ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވާކް ޖޮކޮވިޗް އިންތިޒާމު ކުރި ޗެރިޓީ ޓެނިސް މުބާރާތުގައި ކުޅުނު މުހިންމު ދެ ކުޅުންތެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން މުބާރާތް ކެންސަލް ކޮށްފި އެވެ.
ބަލަކަން ސަރަހައްދުގެ އިޖުތިމާއީ ހަރަކާތްތަކަށް އެހީ ހޯދުމަށް ކްރޮއޭޝިއާގެ ޒަޑާރުގައި ކުރިއަށް ދިޔަ އަޑްރިއާ ޓްއާ މުބާރާތް ކެންސަލް ކުރީ ފައިނަލު މެޗުގެ ކުރިންނެވެ. އެ މުބާރާތުގެ ސެމީފައިނަލުގައި ކުޅުނު ދުނިޔޭގެ ރޭންކިންގެ 19 ވަނަ ކުޅުންތެރިޔާ ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް އާއި ދުނީޔެގެ 33 ވަނަ ކްރޮއޭޝިއާގެ ބޯނާ ކޮރިކް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ.
އެ މުބާރާތް ކުރިއަށް ގެންދިޔައީ ފިޒިކަލް ޑިސްޓެންސިންގެ އުސޫލާ ހިލާފަށެވެ. ކުޅުންތެރިން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކާ ކައިރިކައރީގައި ތިބެ ފޮޓޯ ނަގާފައި ވެއެވެ. ވައިރަހަށް ޕޮޒިޓިވް ތިން ވަނަ މީހަކީ ޖޮކްވިޗްގެ ފިޓްނަސް ކޯޗް މާކޯ ޕަނީޗީ އެވެ. އޭނާ ވައިރަހަށް ޕޮޒިޓިވް ވީ އޭގެ ކުރިން އެއްވެސް އަލާމާތެއް ނުފެނި އެވެ.
ޖޮކޮވިޗްގެ އެޖެންޓް އެލީނާ ކަޕެލާރޯ ބުނީ، ޖޮކޮވިޗްވެސް ވައިރަހަށް ޓެސްޓް ކޮށްފައިވާ ކަމަށެވެ. މިހާރު މަޑުކޮށްގެންތިބީ ޓެސްޓް ނަތީޖާ ލިބެންދެން ކަމަށް އެޖެންޓް ބުންޏެވެ. މުބާރާތުގައި ބައިވެރިވި އެހެން ކުޅުންތެރިންނާއި އޮފިޝަލުން ވައިރަހަށް ނެގެޓިވް ވި ނަމަވެސް އެ މީހުންވެސް 14 ދުވަހަށް ކަރަންޓީންގައި ތިބުމަށް ވަނީ ނިންމާފަ އެވެ.
ޓެނިހުގެ ގިނަ މުބާރާތްތަކެއް ފަސްކޮށްފައި ވަނިކޮށް، އެ މުބާރާތް އިންތިޒާމު ކުރުމުން ޖޮކޮވިޗަށް ވަނީ ފާޑު ކިއުން އަމާޒުވެފަ އެވެ. އެންމެ ބޮޑަށް ފާޑު ކިއުން އަމާޒުވީ ފިޒިަކަލް ޑިސްޓެންސާއި ފޭސް މާސްކު ނާޅައި ތިބެ މުބާރާތް ކުރިއަށް ގެންދިއުމުންނެވެ. މެޗުތައް ބަލަން ވަން ސަޕޯޓަރުންވެސް މާސްކު ނެތްކަން ވަނީ ފާހަގަ ކުރެވިފަ އެވެ. ފުރަތަމަ މެޗު ބަލަން 4000 ސަޕޯޓަރުން ވަނެވެ.
އެމެރިކާގެ ކުރީގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ކްރިސް އެވާޓް ބުނީ ފިޒިކަލް ޑިސްޓެންސާއި ޕްރޮޓޮކޯލް މުގުރާލައި ޓެނިސް މުބާރާތެއް އިންތިޒާމު ކުރުމުގެ ބޭނުމެއް ނުވިސްނޭ ކަމަށެވެ. އިނގިރޭސި ވިލާތުގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ޑޭން އީވަންސް ބުނީ މުބާރާތުގައި ކުޅުނު ކުޅުންތެރިން ވައިރަހަށް ޕޮޒިޓިވް ވުމުން އޭގެ ޒިންމާ ޖޮކޮވިޗްވެސް އުފުލަން ޖެހޭނެ ކަމަށެވެ. ޖޮކޮވިޗް އަކީ އޭޓީޕީ ޕްލޭއާސް ކައުންސިލުގެ ރައީސްވެސް މެއެވެ.
"މިކަމުގެ ޒިންމާއިން ބައެއް އޭނާ އުފުލަން ޖެހޭނެ،" އީވަންސް ބުންޏެވެ. "ޖޮކޮވިޗް ޖެހޭނެ އެކަމާ ޖަވާބު ދާރީ ވާން، އޭނާގެ ފަރާތުން ފެނުނީ ބަލައި ގަނެވޭނެ މިސާލެއް ނޫން."