ހަބަރު

ހިސާންގެ ފަރާތުން އެހެން ކުދިންނަށް އަނިޔާ ލިބުނުތޯ ބަލަނީ

Jun 23, 2020

ކުރީގެ ޑިސްއޭބިލިޓީ އެމްބެސެޑާ އަހުމަދު ހިޝާންގެ ފަރާތުން އިތުރު ކުދިންތަކަކަށް ޖިންސީ އަނިޔާ ލިބިފައިވޭތޯ ބެލުމަށް ޕަބްލިކް ޕްލެޖް އެނައުންސްމެންޓެއް ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ފުލުހަށް ލަފާދީފި އެވެ.

ހިޝާން އެކި ދުވަސްމަތިން ހަތް ކުދިންނާމެދު އެކުދިންގެ ނުރުހުމުގައި ޖިންސީ އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން މީގެކުރިން ޕީޖީއަށް ފޮނުވި އެވެ. ނަމަވެސް އެ މައްސަލާގައި ލިބިފައިވާ ހެކި ގަރީނާއަށް ބަލާއިރު މީގެ ތެރެއިން ބައެއް ހާދިސާތައް ހިނގިތާ ގިނަދުވަސްތަކެއް ވެފައިވާތީ ޖިނާއީ ދައުވާކުރުމުގެ މުއްދަތު ހަމަވެފައިވާތީ، މައްސަލައިގެ އެބައި ޑިކްލައިންކުރުމަށް ޕީޖީ އޮފީހުން ވަނީ ނިންމާފަ އެވެ.

ނަމަވެސް ހިޝާން އެކި ދުވަސްމަތިން އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންނާމެދު އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ޕީޖީ އޮފީހުން ވަނީ ފިޔަވަޅުތަކެއް އެޅުމަށް ފުލުހަށް އަންގާފަ އެވެ.

އެގޮތުން، މައްސަލައިގެ ހާދިސާ ހިނގާފައިވާގޮތަށް ބަލާއިރު، އިތުރު ވިކްޓިމުން ހިމެނުމަކީ އެކަށީގެންވާ ކަމެއްކަމަށް ފެންނާތީ އިތުރު ކުޑަކުދިންތަކެއް ވިކްޓިމައިޒްވެފައިވޭތޯ ސާފުކުރުމުގެ ގޮތުން ޕަބްލިކް ޕްލެޖް އެނައުންސްމެންޓެއް ކުރެވިދާނެތޯ ބެލުމަށް ފުލުހަށް ލަފާ ދިނެވެ.

އަދި ވޭތުވެދިޔަ އަށް އަހަރު ތެރޭގައި ހިޝާންގެ ފަރާތުން ޖިންސީ އަނިޔާ ލިބިފައިވާކަމަށް ކިޔައިދޭ ވިކްޓިމްއެއް ތަހުގީގަށް ފާހަގަކުރެވިއްޖެނަމަ، އެ މައްސަލައެއް ތަހުގީގުކޮށް، ހެކި ގަރީނާއާއެކު މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅުމަށް ވެސް ލަފާދީފައިވެ އެވެ.

ދަރުމަވެރިއެއްގެ ގޮތުން ހިޝާން ވަނީ ނުކުޅެދުންތެރިކަން ހުންނަ އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. ނަމަވެސް ޖިންސީ ކުށުގެ ތުހުމަތާއެކު އޭނާ ވަނީ އެކަމުން ދުރަށް ޖެހިފަ އެވެ. ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވަން ވެސް ޖެހުނީ މި މައްސަލަ ހޫނުވެގެންނެވެ.