ބޮލީވުޑް

ރާޖްކުމާރު ހިރާނީގެ ފިލްމުގެ މަސައްކަތް ޝާހްރުކް ފަށަނީ

ޝާހްރުކް ޚާން އަލަށް ފަށަން އުޅޭ ފިލްމާ ގުޅޭ ތަފާތު ޚަބަރުތައް މި ފަހަކަށް އައިސް އިންޑިޔާގެ ނޫސްތަކުން ވަރަށް ގިނައިން ފެނެ އެވެ. ޝާހްރުކް އެއްވެސް ފިލްމެއް އިއުލާން ނުކުރާތާ ގިނަ ދުވަސްވުމުން އަވަހަށް އޭނާ ފިލްމެއްގެ މަސައްކަތް ފަށަން ފޭނުން ވަރަށް ބޭނުންވެ އެވެ.

ޚާއްސަކޮށް ޝާހްރުކް ދެން އެންމެ ފުރަތަމަ ކުޅޭނީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ފިލްމެއް ކަމަށް ބެލެވޭތީ ގިނަ ބަޔަކު މިހާރު ތިބީ މި ފިލްމުގެ ޝޫޓިންގް ފެށޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. ސަބަބަކީ "މުންނާބާއީ" ސީރީޒްގެ ފިލްމުތަކާއި "ތުރީ އިޑީއަޓްސް" އަދި "ޕީކޭ" ފަދަ ފިލްމުތަކަކީ ހިރާނީގެ މޮޅުކަން ސާބިތުކޮށްދީފައިވާ ފިލްމުތަކަށް ވާތީ އެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ހަމަ ހަގީގަތުގައި ވެސް ޝާހްރުކް އެންމެ ފުރަތަމަ މަސައްކަތް ކުރާނީ ހިރާނީ ޑައިރެކްޓްކުރާ ފިލްމެއްގަ އެވެ. މި ފިލްމުގެ ޝޫޓިން އަންނަ އޮކްޓޫބަރު ނިމޭ ހިސާބުގައި ފަށަން ތައްޔާރުވަމުންދާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

މިއީ އިމިގްރޭޝަންގެ މައްސަލަތަކެއް ދައްކާ ޑްރާމާއަކަށް ވާތީ މިހާރުއްސުރެ ޝާހްރުކް މި ރޯލަށް ތައްޔާރުވާން ފަށާފައިވާ ކަމަށް ވެއެވެ. ފިލްމުގެ މަސައްކަތް ޕްރި-ޕްރޮޑަކްޝަން ސްޓޭޖުގައި އޮތްއިރު ފިލްމު ޝޫޓްކުރަން ހަމަޖެހިފައިވާ ހުރިހާ ލޮކޭޝަންތަކެއް ކަނޑައަޅައި އެ ތަންތަނުގައި ޝޫޓްކުރެވޭނެ ގޮތް ދުރާލާ ހަމަޖައްސަން ޝާޙްރުކް މިހާރު ވަނީ ޑައިރެކްޓަރުގެ ކިބައިން އެދިފަ އެވެ. އެއީ ޝޫޓިން ފެށުމަށްފަހު އެއްވެސް ހުރަހެއް ލަހެއް ނެތި ކުރިޔަށް ގެންދެވޭނެ ގޮތް ހެދުމަށެވެ.

އަދި ވަކި ނަމެއް ހަމަނުޖެހޭ މި ފިލްމުގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް މިހާރު ލިޔުންތެރިޔާ ކަނިކާ ދިލަން އާއި އަބިޖާތު ޖޯޝީ ކުރަމުންދާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. ހިރާނީގެ ގިނަ ފިލްމުތަކެއްގެ ސްކްރިޕްޓް ލިޔެފައިވަނީ އަބިޖާތެވެ. އޭނާގެ ޑައިލޯގްތަކާއި ޚިޔާލުތައް ވަރަށް މަޖާ އަދި މީހުންނަށް ކަމުދާ ގޮތްގޮތަށް ލިޔެފައި ހުންނަކަން ފާހަގަ ކޮށްލެވެ އެވެ.

އެންމެ ކުރިން މި ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި އޮތީ މިދިޔަ މޭމަހުގެ ތެރޭގަ އެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ބަލިމަޑުކަމެއް މުޅި ދުނިޔެއަށް ފެތުރުމުގެ ސަބަބުން ފިލްމީ މަސައްކަތްތައް ވެސް ތިން މަހެއްހާ ދުވަހަށް މުޅީން ހުއްޓިފައި އޮތުމުން މި ފިލްމުގެ މަސައްކަތް ވެސް ލަސްވެގެން ދިޔައީ އެވެ.