ކުޅިވަރު

ބާންލޭއަށް ބޮޑު ލަދެއް

ނަސްލީ އިމްތިޔާޒަށް ހިތްވަރު ލިބޭ ގޮތަށް ބާންލީގެ ސަޕޯޓަރުން ވިހުރުވި ބެނާގެ ސަބަބުން ލަދުގަންނަން ޖެހޭ ކަމަށް އެ ކުލަބުގެ ކެޕްޓަން ބެން މީ ބުނެފި އެވެ.

މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އެއް ކަކޫ މައްޗަށް ތިރިވެ ކަޅު ނަސްލުގެ މީހުންނާ އެކުގައި ވާކަން ހާމަ ކުރުމަށް އިޝީން ވަގުތު ބާންލީގެ ސަޕޯޓަރުންގެ ބަޔަކު ވަނީ ސިޓީގެ އިއްތިހާދު ސްޓޭޑިއަމް އާ ދިމާލުން ޖައްވުގެ ތެރޭގައި ބެނާއެއް ވިހުރުވާފަ އެވެ.

ކުޑަ މަތިންދާ ބޯޓެއްގެ އެހީގައި ވިހުރުވަމުން ދިޔަ އެ ބެނާގައި ލިޔެފައި ވަނީ "ވައިޓް ލައިވްސް މެޓާ ބާންލީ" މިހެންނެވެ. އެއީ ކަޅު ނަސްލުގެ މީހުންނާ އެކުގައި ވާކަން ހާމަކޮށް މިހާރު މުޅި ދުނިޔޭގައި މަޝްހޫރުވެފައިވާ އިބާރާތަށް މަލާމާތް ކުރުމުގެ ގޮތުން ބާންލީގެ ސަޕޯޓަރުންތަކެއް ކުރި ކަމެކެވެ.

މިދިޔަ މަހު އެމެރިކާގެ ފުލުހުން މަރާލި އެ ގައުމުގެ ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑްގެ މަރާ ގުޅިގެން އެމެރިކާގައި ވަނީ މުޒާހަރާ ހޫނު ވެފަ އެވެ. އެޔާއެކު ދުނިޔޭގެ އެކިކޮޅުތަކުން ކަޅު ނަސްލުގެ މީހުންގެ ހައްގުގައި ތެދުވުމަށް ކޭމްޕޭންތައް ފެށި އެވެ.

މެންޗެސްޓާ ސިޓީ އަތުން 5-0 ން ބަލިވި މެޗަށް ފަހު ސްކައި ސްޕޯޓްސް އާ ވާަހަކަ ދައްކަމުން ބެން މީ ބުނީ، އޭނާގެ ޓީމުގެ މަދު އަދަދެއްގެ ސަޕޯޓަރުންގެ އަމަލުތަކުން އޭނާ ލަދު ގަނެއްޖެ ކަމަށެވެ.

"އެ އަމަލުގެ ސަބަބުން އަހަރެމެން އެންމެ ހާސިލުކުރަން ބޭނުންވާ ކަންކަމަށް ހުރަސް އެޅިގެންދޭ،" ކަޅު ނަސްލުގެ މީހުންނަށް މަލާމާތް ކޮށް ބާންލީގެ ބައެއް ސަޕޯޓަރުން ވިހުރުވި ބެނޭގެ މައްސަލަ ކުށްވެރިކޮށް ބެން މީ ވާހަކަ ދެއްކި އެވެ. "އެކަހަލަ މީހުން އެބަޖެހޭ 21 ވަަނަ ގަރުނަށް އަންނަން، ތައުލީމު އުނގެނި ހޭލުންތެރި ބަޔަކަށް ވާން."

އެ ހާދިސާ އާ ގުޅިގެން ބާންލީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް އަޑު އުފުލާ މީހުންނަށާއި މެންޗެސްޓާ ސިޓީ އެކަން ހައްގު ނުވާ ކަމަށެވެ. އަދި އެކަން ކުރި ސަޕޯޓަރުން އުމުރު ދުވަހަށް ސަސްޕެންޑް ކުރާނެ ކަމަށް އެ ކުލަބުން ބުންޏެވެ. ބެންމީ ބުނީ، މެޗުގެ ކުރިން އެކަހަލަ ކަމެއް ސަޕޯޓަރުންގެ ބަޔަކު ކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ފެތުރުނު ކަމަށެވެ. އެކަން ހުއްޓުވަން ކުލަބުންވެސް މަސައްކަތް ކުރި ކަމަށެވެ.

ބާންލީގެ ކޯޗް ޝޯން ޑައިކް ބުނީ، މަދު އަދަދެއްގެ ސަޕޯޓަރުންގެ ސަބަބުން ކުލަބު ބަދުނާމު ވުމުން ދެރަ ވާ ކަމަށެވެ. އޭނާ ބުނީ މަދު ބަޔަކު ކުރާ ކަމަކުން އެކަން މުޅި ކުލަބަށް ނިސްބަތް ނުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ ދޮން ނަސްލުގެ މީހުންގެ ހައްގުގައިވެސް އެއްވަރަށް އަޑު އުފުލަން ޖެހޭނެ ކަމަށެވެ. "އެންމެ މުހިންމު ވާނީ އިންސާނީ ދިރިއުޅިމުގެ ހައްގު، ހުރިހާ އެނެމެންނަށް އެއްވަރެއްގައި އަޑު އުފުލަން ޖެހޭނެ." ގާޑިއޯލާ ބުންޏެވެ.

މެޗުގައި ސިޓީގެ ފިލް ފޯޑެން، ރިޔާދު މަހްރޭޒް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ ޑޭވިޑް ސިލްވާ އެވެ.