ލައިފްސްޓައިލް

ތިން މަހުގެ ލޮކްޑައުން ބުރަތަ؟ މިމީހާ ލޮކްޑައުންގައި 40 އަހަރު!

ރަޖީވް ޕޮޑާގެ އުނަގަނޑުން ތިރި ވާގި ނެތުނީ އުމުރުން އެންމެ ނުވަ އަހަރުގަ އެވެ. އެކަން ދިމާވީ އެއް ދުވަހަކު އޭނާ ސްކޫލުން ނިމިގެން ގެއަށް އައިތަނާ ކުއްލިއަކަށް ބަނޑުގައި ރިއްސައިގަނެފައި ދެފައިކޮޅުން ވާގި ގޮސްގެންނެވެ.

އަނެއް ދުވަހު އޭނާގެ މައިންބަފައިން އޭނާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން އޭނާގެ ކޮނޑުހުޅުން ތިރި އެއްކޮށް ވާގި ނެތިފައިވާ ކަމަށް ޕޮޑާގެ މައިންބަފައިން ކައިރީ ޑޮކްޓަރުން ބުންޏެވެ. ނަމަވެސް އޭނާ ކުއްލިއަކަށް ވާގި ނެތެން ދިމާވި ސަބަބެއް ޑޮކްޓަރުންނަކަށް ވެސް ނޭނގުނެވެ.

މިހާރު އޭގެ ފަހުން 40 އަހަރު ވެއްޖެ އެވެ. ފުރޮޅުލީ ގޮނޑިއެއްގައި ވެސް 30 މިނިޓަށް ވުރެ ގިނައިރު އިނުމަކީ ޕޮޑާ އަށް އެއްގޮތަކަށް ވެސް ކުރެވޭވަރުގެ ކަމެއް ނޫނެވެ.

"ހިއުމަންސް އޮފް ބޮމްބޭ" އަށް ދީފައިވާ އިންޓަވިއު އެއްގައި ޕޮޑާ ވަނީ އޭނާގެ މި ހާލަތު ވަރަށް ރަނގަޅަށް ބަޔާން ކޮށްދީފަ އެވެ. އަދި ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ހެދި ގައުމުތައް ލޮކްޑައުން ކޮށްފައި ދެ ތިން މަހު އޮތުމުން އެ ގައުމުތަކުގެ މީހުން ފޫހި ވެގެން ހަދާނެ ގޮތެއް ނޭނގިގެން އުޅޭއިރު އެކަމާ ދޭތެރޭ އޭނާ ދެކޭ ގޮތް ޕޮޑާ ވަނީ ހާމަކޮށްފަ އެވެ.

ޕޮޑާ ބުނި ގޮތުގައި އޭނާއަކަށް ސްކޫލަކަށް ނުދެވެ އެވެ. އަދި ރައްޓެހިންނާ ބައްދަލުކޮށްލާއެއް ނުހެދެ އެވެ. އެއީ އޭނާއަށް ވަރަށް ހިތްދަތިކަން ލިބުނު ކަމެކެވެ. އެއާއެކު އާއިލާގެ މީހުންނަށް ވެސް އޭނާގެ ބަލި ހާލުގެ ސަބަބުން ވަރަށް ބޮޑެތި އުނދަގޫތައް ތަހައްމަލު ކުރަން ޖެހުނެވެ.

"އަހަރެން ބޮޑުވަމުން އަންނަ ވަރަކަށް އެމީހުންނަށް އަހަރެން އުފުލާ ގެންގުޅެން އުނދަގޫވި. އަދި އަހަންނަށް އަބަދު ބޭސް ކުރަން ހަދައިގެން އެމީހުންގެ މާލީ ހާލަތު ދަށްވި. އެހެންވެ 14 އަހަރު އުމުރުން ވީތަނާ އަހަރެން އަމިއްލައަށް ހިތަށް އަރައިފި މިއީ ދެން އަހަރެންނަށް ދިރިއުޅެން ޖެހިފައިވާ ގޮތޭ. އެހެންވީމާ މިކަމަށް ތަބާވެގެން އޮންނާނީތޯ ނުވަތަ ކޮންމެވެސް ކަމެއް ކުރެވޭތޯ އުޅޭނީތޯ ނިންމަންވިއްޔޭ،" ޕޮޑާގެ ތަޖުރިބާ ހިއްސާ ކުރަމުން ބުނެފައި ވެއެވެ.

ދެން އޭނާ ކުރަން ފެށި ކަމަކީ އޭނާއަށް އަމިއްލައަށް ކުރެވޭ ހަމައެކަނި ކަންތަކެވެ. ފޮތް ކިއުމެވެ. ފޮތާއި ނޫހާއި އެނޫންވެސް އަތުޖެހުނު އެއްޗެއްވިއްޔާ އޭނާ ކިޔަ އެވެ. ވަރަށް ގިނަ ދުވަސްވަންދެން ކުރެވޭނެ އެއްވެސް ކަމެއް ނެތި ފިކުރު ބޮޑުވެފައި އޭނާ ހޭދަ ކުރި އެވެ. ނަމަވެސް ކުއްޔަށް ދިރިއުޅޭ ގެ އަބަދު ބަދަލުކުރަން ޖެހުމުން އޭނާއަށް ކުރަން ރަނގަޅު ކަމެއް ފެނުނެވެ.

