ބޮލީވުޑް

"ރެހެނާ ހެ ތޭރެ ދިލް މޭ 2"ގައިވެސް ދިއާ އާއި މާދަވަން

"ރެހެނާ ހެ ތޭރެ ދިލް މޭ" އަކީ 2000 ގެ އަހަރު ތަކުގައި ނުކުތް އެންމެ ރޮމެންޓިކް އަދި އެންމެ ރީތި އެއް ފިލްމެވެ. ފިލްމުގެ ނަމުގެ މާނައިގައި ބުނާ ފަދައިން ބެލުންތެރިންގެ ހިތްތަކުން މި ފިލްމު ވަނީ ޖާގަ ހޯދާފަ އެވެ. މި ފިލްމުގައި ދިއާ މިރްޒާ ކުޅެފައިވަނީ ރީނާ ކިޔާ އަންހެންކުއްޖެއްގެ ރޯލެވެ. އަދި މާދަވަން ކުޅުނީ މެޑީ ކިޔާ ކެރެކްޓާ އެކެވެ. މި ފިލްމުން އެންމެ ފާހަގަ ކޮށްލެވުނު އެއް ކަމަކީ ދިއާ އާއި މާދަވަންގެ ކެމިސްޓްރީ އެވެ.

ފިލްމު ރިލީޒްކުރިތާ 19 އަހަރު ފުރިފައިވާއިރު ވެސް ބެލުންތެރިންގެ ހިތުގައި މި ފިލްމު ބިންވަޅު ނެގިފައި ވުމުގެ އެއް ސިއްރަކީ މި ދެ ތަރިންގެ ގުޅުން ފިލްމުގައި ދައްކުވައިދީފައިވާލެއް ފުރިހަމަ ކަމެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުން މި ފިލްމުގެ ދެ ވަނަ ބައެއް "ރެހެނާ ހެ ތޭރެ ދިލް މޭ 2" ގެ ނަމުގައި އުފައްދަން މިހާރު ދަނީ ރާވަމުންނެވެ. މި ފަހަރުގެ ފިލްމުގައި ވެސް ފެންނާނީ ހަމަ ދިއާ އާއި މާދަވަން ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

މި ފިލްމު އުފެއްދުމުގެ ކަންތައްތަކުގައި އުޅޭ މީހަކު އިންޑިޔާގެ ނޫހަކަށް ބުނެފައިވާ ގޮތުގައި މިހާރު ފިލްމަށް ރަނގަޅު ސްކްރިޕްޓެއް ވެސް ވަނީ ލިބިފަ އެވެ. އަދި މިއީ އެންމެންނަށް ވެސް ވަރަށް ކަމުދާނެ ކަހަލަ ވާހަކައެއް ކަމަށާއި ދިއާ އާއި މާދަވަން ކުޅޭނީ ހަމަ ފުރަތަމަ ފިލްމުގައި ވެސް ކުޅުނު ކެރެކްޓާތައް ކަމަށް އޭނާ ބުންޏެވެ.

"މިހާރު ސްކްރިޕްޓް އޮތީ ފައިނަލް ސްޓޭޖުގައި،" އޭނާ ބުންޏެވެ.

ތަންކޮޅެއް ކުރިން ދިއާގެ ލައިވް ޗެޓް އެއްގައި "ރެހެނާ ހެ ތޭރެ ދިލް މޭ" ގެ ސީކުއަލް އެއް އުފެއްދުމުގެ ކަންތައް ކުރިޔަށް ދާ ކަމަށް ބުނެފައި ވެއެވެ. މި ފިލްމުގައި ފެނިގެން ދާނީ މެޑީ އާއި ރީނާ ލޯބި ކާމިޔާބު ކުރުމަށްފަހު ގުޅި ދެން ފާއިތުވީ އަހަރުތަކުގައި ހިނގާ ކަންތައް ތަކެކެވެ.

ފުރަތަމަ ފިލްމުގައި ދައްކާފައިވާ މެޑީ އާއި ރީނާގެ ލޯބީގައި ހުރި މައުސޫމް އަދި ހިތްގައިމު ގޮތް ދެ ވަނަ ފިލްމުގައި ވެސް ދަމަހައްޓުމަކީ އޭނާ ބޭނުންވާ ގޮތް ކަމަށް ވެސް ދިއާ ބުންޏެވެ.