ފިނިޕޭޖް

"އިންޑިއާޒް ބެސްޓް ޑާންސާ" ޝޫޓިން ފަށަނީ

ސޮނީ ޓީވީގެ މަޝްހޫރު ޑާންސް ރިއަލިޓީ ޝޯ "އިންޑިއާޒް ބެސްޓް ޑާންސާ"ގެ ޝޫޓިން ހުއްޓާލާފައި އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުން އަލުން ޝޫޓިން ފެށުމަށް ތައްޔާރުވާން ފަށާފައިވާ ކަމަށް ޝޯގެ ޕްރޮޑިއުސަރު ރަންޖީތު ޓާކޫރް ބުނެފި އެވެ.

ކޮރޯނާވައިރަހުގެ ވަބާގެ ސަބަބުން ހުއްޓާލާފައިވާ ޝޫޓީން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިޔަށްދާ ކަމަށާއި އަންނަ ހަފުތާގައި ފެށޭވަރު ވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޕްރޮޑިއުސަރު ބުންޏެވެ.

ޝޫޓިން ކުރިޔަށް ދާނީ ސަރުކާރުން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށާއި އެގޮތުން ވާން ޖެހޭ އެންމެ ބޮޑު ގުރުބާނީ އަކީ ލައިވް އޯޑިއަންސާ ނުލާ ޝޫޓިން ކުރިޔަށް ގެންދިއުން ކަމަށް އޭނާ ބުންޏެވެ. މިއީ ޝޯގެ ޕާފޯމަންސްތަކުގެ ކުލަ ފަނޑުވެގެން ދާނެ ކަމެއް ނަމަވެސް މި ނޫން ގޮތެއް މިވަގުތު ނެތީމަ ޝޯގެ ސެޓަށް އެއްވެސް އިތުރު މީހަކު ނުވައްދާނެ އެވެ. އެއީ ޝޯގައި މަސައްކަތްކުރާ ޓީމުގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަން އޭނާ ފާހަގަ ކުރި އެވެ.

"އާއްމުކޮށް އަހަރެމެން އެޕިސޯޑެއް ޝޫޓްކުރާއިރު ސެޓުގައި 400-450 މީހުން އުޅޭނެ. އެއީ އެ ދުވަހުގެ ޝޫޓިންގް ބަލަން އައިސް ތިބޭ މީހުންނާއެކު. މިހާރު އަހަރުމެންނަށް އެބައި ދޫކޮށްލަންޖެހޭ. އަދި ކުރޫ މެމްބަރުންގެ ތެރެއިން ވެސް 33 ޕަސެންޓް މީހުން އަހަރެމެންނަށް ޝޫޓިންގްގައި މަސައްކަތް ކުރުވޭނީ. ކޮން ބައެއްތޯ ޝޫޓިންގަށް ގެންނާނީ ނިންމުމަކީ ވެސް އުނދަގޫކަމެއް. ނަމަވެސް މިވަގުތު ކޮންމެ ގޮތެއް ހަދާފައިވެސް މަސައްކަތް ފަށަން އެބަ ޖެހޭ،" ޕްރޮޑިއުސަރު ބުންޏެވެ.