އޭނާއަކީ ސްކޫލަށް ނުދިޔައަސް ހިސާބު އިލްމަށް ވަރަށް މޮޅު މީހެކެވެ. އެހެންވެ ކިޔަވާ ކުދިންތަކެއް އޭނާގެ އެހީތެރިކަމަށް އެދި އެއް ދުވަހު އައެވެ. އެހިސާބުން އޭނާއަށް ދިރިއުޅުމުގެ މަގްސަދެއް ފެނުނީ އެވެ. ކިޔަވައިދިނުމަކީ އޭނާ އިންތިހާއަށް ކުރާޙިތްވާ ކަމެއް ކަން ވެސް ޕޮޑާ އަށް ވިސްނުނެވެ.

ޕޮޑާ ބުނި ގޮތުގައި އޭނާ ކުރިން ކިޔަވައިދީފައި ނެތަސް އެމީހުން އޭނާގެ އެހީއަށް އެދުމުން އެކަން ކޮށްދެވޭތޯ ބެލީ އެވެ. އޭނާ ހިސާބު ކިޔަވައި ދެނީ ވަރަށް މަޖާ ކުރަމުންނެވެ. އެހެންވެ ކުދިންނަށް އޭނާ ކިޔަވައިދޭ ސްޓައިލް ކަމުގޮސް އެކުދިންނަށް ޓިއުޝަނަށް އަންނަ ޓީޗަރުން ގެނައުން ވެސް ހުއްޓާލައި ހަމައެކަނި އޭނާ ކައިރިން ކިޔަވަން ފެށީ އެވެ. ނަމަވެސް އޭނާ ޓިއުޝަން ނަގައިދެނީ އުޖޫރައަކަށް ނޫނެވެ. ކުދިން އަތުން އޭނާ ފައިސާއެއް ނުނަގަ އެވެ. އޭނާއަށް ސްޓޮކްގެ ވިޔަފާރިން ރަނގަޅު އާމްދަނީއެއް ލިބޭތީ އެވެ.

ކިޔަވައިދެނީ ހަމައެކަނި އެކަން ކުރާޙިތްވާތީ އެވެ. ފަހުން އޭނާ ވަނީ ކަރަންޓް އެފެއާޒް އަށް ކުދިންނަށް އެހީތެރިވެދިނުމަށް "ނޮލެޖް ކެޕްސޫލެއް" ތައްޔާރުކޮށްފަ އެވެ.

"މިހާރު އަހަރެން ޔޫޓިއުބުގައި ކުދި ކުދި ވީޑިއޯ ހަދާފައި އަޕްލޯޑް ކުރަން. "ހެލިކޮޕްޓާ މަނީ"، ޖިއޯ"، ކޮވިޑް-19" ފަދަ ޓޮޕިކް ތަކަށް،" ޕޮޑާ ބުންޏެވެ.

ޕޮޑާ ބުނި ގޮތުގައި ކޮވިޑް-19ގެ ސަބަބުން ގޭގޭގައި މީހުންނަށް ތިބެން ޖެހުނީމަ ކުރާ ޝަކުވާތަކުގެ އަޑު އޭނާއަށް އިވެ އެވެ.

"ހީކޮށްލާ 40 އަހަރު އަހަރެން މި ހޭދަކޮށްލީ ކަރަންޓީނުގަ. ގޭގެ ހަތަރު ފާރުތެރޭގަ. މިއީ އަހަރެންގެ ހަޔާތުގެ ހަގީގީ ވާހަކަ. އުމުރުން ނުވަ އަހަރު ފުރުނުއިރުވެސް އަހަރެންގެ ހާލު މުޅިން ރަނގަޅު. ނަމަވެސް ކުއްލިއަކަށް މުޅި ދިރިއުޅުން ބަދަލުވީ،" ޕޮޑާ ބުންޏެވެ.

ޕޮޑާގެ ނަސޭހަތަކީ މިދުވަސްވަރު ގޭގޭގައި މަޑުކޮށްލައިގެން ބަލި ފެތުރުން ހުއްޓުވަން އެންމެން އެއްބާރުލުން ދިނުމެވެ. އަނެއްކާވެސް އާއްމު ހާލަކަތަށް ދިރިއުޅުން ބަދަލުވުމުން އެމީހުންނަށް ކަންކަމުގައި މަސްއޫލުވި ބިޒީ ވެވޭނެ އެވެ. އޭރުން ވެސް ޕޮޑާ އޮންނާނީ ހަމަ އޭނާގެ ގޭގަ އެވެ.