ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ރާއްޖެ އަންނަން 11 އެއާލައިނެއް ޝެޑިއުލްކޮށްފި

ކޮވިޑް-19 އަށްފަހު، މި މަހު 15 ގައި ބޯޑަރު ހުޅުވާލުމާއެކު، ރާއްޖެ އަންނަން 11 އެއާލައިނުގެ ފްލައިޓް ޝެޑިއުލް އާއި ޓިކެޓުގެ އަގު އާއްމުކޮށްފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ފްލައިޓް ޝެޑިއުލް މައުލޫމާތުތަކުގައިވާ ގޮތުން، 15 ގައި ބޯޑަރު ހުޅުވުމާލުމާއެކު ރާއްޖެ އަށް މިމަހު ތެރޭގައި ޖައްސަން ޝެޑިއުލްކޮށްފައިވަނީ ތިން އެއާލައިން އަކުންނެވެ. އަދި އަންނަ މަހު ހަ އެއާލައިން އެއް އަންނަން ވަނީ ޝެޑިއުލްކޮށްފަ އެވެ. އަދި ޝެޕްޓެމްބަރު މަހު ދެ އެއާލައިނެއް އަންނާނެ އެވެ. އަދި އޮކްޓޫބަރު އަންނާނީ އެންމެ އެއާލައިން އެކެވެ.

ފްލައިޓް ޝެޑިއުލްކޮށްފައިވާ ގޮތް:

  • ގަތަރު އެެއާވޭސް- ދޯހާ / މާލެ/ ދޯހާ (15 ޖުލައި އިން 24 އޮކްޓޫބަރު)
  • އެމިރޭޓްސް- ދުބާއީ- މާލެ / ދުބާއީ (16 ޖުލައި 21 ޖުލައި)
  • އިއްތިހާދު އެއާވޭސް- އަބޫދާބީ / މާލެ / އަބޫދާބީ (18 ޖުލައި އިން 28 ޖުލައި)
  • ގަލްފް އެއާ - ބަހްރެއިން / މާލެ / ކޮލަމްބޯ / ކޮލަމްބޯ މާލެ / ބަހްރެއިން (2 އޮކްޓޫބަރުން 21 އޮކްޓޫބަރު)
  • ހޮންކޮންގް އެއާލައިންސް - ހޮންކޮންގް / މާލެ / ހޮންކޮންގް (1 އޮކްޓޫބަރުން 24 އޮކްޓޫބަރު)
  • އިންޑިއޯ - މުންބާއީ / މާލެ / މުބްބާއީ / ކޮޗިން / މާލެ / ކޮޗިން (10 އޮކްޓޫބަރުން 24 އޮކްޓޫބަރު )
  • ސިލްކް އެއާ - ސިންގަޕޫރު / މާލެ ސިންގަޕޫރު (1 އޮގަސްޓް އިން 24 އޮގަސްޓް )
  • ސިންގަޕޫރު އެއާލައިންސް - ސިންގަޕޫރު / މާލެ / ސިންގަޕޫރު (1، އޮގަސްޓް އިން 24 އޮކްޓޫބަރަށް )
  • ސްރީލަންކަން އެއާލައިންސް - ކޮލަމްބޯ / މާލެ / ކޮލަމްބޯ (1، އޮގަސްޓުން 24 އޮކްޓޫބަރަށް)
  • އެލްޑޯވައިސް އެއާ - ޒިއުރިކް / މާލެ / ޒިއުރިކް ( 24 ސެޕްޓެމްބަރުން 22 އޮކްޓޫބަރަށް)
  • ޓާކިޝް އެއާލައިންސް - އިސްތަމްބޫލް / މާލެ އިސްތަމްބޫލް (1، އޮކްޓޫބަރުން 23 އޮކްޓީބަރަށް)

ރާއްޖެ އަންނަން 11 އެއާލައިނެއް މިހާތަނަށް ޝެޑިއުލްކުރިއިރު ޓިކެޓުގެ އަގު އުޅެނީ ކޮޓަކަށް 130 ޑޮލަރާއި 314 ޑޮލަރާ ދެމެދުގަ އެވެ. އެންމެ އަގުކޮށް ރާއްޖެއަށް އަންނަން ޓިކެޓު ވިއްކަނީ ބަޖެޓް އެއާލައިން ތަކުންނެވެ.