އޭނާ އިތުރަށް ކިޔައިދިން ގޮތުގައި ސެޓުގެ ފްލޯތައް ޒޯން ތަކަކަށް ބަހައި ޕްރޮޑަކްޝަން ޓީމުން ތިބޭނީ އެއް ޒޯނުގަ އެވެ. އަދި އެއްވެސް ޒޯނެއްގައި ތިބޭ ބަޔަކަށް އަނެއް ޒޯނަކަށް ނުދެވޭނެ އެވެ. އަދި ޝޫޓިން އަށް ބޭނުންވާ ހުރިހާ އިކްއިޕްމަންޓެއް އޮޕަރޭޓް ކުރާ މީހުން ވެސް ތިބޭނީ އެކަކު އަނެކަކާ ހަ ފޫޓުވަރު ދުރުގަ އެވެ. ކުރޫން މަދުކުރަން ޖެހުމުން މަސައްކަތްކުރާ ކޮންމެ މީހަކު ވެސް އެތައް މީހެއްގެ މަސައްކަތާ ހަވާލުވާން ޖެހޭނެ ކަމަށް ވެސް ޕްރޮޑިއުސަރު ބުންޏެވެ. ކެމެރާމޭން އަށް ކޭބަލް ޖޮބް ވެސް އަދާކުރަން ޖެހޭއިރު ސްވިޗިންގެ މަސައްކަތާ ހަވާލުވާނީ ޑައިރެކްޓަރެވެ.
އިންޑިއާޒް ބެސްޓް ޑާންސާގެ ޖަޖުންނަކީ މަލައިކާ އަރޯރާ ޚާން އާއި ކޯރިއޮގްރާފަރު ގީތާ ކަޕޫރާއި ޓެރެންސް ލުވިސް އެވެ. ޝޯ ހޯސްޓްކުރަނީ ކޮމޭޑީއަން ބާރްތީ ސިންގް އާއި އޭނާގެ ފރިމީހާ ހަރްޝް ލިމްބަޗިޔާ އެވެ.

ޕްރޮޑިއުސަރު ބުނި ގޮތުގައި ޖަޖުންނާއި ހޯސްޓުން ވެސް ޝޯގެ ޝޫޓިންގަށް އަންނަން އެއްބަސްވެފައިވާ ކަމަށެވެ. އަލުން ޝޫޓިން ފަށާއިރު ކަންކަން ހިނގާނެ ގޮތުގެ ބްލޫޕްރިންޓް މިހާރު އެންމެންނާ ހިއްސާ ކޮށްފައިވާނެ ކަމަށާއި ޖަޖުންނާއި ހޯސްޓުން ސެޓަށް އަންނަ ގޮތަށް ކޮންމެ މީހަކުވެސް ދާން ޖެހޭނީ އެމީހެއްގެ ވެނިޓީ ވޭނަށް ކަމަށް ޕްރޮޑިއުސަރު ބުންޏެވެ.

ވެނިޓީ ވޭން މުޅިން ޑިސްއިންފެކްޓްކޮށްފައިވާނެ ކަމަށާއި އެންމެން ވެސް ގެއިން އަންނާނީ މޭކްއަޕްކޮށް ތައްޔާރުވެގެން ކަމަށް ވެސް އޭނާ ކިޔައިދިނެވެ. ސެޓުގައި ހުންނާނީ މޭކްއަޕް ރަނގަޅުކޮށް ހެދުން ރަނގަޅުކޮށްދީ ހަދަން ހަމަ އެންމެ މީހެކެވެ.

ޕްރޮޑިއުސަރު ބުނި މި ވަގުތު އެންމެން ވެސް ތިބީ އެމީހެއްގެ ފުރާނައަށް ބިރުންކަމަށާއި އެހެންވީމާ މި ދަނޑިވަޅުގައި އޭނާގެ ޝޯގައި ބައިވެރިވާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އޭނާގެ ޒިންމާއެއް ކަމަށެވެ.
ހުރިހާ އެންމެން ވެސް ގެއިން އަންނަން ޖެހެނީ އެމީހަކު ކާނެ ބޯނެ އެއްޗެތި ހިފައިގެންނެވެ. ވީމާ ކުރިން ޝޯ ޝޫޓް ކުރާއިރު ސެޓުގައި އޮންނަ މަޖާ ހަލަބޮލި ރޫހު މި ވަގުތު އަދި ނޯންނާނެކަމަށް ޕްރޮޑިއުސަރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޝޯގެ އިންތިޒާމްތައް ފުރިހަމަކުރުމަށްފަހު ކަމާ ބެހޭ ސިއްހީ އިދާރާތަކަށް އެންގުމުން އެމީހުން އައިސް ރަނގަޅަށް ބަލާފައި ޝޫޓްކުރުމުގެ ހުއްދަ ދިނުމުން ނޫނީ ޝޫޓިން ނުފެށޭނެ ކަމަށެވެ. ވީމާ ކުރިޔަށް އޮތް ހަފުތާ ތެރޭގައި ފެށޭތޯ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.