރައްޔިތުންނަކަށް އަސްލު ވަޒަން ދޫކޮށް އެހެންތަންތަނަށް ހިޖުރަ ކުރަން މަޖުބޫރުވެފައި ވެއެވެ. ބަލާތަތާ ރެފިއުޖީ ކޭމްޕުވެސް އުފަންވީ އޭގެ ތެރެއިންނެވެ. އިޒްރޭލްގެ އަނިޔާވެރި ކަމާއި ލޭ އޮހޮރުވުންތަކުން ސަލާމަތް ވުމަށް ރެފީއުޖީ ކޭމްޕެއްގެ ގޮތުގައި އެތަން އުފެދިގެން ދިޔައީ 1950 ވަނަ އަހަރު އެވެ.

މަރުކަޒު ބަލާތަތާގެ ޓީމުގެ ގިނަ ކުޅުންތެރިންނަކީ އެ ރެފިއުޖީ ކޭމްޕަށް އުފަން ކުޅުންތެރިންނެވެ. އެ ޓީމުގެ ހޯމް ސްޓޭޑިއަމްގެ ގޮތުގައި ބޭނުން ކުރަނީ ނާބްލްސްގެ ހުންނަ ސްޓޭޑިއަމެވެ.

ކޮރޯނާ ވައިރަސް އާ ގުޅިގެން އެންމެ ފުރަތަމަ ލޮކްޑައުން ކުރި ގައުމުތަކުގެ ތެރޭގައި ފަލަސްތީން ހިމެނެ އެވެ. އެ ގައުމުގައި ފެބްރުއަރީ މަހު ލޮކޮޑައުން ކުރިއެވެ. ލީގްގެ މާޗް މަހު މެދުކަނޑާލުމަށް ފަހު ދެން ފެށީ މިދިޔަ މަހު އެވެ. މަރުކަޒު ބަލާތަތާގެ ޓީމުން ލީގް ޗެމްޕިއަންކަން ހޯދީ މިދިޔަ އަހަރުގެ ޗެމްޕިއަން، ހިލާލް އަލް ގުދުސް ބަލި ކޮށްފަ އެވެ. މި މަހުގެ 12 ވަނަ ދުވަހު އެ ޓީމާ ދެކޮޅަށް ކުޅުނު މެޗު ބަލާތަތާގެ ޓީމުން ކާމިޔާބު ކުރީ 4-1 ންނެވެ.

އެ މެޗުން މޮޅުވެ އެ ޓީމުން 45 ޕޮއިންޓް ހޯދި އެވެ. އަދި ދެ ވަނަ އިގައި އޮތް މަރުކަޒު ޝަބާބް އަލް އަމަރީ ކުޅުނު މެޗުން ބަލިވުމުން ބަލާތަތާ އިން ހަތް ޕޮއިންޓްގެ ލީޑެއް ނެގި އެވެ. ބާރަ ޓީމު ހިމެނޭ ފަލަސްތީންގެ ލީގް ކުރިއަށް ދަނީ ސެޕްޓެމްބަރުން އޭޕްރީލްއަށެެވެ.

މަރުކަޒު ބަލާތަތާގެ ކާމިޔާބާއެކު އޭއެފްސީން ވަނީ، ފުޓްބޯޅައިގެ ތެރެއިން ރެފިއުޖީންނަށް ކުރާ ހޭދަ އިތުރު ކުރާނެ ކަމަށް ބުނެފަ އެވެ. އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހިމް އަލް ޚަލަފީ ވަނީ ބަލާތަތާ ހޯދި ކާމިޔާބަށް މަރުހަބާ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ބަލާތަތާގެ ކާމިޔާބުން ރަމްުޒުކޮށް ދެނީ އެ ޓީމުގެ މެނޭޖުމެންޓްގެ މަސައްކަތާއި އެފަދަ ކާމިޔާބެއް ހޯދުމަށް އެ ޓީމުން ކުރި ބުރަ މަސައްކަތް ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ފާހަގަ ކުރި ދުނިޔޭންގެ ރެފިއުޖީންގެ ދުވަހާ ގުޅިގެން އޭޝިއަން ޑްރީމް ފައުންޑޭޝަންގެ ޕްރޮގްރާމްގައި ބައިވެރިވެ ދެއްވި މެސެޖުގައި ޝައިހް ސަލްމާން ވަނީ އޭއެފްސީގެ ތެރެއިން ރެފިއުޖީންގެ ހަލަތު ބަދަލު ކުރުމަށް ކޮށްފައިވާ މަސައްކަތްތައް ފާހަގަ ކޮށްފަ އެވެ. އޭނާ ވިދާޅުވީ އޭޝިއަން ޑްރީމް ފައުންޑޭޝަނާއި އޭއެފްސީ ގުޅިގެން ކުރި މަސައްކަތުން 37000 ރެފިއުޖީންނަށް ސީދާ ފައިދާ ކޮށްފައިވާ ކަމަށެވެ.

އޭއެފްސީގެ ޕްރޮޖެކްޓްގެ ދަށުން، ނާބުލްސްގައި ވަނީ މިނީ ޓާފް ދަނޑުތަކެއް އަޅާފަ އެވެ.