ލައިފްސްޓައިލް

18 ގަޑިއިރު ކުޑަކަމު ނުގޮސް ހިފެހެއްޓުމުން ބްލެޑާ ފަޅައިގެން ހިނގައްޖެ

ކުޑަކަމުދާން ޖެހި ނުގޮސް ހުރުމަކީ ތަފާތު ސިއްހީ ނުރައްކާތައް މެދުވެރިވާ ކަމެކެވެ. ޚާއްސަކޮށް ބަނގުރާ ބޯ މީހުންނަށް މި ނުރައްކާ މާ ބޮޑު ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެ އެވެ.

ޗައިނާގެ ފިރިހެނަކަށް މިކަން ވަރަށް ރަނގަޅަށް ވަނީ ތަޖުރިބާ ކުރެވިފަ އެވެ. ޓައިމްސް ނައު ނޫހުގައިވާ ޚަބަރެއްގައިވާ ގޮތުން މި މީހާ ރޭގަނޑު ހަތަރުދަމު ރާބުއިމުގައި ހޭދަކޮށްފައި ކުޑަކަމުނުގޮސް ހިފަހައްޓައިގެން ހުއްޓާ ބްލެޑާ ވަނީ ފަޅައިގެން ގޮއްސަ އެވެ.

ޗައިނާގެ ޒީޖިއަންގް ޕްރޮވިންސްގެ ޒޫޖީ ޕީޕަލްސް ހޮސްޕިޓަލަށް މި މީހާ ގެންދިޔައިރު ވެސް ބްލެޑާ ވަނީ ފަޅައިގެން ގޮސްފައި ކަމަށް އޭނާ ބެލި ޑޮކްޓަރުން ވަނީ ބުނެފަ އެވެ. ހޫ ނަމަކަށް ކިޔާ މި މީހާ އަށް މިހެން ދިމާވީ ގިނަ އަދަދެއްގެ ކުޑަކަމުދާ ނަޖިސް ބްލެޑާގައި 18 ވަރަކަށް ގަޑިއިރު ވަންދެން ހިފަހައްޓާފައި ބެހެއްޓުމުގެ ސަބަބުންނެވެ.

މި މީހާ ރަލުގެ މަސްތުގައި އެ ހުރިހާއިރު ވަންދެން އޮތީ ނިދާފަ އެވެ. އޭނާއަށް ހޭލެވުނީ ވަރަށް ގަދަޔަށް ބަނޑުގައި ރިއްސައިގަނެގެންނެވެ. ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަދި ޑޮކްޓަރުން މި މީހާގެ ޓެސްޓްތައް ހެދުމުން ބްލެޑާ ފަޅައިގެން ގޮސްފައިވާކަން ޔަގީން ކުރެވުނީ އެވެ.

އެމީހާ އަށް ފަރުވާ ދިން ޑޮކްޓަރުން ޗައިނާގެ މީޑިއާއަށް ބުނެފައިވާ ގޮތުގައި ބަނޑުގެ ރިހުން ގަދަކަމުން އޭނާއަށް އޮށޯވެލައިގެން ވެސް ނޯވެވެ އެވެ.

އުމުރުން 40 އަހަރުގެ މި މީހާ 10 ދަޅު ބިއަރު އެރޭ ބުއިކަމަށް ވެއެވެ. އަދި މަސްތުކަމުގައި އަނެއް ދުވަހު އެއްކޮށް ވެސް އޮތީ ނިދާފަ އެވެ. އަދި ކުޑަކަމުދާން ވެސް އެމީހާއަކަށް ނުހޭލެވުނެވެ. އެމީހާ ހޮސްޕިޓަލުގެ ޔޫރޮލޮޖީ ޑިޕާޓްމަންޓަށް ދައްކައި ހެދި ސްކޭންތަކުން އޭނާގެ ބްލެޑާ ތިން ތަނުން ފަޅައިގެން ގޮސްފައިވާ ކަން ޔަގީން ކުރެވުނުކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

ބްލެޑާއަށް ލިބިފައިވާ ގެއްލުންތައް ރަނގަޅުކުރަން އިމަޖެންސީކޮށް މި މީހާގެ އޮޕަރޭޝަން ކޮށްފައި ވެއެވެ. ބްލެޑާއަށް މިހާ ބޮޑު ގެއްލުމެއް ލިބުނީ ފުރިބާރުވެފައި އެހާ ގިނައިރު ހުރުމުން ބްލެޑާގެ އެތެރޭގެ ޕްރެޝަރު މާ ބޮޑުވެގެންނެވެ.
މިހާރު ސާޖަރި ހަދާ އެމީހާގެ ބްލެޑާއިން ފަޅައިގެން ގޮސްފައިވާ ތަންތަން ފެހުމުން އޭނާ ހާލު ރަނގަޅުވަމުން އަންނަ ކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ.

އިންސާނާ ދިޔާ އެއްޗެތި ބޯ ވަރަކަށް އޭނާގެ ބްލެޑާ ބޮޑުވަމުންދާނެ އެވެ. ނަމަވެސް ބްލެޑާ އަށް އެންމެ ބޮޑަށް ވެސް ވާން ވެވޭނީ 350-300 މިލި ލީޓަރު ކެޕޭސިޓީ އަކަށެވެ.