ބޯޑަރު ހުޅުވަން ތައްޔާރުވެފައިވާއިރު، އެމްއޭސީއެލް އިން ވަނީ ފްލައިޓް ޖައްސަން ހިތްވަރު ދިނުމުގެ ގޮތުން މިމަހު ޖައްސާ ހުރިހާ ފްލައިޓްތަކުން ފިއުލް ޗާޖު ފިޔަވައި އެއްވެސް އިތުރު އެހެން އަގެއް ނުނަގަން ނިންމާފަ އެވެ. އެމްއޭސީއެލް އިން ވަނީ ބޯޑަރު ހުޅުވާއިރު އެއާޕޯޓުން ދޭ ހިދުމަތްތަކުން ހާއްސަ ޑިސްކައުންޓް ތަކެއް ދޭން ނިންމާފަ އެވެ. ގްރައުންޑް ހޭންޑްލިންގެ ހިދުމަތްތަކާއި ޖައްސަން ނަގާ ލޭންޑިން ފީ އަދި ނެވިގޭޝަން ފީ އަދި ޕާކިން ފީ އިން 50 ޕަސެންޓާއި 100 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް އެވެ. ޖުލައި 15 އިން 31 އޮގަސްޓުގެ ނިޔަލަށް އަންނަ ހުރިހާ ޝެޑިއުލް ފްލައިޓް ތަކަށް ހުރިހާ ހިދުމަތް ތަކެއް ހިލޭ ލިބޭނެ އެވެ. އަދި 1، ސެޕްޓެމްބަރުން 27 އޮކްޓޫބަރުގެ ނިޔަލަށް އަންނަ ފްލައިޓްތަކަށް 75 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ އެވެ. މީގެ އިތުރުން އޮކްޓޫބަރު 28 އިން އަންނަ އަހަރުގެ އޮކްޓޫބަރު 28 ގެ ނިޔަލަށް އަންނަ ފްލައިޓްތަކަށް 50 ޕަސެންޓުގެ ޑިސްކައުންޓް ދޭނެ އެވެ.

އެމްއޭސީއެލް އިން ބުނެފައިވާ ގޮތުގައި ބޯޑަރު ހުޅުވާއިރު ކޮންމެ 20 މިނެޓަކުން ފްލައިޓެއް ހޭންޑްލް ކުރަން ވަނީ ތައްޔާރުވެފަ އެވެ. ކުރިން އެއް ފަހަރާ 1000 މީހުން އިންޓަނޭޝަނަލް އެރައިވަލް ޓާމިނަލްގައި ހޭންޑްލް ކުރިނަމަވެސް ސޯޝަލް ޑިސްޓެންސިންއާއެކު ހިދުމަތް ދޭނީ 577 މީހުންނަށެވެ. އަދި އިންޓަނޭޝަނަލް ޑިޕާޗާގައި ކުރިން 1200 މީހުނަަށް ހިދުމަތް ދިން ނަމަވެސް ނިއު ނޯމަލްގައި ހިދުމަތް ދެވޭނީ 750 މީހުންނަށެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި ޖުލައި މަހު ޓޫރިޒަމް ހުޅުވާލައި މި އަހަރު 980،000 ޓޫރިސްޓުން ގެނެވޭނެ އެވެ. ނަމަވެސް ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ އަންދާޒާއަކީ 600،000 އާއި 700،000 ދެމެދުގެ އަދަދެކެވެ. އެއީ ނޮވެމްބަރުން ފެށިގެން ޓޫރިސްޓުން އަންނަން ފަށައި އިތުރު 200،000 އެއްހާ މީހުން މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ގެނައުމެވެ.

ޓޫރިޒަމް ހުޅުވާލިނަމަވެސް ރާއްޖެ އަށް ލިބޭ އާމްދަނީ ދެ ދެބައިކުޅަ އެއްބައި ނުލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ފިނޭންސުން ބުނެފައިވާ ގޮތުގައި މި އަހަރު ޓޫރިޒަމް 50 ޕަސެންޓް ދަށްވެ، ދައުލަތަށް އާމްދަނީގެ ގޮތުގައި ކުރިން އަންދާޒާކުރި 30 ބިލިއަން ރުފިޔާގެ ބަދަލުގައި ލިބޭނީ 15 ބިލިއަން ރުފިޔާ އެވެ.