ވިޔަފާރި

ޓޫރިޒަމް ހުޅުވާލަން ގައިޑްލައިން އާއްމުކޮށްފި

Jun 23, 2020

ޓޫރިޒަމް އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުވާލާއިރު، އަމަލު ކުރާނެ އުސޫލުތައް ބަޔާން ކޮށްފައިވާ ޓޫރިޒަމް ގައިޑްލައިން އާއްމުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމު ކުރި "ގައިޑްލައިން ފޯ ރިޓާނިން ޓޫރިޒަމް އިން މޯލްޑިވްސް" ގައި ޓޫރިސްޓުން ރާއްޖެ އައި އަމަލު ކުރާނެ އުސޫލުތަކާއި ޓޫރިޒަމް ސިނާއަތުން މިކަމުގައި އަމަލު ކުރާނެ ހުރިހާ އުސޫލު ތަކެއް ވަރަށް ތަފުސީލުކޮށް ބަޔާން ކޮށްދީފައިވެ އެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ވަނީ "މޯލްޑިވްސް ޓްރެވަލް އިންފޮމޭޝަން" ގެ ނަމުގައި ރާއްޖެ އަންނަ ޓޫރިސްޓުންނަށް ފަސޭހަކަމާއެކު މައުލޫމާތު ލިބޭނެ ލުއި ކަރުދާހެއް ވެސް ނެރެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ހުރިހާ ރިސޯޓުތަކަށް މިއަދު ސާކިއުލާއެއް މެދުވެރިކޮށް އަންގާފައިވާ ގޮތުގައި އަލުން ޓޫރިޒަމް ފަށާއިރު، ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު ނުވަތަ ވަޒީފާ އިން ސަސްޕެންޑް ކުރި މުވައްޒަފުންނަޑް އިސްކަން ދޭން އެދިފައިވެ އެވެ.

ރާއްޖެ ޖުލައި 15 ގައި ހުޅުވާލާއިރު މި އަހަރު އަންނާނީ 850،000 ޓޫރިސްޓުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ޖުލައި މަހު ހުޅުވާލިނަމަވެސް މި އަހަރު ރާއްޖޭގެ ޓޫރިޒަމް 50 ޕަސެންޓް ދަށްވެގެންދާނެ އެވެ.