ކެޕްޓަން ސާޖިއޯ ރާމޯސް ކާމިޔާބު ކުރި ލަނޑުން ލަލީގާގައި ހެދި ރެކޯޑާއެކު ރެއާލް ސޮސީޑާޑް 2-1 ން ބަލިކޮށް ރެއާލް މެޑްރިޑް ތާވަލުގެ އެއް ވަނައަށް ޖެހިލައިފި އެވެ.
ދެ ވަނަ ހާފުގައި ޕެނަލްޓީން ކާމިޔާބު ކުރި ލަނޑާއެކު، ރާމޯސް ވަނީ ލަލީގާގައި އެންމެ ގިނައިން ލަނޑު ޖެހި ޑިފެންޑަރުގެ ރެކޯޑް ހަދާފަ އެވެ. ކުރިން އެ ރެކޯޑް އޮންނަނީ ބާސެލޯނާއަށް ކުޅުނު ހޮލެންޑްގެ މިހާރުގެ ކޯޗް ރޮނާލްޑް ކޫމަން އަތުގަ އެވެ. ކޫމަން ވަނީ ސެންޓްރަލް ޑިފެންޑަރަށް ކުޅެމުން 67 ލަނޑު ޖަހާފަ އެވެ. ރާމޯސް ރޭ ޖެހި ލަނޑާއެކު އޭނާ ޖެހި ލަނޑުގެ އަދަދު 68 ށް އެރީ އެވެ. ރެއާލްގެ ކުރީގެ ޑިފެންޑަރު ފެނާންޑޯ އިއޭރޯ ވަނީ 105 ލަނޑު ޖަހާފަ އެވެ. އެހެން ނަމަވެސް އޭނާ ގިނަ ލަނޑުތައް ކާމިޔާބު ކުރީ މިޑްފީލްޑަށް ކުޅެމުންނެވެ.
ރާމޯސް ޖެހި ޕެނަލްޓީ އަކީ، ސޮސީޑާޑްގެ އޭރިއާގެ ތެރެއިން ރެއާލްގެ ފޯވަަޑް ވިނީޝިއުސް ޖޫނިއާ އަށް ސޮސީޑާޑްގެ ކުޅުންތެރިން ޗާޖު ކުރުމުން ދިން ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީ ދިން ގޮތާމެދު ސޮސީޑާޑްގެ ކުޅުންތެރިން ހިތްހަމަނުޖެހުން ވެސް ފާޅު ކުރި އެވެ. އެހެން ނަމަވެސް ވީޑިއޯ ރިޕްލައިއިން ފެންނަ ގޮތުގައި ސޮސީޑާޑްގެ ޑިފެންޑަރުން ވަނީ ވިނީސިއުސް އަށް ޗާޖު ކޮށްފަ އެވެ.
މެޗުގެ 60 ވަނަ މިނެޓްގައި ރާމޯސް އަށް އަނިޔާ ވެގެން އޭނާ ބަދަލު ކުރަން ޖެހުނެވެ. އެއީ ސޮސީޑާޑްގެ އެލްގްޒެންޑާ އައިސަކު އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އައިސާކް ކުރި ޗެލެންޖުގަ އެވެ. ބަދަލުގައި ކުޅެން އެރީ ޑިފެންޑަރު އެޑާ މިލިޓާއޯ އެވެ.
ރެއާލްގެ ދެ ވަނަ ލަނޑު 70 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކަރީމް ބެންޒެމާ އެވެ. ފޭޑޭ ވަލްވާޑޭ ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަންތަނުން ބެންޒެމާ އަތުގައި ބޯޅައިން ޖެހުނެވެ. ނަމަވެސް ރެފްރީ ނިންމީ ގަސްތުގައި އަތުން ޖެހުނު ކަމަށް ނުބެލެވޭ ކަމަށެވެ. ސޮސީޑާޑްގެ ލަނޑު 83 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މިކެލް މެރީނޯ އެވެ.
މެޗުން މޮޅުވެ، ރެއާލް އަށް އެއް ވަނަ ލިބެނީ، ކުރިން އެއް ވަނައިގައި އޮތް ވާދަވެރި ބާސެލޯނާ އާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށް، ދެ ޓީމު ލީގްގައި ކުޅުނު މެޗުތަކުން ރެއާލްއަށް ކުރި ލިބިފައި ވުމުންނެވެ. ދެ ޓީމަށް ވެސް ލިބިފައި ވަނީ 65 ޕޮއިންޓެވެ.