ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕައުލޯ ޑިބާލާގެ ލަނޑުތަކުން ބޮލާނިއާގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން މޮޅުވެ، ތާވަލުގެ އެއް ވަނައިގައި ޔުވެންޓަސް ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.
ކޮޕާ އިޓާލިއާގެ ސެމީ ފައިނަލުގައި އޭސީ މިލާން އާ ދެކޮޅަށް ލިބުނު ޕެނަލްޓީ ނާކާމިޔާބު ވުމުން ފާޑު ކިއުން އަމާޒުވި ރޮނާލްޑޯ މެޗުގައި ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ. ބޮލޯނިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔެއްގެ އަތުގައި ޖެހުމުން، ޕެނަލްޓީއެއް ކަން ކަށަވަރު ކުރީ ވީއޭއާރުން ބެލުމަށް ފަހު އެވެ.
ރޮޮނާލްޑޯ ޕެނަލްޓީ ވައްދާލީ ބޮލޯނިއާގެ ކީޕަރު ލުކަޒް ސްކްރޮޕްސްކީ އަށް މިސްރާބު އޮޅުވާލުމަށް ފަހު އެވެ. ރޮނާލްޑޯގެ މި ލަނޑާއެކު އޭނާ ވެފައި ވަނީ ސޭރީ އޭ ގައި އެންމެ ގިނަ ލަނޑު ޖެހި ޕޯޗްގަލްގެ ކުޅުންތެރިޔާ އަށެވެ. ކުރިން އެ ރެކޯޑް އޮންނަނީ ފިއޮރެންޓީނާ އާއި އޭސީ މިލާން އަށް ކުޅުނު ރުއީ ކޯސްޓާ އަތުގަ އެވެ. ރޮނާލްޑޯ ރޭ ކާމިޔާބު ކުރި ލަނޑަކީ ސޭރީ އޭގައި އޭނާ ކާމިޔާބު ކުރި 22 ވަނަ ލަނޑެވެ.
މެޗުގައި ޔުވެންޓަސްގެ ދެ ވަނަ ލަނޑަކީ ޑިބާލާ އޭރިއާގެ ބޭރުން ޖެހި ހިތްގައިމު ގޯލެކެވެ. ފެޑްރީކޯ ބާނެޑެސްކީ ދިން ބޯޅަ ޑިބާލާ ވާތުފައިން ގޯލްގެ ތެރެއަށް ފޮނުވާލީ، ބޯޅައިގެ މިސްރާބު އޮޅިގެންދާ ގޮތަށް ގޯލްގެ ދަނޑިގައި ޖައްސާލުމަށް ފަހު އެވެ.
ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ޔުވެންޓަސްގެ ޑަނިލޯ އަށް ވަނީ މެޗުގެ 91 ވަނަ މިނެޓްގައި ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.
ޖެހިޖެހިގެން ނުވަ ވަނަ ފަހަރަށް ސޭރީ އޭ ކަމިޔާބު ކުރުމުގެ އުންމީދުގައި އޮތް ޔުވެންޓަސް ހަތަރު ޕޮއިންޓްގެ ލީޑެއް ނެގިއިރު ދެ ވަނައިގައި އޮތް ވާދަވެރި ލާޒިއޯ އިން ބުދަ ދުވަހު އެޓަލާންޓާ އާ ދެކޮޅަަށް ކުޅޭ މެޗުން މޮޅުވެގެން އަނެއްކާވެސް ޔުވެންޓަސް އާ އެއް ޕޮއިންޓަށް ފަރަގު ކުޑަ ކުރެވޭނެ އެވެ.