ހަބަރު

ކޯލިޝަންގެ ޔަގީންކަން ދިނުމުން މައުމޫންގެ ޝުކުރު

Jun 23, 2020

ސަރުކާރު ކޯލިޝަން ދެމިއޮންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަނެއްކާވެސް ދެއްވި ޔަގީންކަމާއެކު އެމްއާރްއެމްގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ޝުކުރު އަދާކުރައްވައިފި އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ކޯލިޝަން ދެމިއޮންނާނެ ކަމަށާއި މިއީ އަބަދުވެސް ކޯލިޝަން ސަރުކާރެއް ކަމަށެވެ.

"ކޯލިޝަން ދަމަހައްޓަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން، ކޯލިޝަން ތެރޭގައި ޕާޓީތަކުގެ ހިއްސާ ދަމަހައްޓަދޭނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެކަމާ ގުޅުވާ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯލިޝަން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވުމުން، އެމްއާރްއެމްގެ ނަމުގައި ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ކޯލިޝަންގެ ޔަގީންކަން ރައީސް ދެއްވި ނަމަވެސް ގެކުރިން ކެބިނެޓް ވަނީ އަދާލަތު ޕާޓީގެ ސްލޮޓެއް ގެއްލިފަ އެވެ. އަދި ހައުސިން މިނިސްޓްރީ އުވާލުމާއެކު އެމްއާރްއެމްގެ ސްލޮޓެއް ވެސް ވަނީ މަދުވެފަ އެވެ.

ހައުސިން މިނިސްޓްރީގެ މައްސަލާގައި އެމްއާރްއެމްގެ ނުރުހުން ވެސް ކޮންމެވެސް ވަރަކަށް ސަރުކާރަށް އަމާޒުވި އެވެ. ނަމަވެސް އެމްއާރްއެމްއިން ދަނީ އަބަދުވެސް ސަރުކާރާއެކު ދެމިއޮންނާނެ ކަމަށް ބުނަމުންނެވެ.

މިފަހުން ރައްޔިތުންގެ މަޖިލީހުގައި ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެ އެވެ. އެމްޑީޕީ މެންބަރުން ގެންދަވަނީ ކޯލިޝަން ރޫޅާލައި އެހެން ޕާޓީތަކުގެ މިނިސްޓަރުން ވަކި ކުރުމަށް ގޮވާލަމުންނެވެ. އެކަމާ ގުޅިގެން އެހެން ޕާޓީތަކުގެ ނުތަނަވަސްކަން އޮތީ ވަރަށް ބޮޑުވެފަ އެވެ.