ޝާހިދު ކަޕޫރާއި ކިއާރާ އަދުވާނީގެ "ކަބީރް ސިންގް" އަކީ ޑައިރެކްޓަރު ސަންދީޕް ވަންގާ އުފެއްދި ފުރަތަމަ ފިލްމެވެ. މިއީ ފާއިތުވީ އަހަރު ތެރޭގައި ނުކުތް އެންމެ ކާމިޔާބު އަދި އެންމެ މޮޅު އެއް ފިލްމުގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
ފިލްމު ރިލީޒްކުރިތާ އަހަރެއް ފާއިތުވެފައިވާއިރު ޑައިރެކްޓަރު އާ ފިލްމެއްގެ މަސައްކަތް ވަނީ ފަށާފަ އެވެ. މި ފަހަރު އޭނާ އުފައްދަނީ "ޑެވިލް" އެވެ. އަދި ޑެވިލް އަކަށް އޭނާ ޚިޔާރު ކޮށްފައި ވަނީ ރަންބީރު ކަޕޫރު ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ވަނީ ބުނެފަ އެވެ.
ރަންބީރު މި ފިލްމަށް އަނގަބަހުން އެއްބަސްވެފައި ވިޔަސް އަދި ފިލްމު ކުޅެން ސޮއެއް ނުކުރެ އެވެ.
"ޑެވިލް" އަކީ ވެސް މީހެއްގެ އަނދިރިފަރާތް ވަރަށް ބޮޑަށް ދައްކުވައި ދޭނެ ފިލްމެކެވެ. ހަގީގަތުގައި ޝާޙިދު "ކަބީރް ސިންގް"ގައި ކުޅުނު ރޯލަށް ވުރެ ވެސް "ޑެވިލް"ގައި ރަންބީރު ކުޅޭ ރޯލު "ވިހަ"ވާނެ އެވެ. ރަންބީރު އެހާ ބޮޑަށް މި ފިލްމާ ގަޔާވެ ވަގުތުން އާނއެކޭ ބުނީ މި ސަބަބާ ހުރެ އެވެ.
މި ފިލްމާ ގުޅޭ ޚަބަރުތައް ބުނާ ގޮތުން ފިލްމުގެ ވާހަކަ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޑައިރެކްޓަރު ވަނީ ރަންބީރު އަށް ކިޔައިދީފަ އެވެ. އަދި ރަންބީރު ވަގުތުން އެ ފިލްމުގައި ބައިވެރިވާން ވަނީ އެއްބަސްވެފަ އެވެ. އަނެއްކާ މި އަހަރުގެ ޖެނުއަރީ މަހު ވެސް ޑައިރެކްޓަރު ސަންދީޕް ވަނީ ރަންބީރު އާ ބައްދަލުކޮށް އިތުރު ނެރޭޝަނެއް ދީފަ އެވެ.
ބައެއް ޚަބަރުތައް ބުނަނީ މި ރޯލަށް ސައުތު އިންޑިޔާ ސުޕަސްޓާ ޕްރަބާސް ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް ރަންބީރަށް ފިލްމު މުޅިން ކަށަވަރުވެފައިވާ ކަމަށް ވެއެވެ. އަދި ކުރިއަށް އޮތް އޮގަސްޓް މަހުގެ ތެރޭގައި ރަންބީރު އާއި ޑައިރެކްޓަރު އަލުން ބައްދަލުކޮށް ފައިނަލް ސްކްރިޕްޓް ދޭނެކަމަށް ވެއެވެ.
"ކަބީރް ސިންގް"ގައި ޝާހިދު ކުޅުނު ރޯލަށްވުރެ ހުރިހާ ގޮތަކުން ވެސް "ޑެވިލް"ގެ ކެރެކްޓާ ނުލަފާވާނެ އެވެ. އެހެންވެ ޝާހިދު އަށް "ކަބީރް ސިންގް" ކުޅެން އަމާޒުވި ފާޑުކިޔުންތަކަށް ވުރެ ވަރުގަދަ ފާޑުކިޔުންތަކެއް "ޑެވިލް" ކުޅެފިނަމަ ރަންބީރަށް އަމާޒުވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ފިލްމު ކުޅެން ރަންބީރު ވަރަށް ބޭނުމެވެ. އޭނާގެ ގާތް އެކުވެރިޔާ އަދި ޑައިރެކްޓަރު އަޔާން މުކަރުޖީގެ "ބްރަހްމަޝްތުރާ" ފަހަތަށް ޖައްސާލާފައި ވެސް "ޑެވިލް" ކުޅެން ރަންބީރު ބޭނުންވަނީ ފިލްމުގައި އޭނާއަށް ވަރަށް މޮޅަށް އެކްޓްކުރުމުގެ ފުރުސަތު ލިބޭނެތީ އެވެ. އަދި މިއީ ރަންބީރުގެ ކެރިއަރުގެ ވެސް އެންމެ ފުރިހަމަ މަސައްކަތަށް ވުމުގެ ފުރުސަތު އޮތިމަ އެވެ.