ރާއްޖޭގެ ޓޫރިޒަމް ކޮވިޑް-19 އާ ގުޅިގެން "ބޮޑު ތަޅު" އަޅުވާފަ، ބޭއްވުމަށްފަހު ޖުލައި މަހު ތަޅު ނައްޓާ، ހުޅުވާލާނެ އެވެ. މި ވާހަކަ ވާނީ ދުނިޔެ އަށް އަޑު އަހާލަން ބޭނުންވާ ޝައުގުވެރި ވާހަކަ އަށެވެ. އެހެންވެ، ރާއްޖެ އަލުން ހުޅުވާލަން ވަމުންދާ ތައްޔާރީގެ ވާހަކަތަކާއެކު ރާއްޖޭގެ މާކެޓިން ކުންފުނި، އެމްއެމްޕީއާރުސީ އިން މިރޭ ވަނީ ސޯޝަލް މީޑިއާގައި ކުލަގަދަ ހަރަކާތެއް ހިންގާފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައ ތިބި ރާއްޖެ އަށް ހެޔޮއެދޭ އެތަށް ބައެއްގެ ވާހަކަތައް ގެނެސްދިން މި އިވެންޓާއެކު ރާއްޖޭގެ އިރު އަލުން އަރަން އުޅޭކަމުގެ އުންމީދު މިވަނީ އާވެފަ އެވެ. ރާއްޖޭގެ ޓޫރިޒަމް ހުޅުވާލަން އުންމީދީ މަންޒަރު ތަކެއް ދުނިޔެ އަށް މިވަނީ ދައްކާލާފަ އެވެ.
ސޯޝަލް މީޑިއާގެ ވަސީލްތައްތައް ކަމަށްވާ ފޭސްބުކް އަދި ޓުވިޓާ އަދި އިންސްޓަގްރާމްގައި ވަގުތުން ކުރިއަށް ގެންދިޔަ މި ހަރަކާތް ފެށިގެން ދިޔައީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްވި އުންމީދީ މެސެޖަކާއެކުގަ އެވެ. މަންޒަރުން ފެންނަނީ އަމާން ރީތި ދޮންވެލި ފިނޮޅެއްގައި އެ މަނިކުފާނު ގިނިކަންޏާ ހުންނަވާ މަންޒަރެވެ. ފިނޮޅަށް ލައްގާފައިވާ އޮއެކާޓެއް ނަގައިގެން ވަޑައިގެން ރާއްޖޭގެ ވާހަކަ ކިޔައިދޭން ފައްޓަވަ އެވެ.
"ރާއްޖޭގެ ޓޫރިޒަމް ފެށުނީ 1972 ގައި، އަލުން ހުޅުވިގެން ދާނީ ޖުލައި މަހު، ރާއްޖެއަކީ ދުނިޔޭގައި އޮތް އެންމެ ރައްކާތެރި، އެންމެ އަމާން ގައުމު. ރާއްޖެއަކީ ހަނީމޫން ހޭދަކުރަން އަންނަ މީހުންނާއި ޗުއްޓީ ހޭދަ ކުރަން އަންނަ މީހުންނާއި އާއިލާ ތަކަށް ވެސް އަމާންތަނެއް،" އަލީ ވިދާޅުވި އެވެ. މި ވާހަކައަށްފަހު އެންމެން ރާއްޖެ އަންނަން މިނިސްޓަރު ވަނީ ދައުވަތު ދެއްވާފަ އެވެ.
އިވެންޓުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދުގެ އިތުރު، ރާއްޖޭގެ ޓޫރިޒަމްގައި ހަރަކާތްތެރިވާ ބައެއް ބޮޑެތި ވިޔަފާރިވެރިންގެ މެސެޖުތައް ވެސް ގެނެސްދިނެވެ. މީގެތެރޭގައި ޗަމްޕާ ހުސެެއިން އަފީފުގެ އިތުރުން ސަންލޭންޑުގެ ޑިރެކްޓަރު މުހައްމަދު ނަޒީރު (ސަން ލޭންޑް ނަޒީރު) ވެސް ހިމެނެ އެވެ.
އެމްއެމްޕީއާރުސީގެ އެމްޑީ ތޮއްޔިބު މުހައްމަދު މި އިންވެޓުން ފެނިގެން ގޮސްފައިވަނީ ޓޫރިޒަމް ދާއިރާ ހުޅުވަން ތައްޔާރަށް އޮތްވަރު ކަމަށެވެ. އަދި މި އިވެންޓު ކުރި އަށް ގެންދިއުމުގައި ޓޫރިޒަމް އިންޑަސްޓްރީން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެން އެދުނީ ޓޫރިޒަމް ދާއިރާގެ އެކި ވީޑިއޯ ކޮޅު ތަކެއް ފޮނުވައިގެން. އެދުމުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 200 އަށްވުރެ ގިނަ ކްލިޕް ފޮނުވާފައިވޭ،" ތޮއްޔިބު ވިދާޅުވި އެވެ.
މޯލްޑިވްސް، ދަ ސަން ވިލް ޝައިން އެގެއިންގެ ނަމުގައި ބޭއްވި މި އިވެންޓުގައި ރާއްޖޭގެ ބައެއް ފަންނާނުންގެ ހުނަރު ގެނެސް ދީފައިވެ އެވެ. މީގެ އިތުރުން ރާއްޖޭގެ ކެއުންތަކާއި ރާއްޖޭގެ މަސައްކަތްތައް ވެސް ދައްކާލި އެވެ. އަދި މި އިވެންޓުގައި ހާއްސަ ކުއިޒެއް ކުރިއަށް ގެންގޮސް 30 ފަރާތަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ދީފައިވެ އެވެ.